އަންނަ މަސް ތެރޭގައި އޮންނަ އާސިއާން ސަރަހައްދުގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް، އޭއެފްއެފް މިޓްސުބިޝީ ކަޕްގައި ވާދަކުރަން ތައްޔާރުވާ މެލޭޝިއާއިން ރާއްޖެއާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅޭނެ ކަމަށް އިއުލާނުކޮށްފިއެވެ.

ރާއްޖޭގެ ގައުމީ ޓީމުން، މެލޭޝިއާގައި ކުޅުމަށް ހަމަޖެހިފައިވާ އެކުވެރިކަމުގެ މެޗު އޮންނާނީ އަންނަ މަހުގެ 14 ވަނަ ދުވަހު، އެ ގައުމުގެ ބުކިޓް ޖަލީލްގައި ހުންނަ ގައުމީ ސްޓޭޑިއަމްގައެވެ. މެލޭޝިއާއިން އޭއެފްއެފް ކަޕްގެ ކުރިން ރާއްޖޭގެ އިތުރުން ދެން އެކުވެރިކަމުގެ މެޗު ކުޅޭނީ މުބާރާތުގައި ވާދަކުރާ ކެމްބޯޑިއާއާ ދެކޮޅަށެވެ. އެއީ އަންނަ މަހުގެ ނުވަ ވަނަ ދުވަހުއެވެ. އެކުވެރިކަމުގެ މެޗާ ގުޅިގެން ރާއްޖޭގެ އެފްއޭއިން އަދި ވަކި އެއްޗެއް އަންގާފައި ނުވި ނަމަވެސް، ރާއްޖެއިންވެސް ދަނީ ފީފާގެ އެކުވެރިކަމުގެ މެޗަކަށް ތައްޔާރުވުމުންނެވެ.

މިދިޔަ މަހުގެ އިންޓަނޭޝަނަލް ބްރޭކުގައި ރާއްޖެއިން ލާއޯސް އާއި ބުރުނާއީއާ ދެކޮޅަށް ކުޅެ މޮޅުވެފައިވާ އިރު، ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ބުނަމުންދަނީ ޓީމުގެ ސްޓައިލް ރަނގަޅުކުރަން އިތުރު އެކުވެރިކަމުގެ މެޗުތަކެއް އަދިވެސް ބޭނުންވާ ކަމަށެވެ. ސީޒަން ބްރޭކުގައި ސީނިއާ ބައެއް ކުޅުންތެރިން އެކިއެކި މުބާރާތްތަކުން ފެންނަ އިރު، ކޯޗު މޮރިއޭރޯ މިހާރުވެސް ދަނީ ޒުވާން ބައެއް ކުޅުންތެރިންނާއެކު ފަރިތަކުރުންތަކެއް ކުރިއަށް ގެންދަމުންނެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި އެ ފަރިތަކުރުންތަކަކީ ޒުވާން ކުޅުންތެރިންގެ ތެރެއިން ގައުމީ ޓީމުގެ ޕޫލުގައި ހިމެނޭ ކުޅުންތެރިންގެ ފެންވަރު ރަނގަޅުކޮށް، ގައުމީ ޓީމަށް އެރުމަށް ކުޅުންތެރިން ތައްޔާރުކުރުމަށް ކޯޗު މޮރިއޭރޯ ކުރަމުންދާ މަސައްކަތެކެވެ.

މެލޭޝިއާއިން ތައްޔާރުވަމުންދާ އޭއެފްއެފް ކަޕަކީ އާސިއާން ޒޯންގެ އެންމެ ބޮޑު މުބާރާތެވެ. 1996 ވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރަކުން އެއް އަހަރު އެ މުބާރާތް ބާއްވަމުން އަންނަ އިރު، ކޮވިޑާ ގުޅިގެން މުބާރާތަށް މެދުކެނޑުމެއް އައުމަށްފަހު އޭގެ ފަހުން ދެން ބޭއްވީ 2020 ވަނަ އަހަރު ސިންގަޕޫރުގައެވެ. އެ މުބާރާތުގެ ޗެމްޕިއަން ނެގީ ތައިލެންޑެވެ. ތައިލެންޑުން މިހާތަނަށް ރެކޯޑު ހަ ފަހަރު އޭއެފްއެފް ކަޕް ކާމިޔާބު ކޮށްފައިވާ އިރު، ސިންގަޕޫރުން ވަނީ މުބާރާތް ހަތަރު ފަހަރު ކާމިޔާބު ކޮށްފައެވެ. މެލޭޝިއާއިން މިހާތަނަށް މުބާރާތް ކާމިޔާބުކުރީ ހަމައެކަނި 2010 ވަނަ އަހަރުއެވެ.

ރާއްޖެ އާއި ކެމްބޯޑިއާއަކީވެސް މެލޭޝިއާއަށްވުރެ ރޭންކިން ދަށް ދެ ގައުމުކަމަށް ވުމުން އެކަމަށް ބައެއް ފަރާތްތަކުން ފާޑު ކިޔާފައިވީ ނަމަވެސް ކޯޗު ކިމް ޕެން-ގޮން ވަނީ އެކަން ދިފާއު ކޮށްފައެވެ. ކޯޗު ބުނީ ރާއްޖެއަކީ ދެކުނު އޭޝިއާގެ ޗެމްޕިއަންކަން ހޯދާފައިވާ، ސަރަހައްދީ ފުޓުބޯޅައިގެ ސްޓައިލަށް ކުޅޭ ޓީމެއް ކަމަށެވެ. ހާއްސަކޮށް އޭއެފްއެފް ކަޕްގައި މެލޭޝިއާ ހިމެނޭ ގްރޫޕް ބީގައި ހިމެނޭ ލާއޯސްއާ ދެކޮޅަށް ރާއްޖެއިން މިދިޔަ މަހު އެކުވެރިކަމުގެ މެޗެއް ކުޅެފައި އޮތުންވެސް އެއީ ރާއްޖެއާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅެން ރޭވި ސަބަބެއް ކަމަށް ކޯޗު ޕެން-ގޮން ބުނެފައިވެއެވެ.

މެލޭޝިއާ އޭއެފްއެފް ކަޕްގައި ކުޅޭ ގްރޫޕް ބީގައި ހިމެނެނީ ވެއިޓްނާމާއި ސިންގަޕޫރުގެ އިތުރުން މިޔަންމާ އާއި ލާއޯސްއެވެ.

ރާއްޖެއިން މެލޭޝިއާ ގައުމީ ޓީމާ ދެކޮޅަށް މީގެކުރިން ހަތަރު މެޗެއް ކުޅެފައިވެއެވެ. އެ ހަތަރު މެޗުވެސް މެލޭޝިއާގައި ކުޅެފައިވާ އިރު، އޭގެ ތެރެއިން ތިން މެޗަކީ އެކުވެރިކަމުގެ މެޗުތަކެވެ. 2002 ވަނަ އަހަރު ކުޅުނު އޭޝިއަން ގޭމްސްގެ މެޗުގައި ރާއްޖެ މެލޭޝިއާ ކައިރިން 3-1 އިން ބަލިވި އިރު، އެންމެފަހުން 2018 ވަނަ އަހަރު ކުޅުނު މެޗުގައި ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. އަނެއް ދެމެޗުންވެސް ރާއްޖެ ބަލިވެފައިވާ އިރު، އެއީ 2000 ވަނަ އަހަރު ކުޅުނު ދެމެޗެވެ. އެ ދެމެޗުން ބަލިވީ 3-0 އަދި 2-0ގެ ނަތީޖާތަކަކުންނެވެ.