ފްރާންސް ލީގުގައި ރޭ ޕީއެސްޖީން ކުޅުނު މެޗުގައި 4-3 އިން ޓްރޯޔެސް ބަލިކޮށްފިއެވެ.
ޕީއެސްޖީ ދަނޑުގައި ރޭ ކުޅުނު މެޗުން ހޯދި މޮޅާއެކު އެޓީމުން ވަނީ އެއްވަނައިގައި ދަމަހައްޓަމުން އަންނަ ފަސް ޕޮއިންޓްގެ ލީޑު ދަމަހައްޓައިފައެވެ. މިހާތަނަށް ކުޅުނު 13 މެޗުން 35 ޕޮއިންޓް ޕީއެސްޖީ ހޯދާފައިވާ އިރު، ދެވަނައިގައި އޮތް ލެންސަށް 13 މެޗުން ލިބެނީ 30 ޕޮއިންޓެވެ.
ރޭގެ މެޗުގައި ޕީއެސްޖީން ދެފަހަރަށް ފަހަތުން އަރައި ނަތީޖާ އަނބުރާލަން ޖެހިފައިވާ އިރު، ފޯވަޑް ލައިންގެ ތިން ކުޅުންތެރިންވެސް ގޯލު ޖަހައިފައިވެއެވެ. އެއީ ނޭމާއާއި ލިއޮނެލް މެސީގެ އިތުރުން ކިލިއަން އެންބާޕޭއެވެ. ދުނިޔޭގައި މިވަގުތު އޮތް އެންމެ ވަރުގަދަ ފޯވަޑް ލައިނުގެ ގޮތުގައި ގިނަ ބަޔަކު ޕީއެސްޖީގެ ފޯވަޑް ލައިން ސިފަކުރެއެވެ. އެ ތިން ކުޅުންތެރިން ސީޒަނުގެ މިހާތަނަށްވެސް 43 ގޯލު ޖަހައިފައިވެއެވެ.
މެޗުގައި ޕީއެސްޖީގެ ފުރަތަމަ ގޯލު ކާލޯސް ސޮލާ ޖެހި އިރު، އަނެއް ގޯލުތައް ޖެހީ މެސީ، ނޭމާ އަދި އެމްބާޕޭއެވެ. ރޭގެ މެޗުގައި މެސީ ޖެހި ހިތްގައިމު ގޯލަކީ އޭނާ މި ސީޒަނުގައި ޖެހި 12 ވަނަ ގޯލެވެ. ރޭގެ މެޗުގައި ނޭމާ ޖެހި ގޯލަށް އެސިސްޓްކޮށް މެސީ ވަނީ މި ސީޒަނުގައި ކުޅުނު 12 މެޗުން 10 އެސިސްޓްވެސް ފުރިހަމަ ކޮށްފިއެވެ. މިއީ މެސީގެ ކެރިއަރުގައިވެސް އެހާ އަވަސް ރޭޓެއްގައި 10 އެސިސްޓް ފުރިހަމަކުރި ފުރަތަމަ ފަހަރެވެ.
މެޗުގައި ޓްރޯޔެސްގެ ގޯލުތައް ޖެހީ މާމާ ބާލްޑޭއާއި އަންޓެ ޕަލަވެރްސާއެވެ. ބާލްޑޭ ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ. ޕީއެސްޖީ އަދި މި ސީޒަނުގައި ބަލިވެފައެއް ނުވެއެވެ. އެޓީމުން ދެން އެންމެ އަވަހަށް ކުޅެން ޖެހޭ މެޗަކީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖު ފަހު މެޗުގައި ޔުވެންޓަސްއާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗުން މޮޅުވެ، ޗެމްޕިއަންސް ލީގު ގްރޫޕު ސްޓޭޖުގެ އެއްވަނަ ހޯދުމަށް ޕީއެސްޖީއަށް ފުރުސަތު އެބައޮތެވެ.
ޕީއެސްޖީ
ޕީއެސްޖީ
ޕީއެސްޖީ
ޕީއެސްޖީ