ބާސެލޯނާ

ބޮޑެތި ޓްރާންސްފާތަކާއެކު ސީޒަނަށް ނުކުތް ބާސާ މިފަހަރުވެސް ޔޫރޮޕާ ލީގަށް

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން މިފަހަރުވެސް ބާސެލޯނާ ކަޓައިފިއެވެ.

މިފަހަރުގެ ސީޒަނަށް ބޮޑެތި ޓްރާންސްފާތަކަކާއެކު ތައްޔާރުވި ބާސާ، ޗެމްޕިއަންސް ލީގުން ކަޓާފައިވަނީ ގްރޫޕް ސްޓޭޖުގައި މިރޭ ބަޔާން މިއުނިކާ ދެކޮޅަށް ކުޅެން އޮތް މެޗަށް ނުވެސް ނުކުންނަނީހެވެ. އެއީ ބާސާ ގްރޫޕުގައި ހިމެނޭ އިންޓަ މިލާނުން ވިކްޓޯރިއާ ޕްލެޒެން 4-0 އިން މިރޭ ބަލިކުރުމުންނެވެ.

ޗެމްޕިއަންސް ލީގު ގްރޫޕް ސީގައި މިރޭ ކުޅުނު މެޗުގައި އިންޓައިން ވިކްޓޯރިއާ ޕްލެޒެން ބަލިކުރުމުން އެޓީމަށް ވަނީ ފަސް މެޗުން 10 ޕޮއިންޓް ލިބިފައެވެ. ބާސާއަށް ހަތަރު މެޗުން ހަތަރު ޕޮއިންޓް ލިބިފައި އޮތް އިރު، ބާސާއިން ދެން ގްރޫޕުގައި ކުޅެން އޮތް ދެ މެޗުން މޮޅުވިޔަސް ޕޮއިންޓުގެ ގޮތުން އިންޓައަށްވުރެ ކުރިއަކަށް ނޭރޭނެއެވެ. އިންޓައާ ޕޮއިންޓުގެ ގޮތުން ހަމަހަމަ ކުރެވުނު ނަމަވެސް ދެން ބަލާނީ ހެޑް ޓު ހެޑް ރެކޯޑަށެވެ. އެ ރެކޯޑަށް ބަލާއިރު ގްރޫޕް ސްޓޭޖުގައި ބާސާ އޮތީ އިންޓަ އަތުން އެއް މެޗުން އެއްވަރުވެ، އަނެއް މެޗުން ބަލިވެފައެވެ.

އެ ގްރޫޕުގެ އެއްވަނައިގައި މިވަގުތު ބަޔާން މިއުނިކް އޮތީ ހަތަރު މެޗުން 12 ޕޮއިންޓާއެކުގައެވެ. މިރޭ ބާސާއާ ދެކޮޅަށް ކުޅޭ މެޗުން މޮޅެއް ހޯދައި ބަޔާނަށް ގްރޫޕުގެ އެއްވަނަ ޔަގީން ކުރެވޭނެއެވެ.

ބާސާއިން މިސީޒަނަށް ތައްޔާރުވީ ބޮޑެތި ހަރަދުތަކެއް ކޮށް، ބޮޑެތި ޓްރާންސްފާތަކެއްވެސް ކޮށްގެންނެވެ. އެގޮތުން ބަޔާން މިއުނިކަށް ކުޅެމުންދިޔަ ޕޮލެންޑްގެ ފޯވަޑް ރޮބާޓް ލެވަންޑޯސްކީ، ފްރާންސްގެ ޑިފެންޑަރު ޖޫލްސް ކޫންޑޭއާއި ބްރެޒިލްގެ ވިންގް ރަފީނިއާ، އޭސީ މިލާނަށް ކުޅުނު ފްރޭންކް ކެސޭއާއި ޗެލްސީން ގެންދިޔަ މާކަސް އެލޯންސޯ އަދި އަންދްރޭސް ކްރިސްޓިއަންސަންއަކީ ވެސް މިސީޒަނަށް ގެންދިޔަ ކުޅުންތެރިންނެވެ. އަދި އޭގެ އިތުރުން އެޓީމުން ވަނީ ހެކްޓާ ބެލަރިންވެސް މިސީޒަނަށް ގެންގޮސްފައެވެ.

މިދިޔަ ސީޒަނުގައިވެސް ޗެމްޕިއަންސް ލީގުން ކަޓައި ބާސާ ޔޫރޮޕާގައި ކުޅެން ޖެހިފައިވާ އިރު، އެޓީމުން މިފަހަރުގެ ސީޒަނަށް ބޮޑެތި ހަރަދުތައް ކުރީ "އެކޮނޮމިކަލް ލެވާ" ތައް އެކްޓިވޭޓްކޮށް، ކްލަބުގެ ބައެއް އެސެޓްތަކުގެ ހިއްސާ، އަދި މުސްތަގުބަލުގެ ބައެއް އަހަރުތަކަށް ޓީވީ ރައިޓްސްވެސް ވިއްކައިގެންނެވެ.

އެ ހަރަދުތައް ފޫބެއްދުމަށް އެންމެ މުހިއްމު އެއް ކަމަކަށް ވެފައި އޮތީ ޔޫރަޕުގެ އެންމެ ބޮޑު މުބާރާތް، ޗެމްޕިއަންސް ލީގުގައި ރަނގަޅު ކާމިޔާބީއެއް ހޯދައި ގިނަ މެޗުތަކެއް ކުޅުމެވެ. އެއީ ޗެމްޕިއަންސް ލީގުގެ މެޗުތަކުގެ ޓީވީ ރައިޓްސްއިންވެސް ބޮޑު އާމްދަނީއެއް އިތުރުވާނެތީއާއި، ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖު ފަހަނައަޅައި ދިއުމުން ޔޫއެފާއިން ހާއްސަ ފައިސާގެ އެހީތެރިކަމެއްވެސް ދޭތީއާއެކުގައެވެ.

މިރޭ އިންޓައިން ކުޅުނު މެޗުގައި ވިކްޓޯރިއާ ކޮޅަށް ގޯލުތައް ޖެހީ ހެންރިކް މިކިތާރިއަންއާއި، އެޑިން ޒެކޯގެ އިތުރުން ރޮމެލޫ ލުކާކޫއެވެ. މެޗުގައި ޒެކޯ ވަނީ ދެ ގޯލު ޖަހައިފައެވެ.