ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަން އަހަރަކު އެއްފަހަރު ބާއްވަން ޖެހޭގޮތް ހެދުމަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ހުށަހެޅި ބިލު ފާސް ނުކުރަން އެ ބިލު ދިރާސާ ކުރުމަށް ފޮނުވި ލާމަރުކަޒީ ކޮމިޓީން ނިންމައިފިއެވެ.
ސަރުކާރުގެ ފަރާތުން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު ހުށަހެޅުއްވި އެ ބިލުގައި ވަނީ އެ އިންތިހާބުތައް ބާއްވާނީ އެއިން ކައުންސިލެއްގެ ނުވަތަ ކޮމިޓީއެއްގެ ގޮނޑި ހުސްވިކަން އަންގާތާ ގިނަވެގެން 365 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ކަމަށާއި ނަމަވެސް ކައުންސިލުގެ ނުވަތަ ކޮމިޓީގެ ގާނޫނީ އަދަދު ހަމަވާ މިންވަރަށް މެންބަރުން ނެތް ހާލަތެއްގައި 60 ދުވަހުގެ ތެރޭގައި ބައި-އިލެކްޝަން ބާއްވަން ޖެހޭނެ ކަމަށެވެ.
ގާނޫނުގައި މިހާރު އޮންނަނީ ކައުންސިލް އަދި ޑަބްލިޔުޑީސީން ހުސްވާ ގޮނޑިއަށް މީހަކު އިންތިހާބު ކުރުމަށް ބާއްވަން ޖެހޭ ބައި-އިލެކްޝަންތައް 60 ދުވަހުގެ ތެރޭގައި ބާއްވަންވާނެ ކަމަށެވެ.
ގާނޫނަށް މި އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހަޅާފައިވަނީ އަވަސް އަވަހަށް ބައި-އިލެކްޝަންތައް ބާއްވަން ޖެހުމުން އެކަމަށް ކުރަން ޖެހޭ ހަރަދު ބޮޑުވެ، ދައުލަތުގެ ހަރަދު ބޮޑުވަމުންދާތީއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ، މިދިޔަ އަހަރު އަންހެނުންގެ ކޮމިޓީތަކުގެ 11 ބައި-އިލެކްޝަން އަދި މި އަހަރުގެ މިހާތަނަށް ގާތްގަނޑަކަށް 20 ބައި-އިލެކްޝަން ބާއްވާފައިވާ ކަމަށެވެ. އިންތިހާބުތަކަށް އެ ކޮމިޝަނަށް 1.5 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވާ އިރު، އަންހެނުންގެ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް ބާއްވައިގެން މި އަހަރު މިހާތަނަށް 1.4 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
އެ ބިލާބެހޭގޮތުން ކޮމިޓީން ނިންމި ނިންމުގައި ބުނެފައިވަނީ، ބިލުގައި މިހާރު އޮތް އިސްލާހުތަކާއެކުއެކީ ގެންނަން ޖެހޭ އިސިްލާހުތަކެއް އެބަހުރި ކަމަށެވެ. އެ ބިލާބެހޭގޮތުން މަޖިލިސް ތަޅުމުގައި މެންބަރުން ފާޅުކުރެއްވި ހިޔާލުތަކަށް ރިއާޔަތް ކުރާއިރު، ބައި އިލެކްޝަން ބޭއްވުމާ ގުޅޭ މާއްދާތަކަށް އިސްލާހު ގެނައުމަކީ މިވަގުތަށް މުހިއްމު ކަމެއްނޫންކަމަށް ކޮމެޓީ މެންބަރުން ހިޔާލު ފާޅުކުރައްވައިފައިވާކަމަށެވެ.
ބައިއިލެކްޝަން ބޭއްވުމާ ގުޅޭ ގޮތުން ބިލުގައި ހިމެނޭ އެންމެހައި މާއްދާތައް އުނިކުރުމަށް ކޮމެޓީގެ އިއްތިފާގުން ނިންމާފައިވާތީ، ބިލުގެ މަގުސަދު ގެއްލިފައިވާ ކަމަށްވެސް ބުނެފައިވެއެވެ. އެހެންކަމުން އެ ބިލު ފާސްކުރަން ނުފެންނަ ކަމަށް ކޮމެޓީ މެންބަރުންގެ އިއްތިފާގުން ނިންމައި ބިލު ވަނީ މަޖިލިސް ތަޅުމަށް ފޮނުވައިފައެވެ.