މި ދުވަސްވަރަކީ ފޯޅަވަހީގެ ވާހަކަ ޢާއްމުވެގެން އުޅޭ ދުވަސްވަރެކެވެ. ރައްޔިތުންގެ މަޖިލީހުގައްޔާއި، މީސް މީޑިއާގެ އެކިއެކި އަށިތަކުގައި ދިވެހީން ޚިޔާލު ފާޅުކޮށް ބަހުސްކުރަމުން ގެންދާ އެއް ވާހަކައަކީ ފޯޅަވަހި ނުވަތަ ޗާގޯސްއަކީ ދިވެހިރާއްޖޭގެ ތަނެއްކަމާ މެދުގައެވެ. ތާރީޚުގެ އަލީގައި އެކަމުގައި އެއްވެސް ޙަޤީޤަތެއް ވޭތޯ ބަލާލީމެވެ. މިގޮތުން ފޯޅަވައްސަކީ ކޮބައިކަމާއި، އެތަނާ ދިވެހިރާއްޖެއާ އޮތް ގުޅުމަކީ ކޮބައިކަމާއި، ފޯޅަވަހީގެ ތާރީޚުގެ މައްޗަށް މި ލިޔުމުގައި ކޮންމެވެސް ވަރަކަށް ބަލާލާނަމެވެ. ފެންނަން ހުރި ލިޔެކިޔުންތަކާއި ޙަޤީޤަތްތަކުގެ އަލީގައެވެ.
ފޯޅަވަހި ނުވަތަ ޗާގޯސްގެ ރަށްތަކަކީ އައްޑުއަތޮޅުގެ ދެކުނުން ގާތްގަނޑަކަށް 455 ކިލޯމީޓަރު (245 ނޯޓިކަލް މޭލު) ދުރުގައި، އިންޑިޔާ ކަނޑުގައި އޮންނަ އަތޮޅުތަކެކެވެ. މި އަތޮޅުތަކުގައި 60 އަށްވުރެ ގިނަ ރަށް ހިމެނިގެންވެއެވެ. ފޯޅަވަހީގެ އަތޮޅުތަކަކީ "މޯލްޑިވް ރިޖް" ނުވަތަ "ލަކްޝަދްވީޕް-ޗާގޯސް ރިޖް" އޭ ކިޔާ ކަނޑުއަޑީގެ ކުންނުފަތީގެ އެންމެ ދެކުނަށް ހުރި އަތޮޅުތަކެވެ. ފޯޅަވަހީގެ ޖޯގްރަފީއަށް ބަލާއިރު ދިވެހިރާއްޖެއާ ޚިލާފަށް ފުރިހަމަ އަތޮޅުތަކެއްގެ ސިފަ ލިބިފައިވާ އަތޮޅުތަކަށްވުރެ ގިނައީ ކަނޑުގެ ސަތަޙައިގެ އަޑީގައިވާ އަތޮޅުތަކާއި ތިލަތަކެވެ. ދިވެހިރާއްޖޭގެ އަތޮޅުތަކާ އެއްގޮތް ސިފަތަކެއް ލިބިގެންވާ އޮތީ އެންމެ ހަތަރު އަތޮޅެވެ. އެއީ ޕެރޮސް ބަންހޮސް އަތޮޅާއި، ސަލޮމޮން އައިލެންޑްސް އާއި، އެގްމޮންޓް އައިލެންޑްސްއާއި، ޑިއެގޯ ގާސިއާއެވެ. މީގެ އިތުރުން އަތޮޅުގެ ބޮޑުބައި ކަނޑުއަޑީގައިވާ ގްރޭޓް ޗާގޯސް ބޭންކްއަކީ ވެސް ދިވެހިރާއްޖޭގެ އަތޮޅުތަކާ އެއްގޮތް އަތޮޅަކަށް ނުވިކަމުގައިވިޔަސް އަތޮޅެއްގެ ސިފަ ލިބިގެންވާ ތަނެކެވެ. މުޅި ދުނިޔޭގައިވެސް އޮތް އެންމެ ބޮޑު އަތޮޅަކީ މިއީއެވެ. މި އަތޮޅުގެ ބޮޑުމިނުގައި 12642 އަކަކިލޯމީޓަރު ހުރެއެވެ. އާދެ، ދިވެހިރާއްޖޭގައި އޮތް އެންމެ ބޮޑު ޤުދުރަތީ އަތޮޅަށްވުރެ އެތައްތަނުން ބޮޑު އަތޮޅެކެވެ. ދިވެހިރާއްޖޭގެ އެންމެ ބޮޑުއަތޮޅު ކަމުގައިވާ ތިލަދުންމަތި-މިލަދުންމަޑު ހިމެނޭ ގުދުރަތީ އަތޮޅުގެ ބޮޑުމިނަކީ 3788.71 އަކަކިލޯމީޓަރެވެ. މީގެ އިތުރުން ދެން އޮތީ ކަނޑުގެ ސަޠަޙައިން އަޑީގައިވާ 5 އަތޮޅާއި، ރަށެއް ނެތް 2 އަތޮޅާއި، 2 ތިލައާއި ފަރެކެވެ. މި ހުރިހާ ތަނެއްގެ އެތެރެވަރީގެ ބޮޑު މިނަކީ 15427 އަކަކިލޯމީޓަރެވެ. ބިމުގެ ޖުމްލަ ބޮޑުމިނަކީ 56.13 އަކަކިލޯމީޓަރެވެ. އެންމެ ބޮޑު ރަށަކީ ޑިއެގޯ ގާސިއާއެވެ. އަތޮޅުގެ ވަށައިގެން އޮތް ފަރުގެ ދިގުމިނަށް އުފެދިފައި އޮތް ޑިއެގޯ ގާސިއާގެ ބޮޑުމިނުގައި 32.8 އަކަކިލޯމީޓަރު ހުރެއެވެ.
ފޯޅަވަހި ނުވަތަ ޗާގޯސް އަކީ ވަރަށް އިހުޒަމާނުއްސުރެ ދިވެހީން ދަންނަ ތަނެކެވެ. ދިވެހިރާއްޖޭގައި އެތަނަށް ކިޔާ ޢާއްމު ނަމަކީ ފޯޅަވައްސެވެ. އެހެންނަމަވެސް ހުވަދޫކަނޑުން ދެކުނުގެ އަތޮޅުތަކުގައި ކިޔައިއުޅެނީ ހޮއްޅަވައިއެވެ. ދިވެހީންނަށް ފޯޅަވަހި އެނގުނަސް އެތަނާބެހޭ މާބޮޑު މަޢުލޫމާތެއް އެނގޭކަމަކަށް ނުވެއެވެ. ފޯޅަވައްސާ އެންމެ ކައިރީގައި ހުރި ދިވެހިރާއްޖޭގެ އަތޮޅުތަކުގެ ދުވަސްވީ މީހުންނަށްވެސް ފޯޅަވައްސާބެހޭ ގޮތުން މާގިނަ މަޢުލޫމާތު ލިބިފައި ނެތް ކަމަށް ދިވެހިރާއްޖެއާބެހޭ ދިރާސާތަކެއް ކުރެއްވި ސްޕެއިންގެ މުއައްރިޚް ޝަވިއޭރް ރޮމޭރޯ ފްރިއާސް ލިޔުއްވާފައިވެއެވެ. އަދި އޭނާ ލިޔުއްވާފައިވާ ގޮތުން ފޯޅަވައްސަކީ އައްޑުއަތޮޅުގެ ދެކުނާއި ހުޅަނގުދެކުނުގައި ހުރި އެންމެހައި ޖަޒީރާތަކަށް ދިވެހީން ކިޔައިއުޅުނު ނަމެއް ކަމަށް އޭނާ ގާތު ދެކުނުގެ މުސްކުޅީން ބުނެފައިވާ ކަމަށްވެސް ލިޔުއްވާފައިވެއެވެ. މާނައަކީ ޗާގޯސްގެ ރަށްތަކުގެ އިތުރުން، ސޭޝެލްސްއާއި، މޮރިޝަސްއާއި، އެސަރަހައްދުގެ އެހެނިހެން ޖަޒީރާތައް ހިމެނިގެންދާނޭހެން ކިޔާފައިވާ ނަމެކެވެ. މިކަމަށް ހެކި ލިބޭ އަނެއް ކަމަކީ ދެކުނުގެ މުސްކުޅީންގެ ބަހުގައި ފޯޅަވަހީގައި ބޮޑެތި ބަރަވެލީގެ އިތުރުން މާކަންޒުކަހަނބު އުޅޭ ކަމަށް ބުނެވޭ ބުނުމެވެ. އެހެނީ މިދެންނެވި މާކަންޒުކަހަނބަކީ މިހާރުގެ ސޭޝެލްސްގެ އަތޮޅެއް ކަމުގައިވާ އަލްޑަބްރާ އަތޮޅުގައި ދިރިއުޅޭ އެއްޗަކަށްވާތީއެވެ. އެހެންނަމަވެސް ދިވެހީންގެ ނިޔަމި ފޮތްތަކުގައިވެސް ފޯޅަވަހި އޮންނަ ތަން ބަޔާންކޮށްފައިވާތީ ދިވެހީންނަށް އެތަން އެނގޭކަން ހާމަވެއެވެ. ޚާއްޞަކޮށް ދިވެހިރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ މީހުންނަށެވެ. މިގޮތުން އައްޑުއަތޮޅު ހުޅުދޫ އަރާއިރަގޭ މާލިމީ މޫސާ ތައްޚާނު ލިޔުއްވާފައިވާ ނިޔަމި ފޮތެއްގައި ފޯޅަވަހީގެ ވާހަކަ ބަޔާންކޮށްފައި އެބައޮތެވެ.
ދިވެހި ތާރީޚުގެ ފަތްފުށްތަކަށް ބަލާއިރު ފޯޅަވައްސާގުޅޭ ވާހަކަތަކެއް ފެންނާކަށް ނުހުރެއެވެ. އަދި ހަމަ އެހެންމެ ފޯޅަވަހި ކަމަށް ލަފާކުރެވިދާނެ ފަދަ ތަނެއްގެ ވާހަކަވެސް އަދި މިވީހާ ތަނަށް ފެނިފައިވާ އެއްވެސް ލޯމާފާނެއްގައި ވެސް އަދި ފަތްކޮޅެއްގައި ވެސް ނެތެވެ. އެހެންނަމަވެސް ދިވެހި ރަސްރަސްކަލުން ދިވެހިރާއްޖޭގެ ސަރަހައްދުގައި ފޯޅަވަހި ހިމަނާފައިވުމަކީ އެކަށީގެންވާ ކަމެކެވެ. އެރަށްތަކުގައި މީހުން ވަޒަންވެރިވެ ދިރިނޫޅޭތީ، ވަކި އިދާރީ އަތޮޅެއް ކަމަށް ނުވަތަ އަތޮޅުތަކެއް ކަމަށް ބަލާފައި ނުވަނީކަމަށްވެސް ވެދާނެއެވެ. އެހެނީ އިހުޒަމާނުގައި ދިވެހިރާއްޖޭގެ ރަސްރަސްކަލުން އެ ރަސްރަސްކަލުންގެ ލަގަބުގައި "12000 ރަށާއި 13 އަތޮޅުގެ ވެރިރަސްގެފާނު" ބޭނުންކޮށްފައިވާކަން ކުރީގެ ބައެއް މުއައްރިޚުންގެ ލިޔުންތަކުން ފެނެއެވެ. އަދި އެ ޒަމާނަށް ބަލާއިރު ދިވެހިރާއްޖޭގެ ދެކުނުން ހުރި ފޯޅަވަހީގެ ރަށްތަކާއި، އަދި ސޭޝެލްސްގެ ރަށްތަކާއި، މޮރިޝަސް ފަދަ ތަންތަނަކީ މީހުން އާބާދުވެ ދިރިއުޅެފައިވާ ތަންތަނަށް ނުވާތީ އެ ރަށްތައްވެސް ދިވެހިރާއްޖޭގެ ރަސްގެފާނުގެ ވެރިކަމުގެ ދަށުގައި ހުންނަ ތަންތަން ކަމަށް ބަލައިގެން އެހެން ކިޔައި އުޅުނީ ކަމަށްވުން އެކަށީގެންވެއެވެ. މިކަމަށް ބާރު ލިބޭ އަނެއް ހެތްކަކީ ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ހިލާލީ ދަރިކޮޅުގެ ނުވަވަނަ ޙަސަން ރަސްެގެފާނު (ޑޮމް މަނޮއެލް) ކޮޗިންގައި ހުންނަވާފައި، މީލާދީން 1560 ވަނަ އަހަރު ލިޔުއްވާފައިވާ ފަތްކޮޅެއްގައި ތިމަން މަނިކުފާނަކީ ދިވެހިރާއްޖޭގެ ރަށްތަކާއި، ސުއައިދޫގެ ތިން ޕަޓަނާއާއި، ފޯޅަވަހީގެ 7 ރަށުގެ ރަސްގެފާނު ކަމަށް ބަޔާންކުރައްވާފައިއޮވެއެވެ. މި ފަތްކޮޅުގެ ވާހަކަ ތަފާތު އެކި ފޮތްފޮތުގައި ބަޔާންވެގެންވެއެވެ. މިގޮތުން އެޗް.ސީ.ޕީ. ބެލްގެ އެހީތެރިކަމާއެކު އެލްބަޓް ގްރޭ، ތަރުޖަމާކުރެއްވި ޕީރާޑުގެ ދަތުރުނާމާގެ އިނގިރޭސި ތަރުޖަމާގެ ފުޓްނޯޓުގައި ވެސް މި ވާހަކަ ލިޔުއްވާފައިވެއެވެ. ޙަސަން ރަސްގެފާނު އެމަނިކުފާނުގެ ރަސްކަމުގެ ސަރަޙައްދުގެ ތެރޭގައި ފޯޅަވަހި ހިމަނުއްވާފައިވާތީ އެއީ މާކުރިން ފެށިގެން އެގޮތަށް އޮތް ކަމެއް ކަމަށް ދޭހަވެއެވެ. މާނައަކީ އެތަނަށް ބޭރުގެ އެއްވެސް ބަޔަކު ދަޢުވާކުރުމުގެ ކުރިން އެކަން އޮތްގޮތްކަން ދޭހަވެއެވެ.
ޙަސަން ރަސްގެފާނު މީލާދީން 16 ވަނަ ޤަރުނުގެ ތެރޭގައި އެ މަނިކުފާނުގެ ރަސްކަމުގެ ދާއިރާގެ ތެރޭގައި ފޯޅަވަހި ހިމަނުއްވާފައިވާއިރު ދިވެހިރާއްޖޭގެ ޤަދީމީ ޒަމާނުގެ ލިޔެކިޔުންތަކުން އެތަނުގެ ވާހަކަ ފެންނަންނެތީ ކީއްވެގެންތޯ ސުވާލު އުފެދެއެވެ. އަދި ހަމަ އެހެންމެ އިހުގެ ލިޔުންތަކުގައި ދިވެހިރާއްޖޭގެ ސަރަޙައްދަކީ ކެލައައްޑޫ ކަމަށާއި، މަލިކު ހިމެނުނު ފަހަރުތަކުގައި މަލިކައްޑޫ ކަމަށް ބަޔާންކޮށްފައި އޮންނަ އޮތުމުންވެސް އިތުރަށް ސުވާލު އުފެދިގެން ދެއެވެ. އެހެންނަމަވެސް އޭގެ ޖަވާބަކީ ކެލައައްޑޫ ނުވަތަ މަލިކައްޑޫއޭ ކިޔާފައި އޮތީ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ސަރަޙައްދަށް ނިސްބަތްކޮށްފައި ކަމަށްވުމެވެ. ނުވަތަ އެއީ ވެދާނެ ކަމެކެވެ. ބާކީ ހުރީ މީހުން ދިރިނޫޅޭ ތަންތަން ކަމުން އެތަންތަނުގެ ވާހަކަ އެ ސަރަޙައްދު ކިޔާއިރު ނުހިމަނަނީއެވެ. ކޮންމެއަކަސް ޙަޤީޤަތަކީ އިދާރީ ގޮތުން ފޯޅަވަހި ދިވެހިރާއްޖޭގެ ސަރަޙައްދުގައި ހިމަނާފައި އޮތްކަން އެނގޭނެ ކިތާބީ އެއްވެސް ހެތްކެއް ނެތެވެ.
މީލާދީން 17 ވަނަ ޤަރުނުގެ ކުރީކޮޅު ފަސް އަހަރެއްހާ ދުވަހު ދިވެހިރާއްޖޭގައި ދިރިއުޅެ ތަޖުރިބާ ލިބިފައިވާ ފަރަންސޭސި ޕީރާޑުގެ ދަތުރުނާމާގައި ފޯޅަވަހީގެ ވާހަކަ ބަޔާންކޮށްފައިވެއެވެ. އެހެންނަމަވެސް ދިވެހިރާއްޖޭގެ ބައެއްގެ ގޮތުގައެއް ނޫނެވެ. އޭނާވެސް ބަޔާންކޮށްފައި އޮންނަނީ އިދާރީ ގޮތުން ދިވެހިރާއްޖެ 13 އަތޮޅަކަށް ބަހާލެވިފައިވާ ކަމަށެވެ. އަދި އެ 13 އަތޮޅަކީ ތިލަދުންމައްޗާއި، މިލަދުންމަޑުލާއި، ފާދިއްޕޮޅާއި، މާޅޮސްމަޑުލާއި، އަރިއަތޮޅާއި، މާލެއަތޮޅާއި، މުލަކާއި، ނިލަންދޫއާއި، ހައްދުންމައްޗާއި، ސުވަދުވާއި އަދި އައްޑޫ/ފުވައްމުލައް ކަމަށެވެ. ޕީރާޑުގެ ދަތުރުނާމާގައި ލިޔެފައިވާ ގޮތުން ދިވެހިރާއްޖޭގެ ރަސްގެފާނު އައްސުލްޠާން އިބްރާހީމް (ކަލާފާނު)، ދެ ފަހަރެއްގެ މަތީން ފޯޅަވަހި ހޯއްދެވުމަށް ތަޖުރިބާކާރު މާލިމީއަކު ފޮނުއްވިއެވެ. އޭނާގެ ލިޔުމުގައި ފޯޅަވަހި ނިސްބަތްކޮށްފައި އޮންނަނީ އެންމެ ޖަޒީރާއަކަށެވެ. އަދި އެ ޖަޒީރާއަކީ ބިންގަނޑު މޮޅު، ހުރިހާ ބާވަތެއްގެ މޭވާ ހެދޭ ޖަޒީރާއެއް ކަމަށާއި، އަދި ދިވެހީންގެ މެދުގައި މަޤުބޫލު ތާވައްކާއްޓަކީ އެޖަޒީރާއިން ލިބޭ އެއްޗެެއް ކަމަށް ބައެއް ދިވެހީންގެ ވާހަކަތަކުން އެނގޭ ކަމަށްވެސް ޕީރާޑު ލިޔެފައިވެއެވެ. އެކަމަކު އޭރުގެ ދިވެހީން ޤަބޫލުކުރާ ގޮތުން އެއީ ޖިންނި ޝައިޠާނުންގެ އުނދަގޫ ވަރަށް ބޮޑަށް ފޯރާ ރަށެއް ކަމަށާއި، އޭގެ ސަބަބުން އެރަށާއި އެރަށު ފަޅުގައި އުފެދޭ ގަދަވަޔާއި، އޮޔާއި، ވިއްސާރައިގެ ސަބަބުން އޮޑިއަކަށް އެރަށުގެ ފަޅުގައި އަޅައިގެން ނޯވެވޭކަމަށްވެސް ޕީރާޑް ބަޔާންކޮށްފައިވެއެވެ. އަދި އެއްފަހަރަކު ބެހިގެން އެތަނަށް ދެވުނު ދިވެހި އޮޑިއަކަށްވެސް އެތަނުގައި އުޅޭ ޝައިޠާނުންގެ ތުރާ ކުރިމަތިވެގެން އޮޑި އަޅައިގެން ފަޅުގައި ނޯވެވުނު ކަމަށް ދިވެހީން ކިޔައިއުޅޭ ކަމަށް ޕީރާޑް ލިޔެފައިވެއެވެ.
ކޮންމެ އަކަސް ޕީރާޑް ބަޔާންކޮށްފައިވާ ގޮތުން އެ ދެ ފަހަރު ވެސް ތަޖުރިބާކާރު މާލިމީއަށް ފޯޅަވައްސެއް ނުފެނުނެވެ. އެނބުރި ރާއްޖެ ނުދެވި އަސޭ އާއި ސިލޯނަށް ދިޔަކަމަށާއި، ދެ ފަހަރު ވެސް ދަތުރުގައި ބައިވެރިވި ގިނަ އަދަދެއްގެ ބަޔަކަށް މަރުވި ކަމަށެވެ. އަދި ދެ ފަހަރުގެ ނާކާމިޔާބީއަށް ފަހުވެސް މާލިމީ ހިތްވަރު ދޫނުކުރާ ކަމަށާއި ފޯޅަވަހި ހޯދުން ހުއްޓާ ނުލާނެ ކަމަށާއި އެކަމުގައި މަރުވެ ނިމިދާންދެން އުޅޭނެ ކަމަށް އޭނާ ބުނެފައިވާ ކަމަށް ޕީރާޑް ބަޔާންކޮށްފައިވެއެވެ. ނުވަ ވަނަ ޙަސަން ރަސްގެފާނުގެ ދުވަސްވަރު ވެސް ދިވެހިރާއްޖޭގެ ރަސްގެފާނުގެ ދަށުގައި އޮތް ތަނެއް، އަދި އަމުދުން ދިވެހީން ދަންނަ ތަނެއް ހޯދަން އެ ހާލުގައި އުޅެން ޖެހިދާނެ ބާއޭ ވެސް ހިތަށް އަރައެވެ. އަދި ޙަސަން ރަސްގެފާނުގެ ފަތްކޮޅުގައި 7 ރަށް ކަމަށް ބަޔާންކުރާ ފޯޅަވައްސަކީ އެންމެ ރަށެއް ކަމަށް ޕީރާޑްގެ ދަތުރުނާމާގައި ލިޔެފައިވާތީވެސް ސުވާލު އުފެދެއެވެ. ކުރިން ލިޔެފައިވާނެ ފަދައިން ޗާގޯސްގެ ޖަޒީރާތަކުގެ ޢަދަދު 60 އަށްވުރެ ގިނައެވެ. ޢާއްމުކޮށް ހުރީ ދިވެހިރާއްޖޭގެ ރަށްތަކާ އެއް ސައިޒުގެ ރަށްތަކެކެވެ. އެހެންނަމަވެސް ޑިއެގޯ ގާސިއާއަކީ ދިވެހިރާއްޖޭގައި ނެތްވަރުގެ ބޮޑު ސިންގާ ރަށެކެވެ. ޕީރާޑް އެ ބަޔާންކުރި ފޯޅަވައްސޭ ކިޔުނު ޖަޒީރާއަކީ މިއީ ކަމަށްވެދާނެއެވެ. ޙަސަން ރަސްގެފާނު އެވިދާޅުވި 7 ރަށަކީ ކޮބައިކަމެއް ނޭނގެއެވެ.
އެޗް.ސީ.ޕީ. ބެލްގެ އެހީތެރިކަމާއެކު އެލްބަޓް ގްރޭ، އިނގިރޭސި ބަހަށް ތަރުޖަމާކުރައްވައި، 1887 ގައި ޝާއިޢުކުރެއްވި ޕީރާޑްގެ ދަތުރުނާމާގެ ފުޓްނޯޓުގައި ފޯޅަވައްސާ ބެހޭ ގޮތުން ލިޔުއްވާފައިވާ ލިޔުން މިތަނުގައި ހިއްސާކޮށްލާނަމެވެ. "ޕީރާޑް ޕޮއްލޮވޭ ކަމަށް ލިޔެފައިވަނީ ދިވެހީން ކިޔާ ފޯޅާވަހީގެ ވާހަކައެވެ. ފޯޅާވަހި ނުވަތަ ޕޮއްލޮވޭގައި އެއޮތް ފުރަތަމަ ބައިގެ އަސްލަކީ މެލޭ ބަހުން ޖަޒީރާއަށް ކިޔާ ޕުލޯ ކަމަށްވެދާނެއެވެ. އެތަނަކާ މެދު އެހާ ގިނަ ވާހަކަތަކެއް ވަށައިގެން ދައުރުވެފައިވާ މި ޖަޒީރާއަކީ ޗަގޯސްގެ ޖަޒީރާތަކުގެ ތެރެއިން ޖަޒީރާއެއް ކަމާމެދު ޝައްކެއް ނެތެވެ. ޗާގޯސްގެ ޕެރޯސް ބަންހޯސް އަތޮޅުގެ ވަރަށް ކުޑަ ޖަޒީރާއަކަށް މިހާރުވެސް ކިޔަނީ ޕޮއުލޭ އެވެ. އެހެންނަމަވެސް އެ ރަށްތަކަށް ކިޔާފައިވާ މި ނަންތަކަކީ ފަރަންސޭސި ބަހުން ކިޔާފައިވާ ނަންތަކެއް ކަަމަށްވާތީ މިއީ އެރަށަށް ވެދާނެ ކަމާމެދު ސުވާލު އުފެދެއެވެ. ދިވެހިރާއްޖެ އޮތް ތަނުގެ ސަބަބުންނާއި ދިވެހިރާއްޖޭގެ މޫސުމާއި، އިރާއި ހުޅަނގަށް ދެމޭ އޮއިގެ ސަބަބުން، ދިވެހިރާއްޖޭއާ އެހާ ކައިރީގައި އޮތް އިރުވެސް ޗާގޯސްގެ ރަށްތަކާބެހޭ މާބޮޑު މައުލޫމާތެއް ދިވެހީންނަށް ލިބިފައި ނެތުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫނެވެ. އެހެންނަމަވެސް ޕީރާޑް ބަޔާންކުރާ ގޮތާ ޚިލާފަށް ދިވެހީންނަށް ޗާގޯސްގެ އެއް ރަށަށްވުރެ ގިނަ ރަށާބެހޭ މަޢުލޫމާތު އެނގޭކަމަށް ބެލެވެއެވެ. އެހެނީ 1560 ގައި ކޮޗިންގައި ހުންނެވި ދިވެހިރާއްޖޭގެ ކުރީގެ ރަސްގެފާނު ޑޮމް މަނޮއެލް، އެމަނިކުފާނަކީ ދިވެހިރާއްޖޭގެ އިތުރުން ޕުއްލޮބޭ (ފޯޅަވަހި) ގެ ހަތް ރަށުގެ ވެސް ރަސްގެފާނު ކަމަށް ބަޔާންކޮށްފައި އޮވެއެވެ."
މީލާދީން 1554 އާއި 1640 އާ ދެމެދު ދިރިއުޅުނު ފަރަންސޭސި ދަތުރުވެރިޔާ ވަންސޯން ލުބްލޯން އޭނާގެ ދަތުރުނާމާގައި ލިޔެފައިވާ ބައެއް ވާހަކަ މިތަނުގައި ހިއްސާކޮށްލާނަމެވެ.
"ސިލޯނު ޖަޒީރާގެ ހުޅަނގު ދެކުނުގައި، ނުރައްކާތެރި ދޮންވެލިވެލިގަނޑާއި ގާތަކުން ފުރިގެންވާ ދިވެހިރާއްޖޭގެ ރަށްތައް އޮވެއެވެ. އެރަށްތަކާއިމެދު އަހަރެންނަށް ލިބިފައިވާ މަޢުލޫމާތުގެ މަދުކަމަށްޓަކައި އެރަށްތަކާބެހޭ ގޮތުން އިތުރު އެއްޗެއް ލިޔާކަށް ނެތީމެވެ. އަދި އެހެން ނޫނަސް އެހެން މީހުން ވަނީ އެރަށްތަކާއި ބެހޭގޮތުން ވަރަށް ފުރިހަމައަށް ތަފްސީލުކޮށް ލިޔެފައެވެ. ނަމަވެސް އަހަރެން ލިޔަން ގަސްދުކުރަނީ ދިވެހިރާއްޖޭގެ ދެކުުނުގައި ލައިނުން 12 ވަރަކަށް ދަރަޖައިގެ ދުރުގައި އޮންނަ އަޖައިބު ކުރުވަނިވި ޕޮލޮއުއީ ނުވަތަ ޕޮލޮއުވާއީ އޭ ކިޔާ ޖަޒީރާއެއްގެ ވާހަކައެވެ. އެއީ މިހާރު ފަޅަށް އޮތް، އެހެންނަމަވެސް ކުރިން މީހުން ދިރިއުޅުނު ކުރިއަރަމުން ދިޔަ ޖަޒީރާއެކެވެ. އަހަންނަށް ޕެގޫ (ބަރުމާގެ ރަށެއް) އިން މަޢުލޫމާތު ލިބުނު ގޮތުގައި އެރަށުގެ ވެރިޔަކީ އަރްގިއަކް އޭ ކިޔުނު ބޭފުޅެކެވެ. އެމަނިކުފާނަކީ ވަރަށް ގިނަ ޖަޒީރާތަކަކާއި ރާއްޖެތަކެއްގެ ރަސްގެފާނެވެ. އެމަނިކުފާނުގެ އެކިއެކި އަނބިއަނބިކަނބަލުންގެ ފަރާތުން ގިނަގުނަ ބޭފުޅުންތަކެއް ލިބިވަޑައިގެންނެވިއެވެ. އޭގެތެރެއިން އެންމެ ހިތްވަރުގަދަ ކެރޭ ދަރިކަލުން ކަމުގައިވި އަބްދެނަކްއަށް ވަރަށް ގިނަ ޚަޒާނާތަކާއެކީ އެރަށް ދެއްވިއެވެ.
މިގޮތުގެ މަތީން އެރަށް ފަސް އަހަރުވާންދެން އަމާންކަންމަތީ އަބްދެނަކްގެ މައްޗަށް އޮތެވެ. މިހެން އޮއްވާ އެމަނިއްޕުޅުގެ ބައްޕާފުޅު އަވަހާރަވެގެން ބައްޕާފުޅަށް އޮތް ސުމާތުރާގެ އަސޭގެ ރަސްކަން އެމަނިއްޕުޅުގެ ދޮށީ ބޭބޭފުޅު އަރްގިއަކް (ދެވަނަ) އަށް ލިބިވަޑައިގެންނެވިއެވެ. ނަމަވެސް ބޭބޭފުޅަށް ރަސްކަން ލިބިވަޑައިގެންނެވުމުން ބައްޕާފުޅުގެ ތަރިކައިން އަބްދެނަކްއަށް ވީ ބައި ދެއްވަން ދެކޮޅުހެއްދެވިއެވެ. އެކަމާ ކޯފާވެގެން ބަންގާޅުގެ ރަސްގެފާނުގެ އެހީފުޅާއެކީ ގުރާބުތަކެއް ހޯއްދަވައިގެން އަސޭއަށް ވަޑައިގެން ބޭބޭފުޅާ ހަނގުރާމަކުރައްވައި ބޭބޭފުޅުގެ އަވަށްތަކުގައި ހުޅުޖައްސަވައި، ބޭބޭފުޅަށް ތަބާވީ އެތައް ބަޔަކު ގަތުލުކުރައްވައި، ބައްޕާފުޅުގެ ތަރިކައިން އެމަނިއްޕުޅަށް ވީ ޚަޒާނާތައް އަތުލައްވައިގެން އެނބުރި ޕޮލޮއުއީ ވަޑައިގެންނެވިއެވެ. އެހެންނަމަވެސް އެ ހަނގުރާމައިގައި އެމަނިއްޕުޅު ވަރަށްބޮޑަށް ޒަޚަމްވެވަޑައިގެންނެވިއެވެ. އަދި އެ ޒަޚަމްތަކުން ފަސޭހަފުޅުނުވެ އަވަހާރަވާން އުޅޭކަން އެނގިވަޑައިގެންނެވުމުން އެމަނިއްޕުޅުގެ ހުރިހާ މުދަލެއް އެމަނިއްޕުޅުގެ ރައްޔިތުންގެ މެދުގައި ބެއްސެވިއެވެ. އެއަށްފަހު އެމަނިއްޕުޅު އަވަހާރަވުމުން އެރަށް ވާރުތަވާނޭ ފަރާތަކީ އެމަނިއްޕުޅުގެ ޝައިޠާނީ ރޫޙުކަމަށް ހެއްދެވިއެވެ. އަދި ޤިޔާމަތް ދުވަހުގައި އަލުން ވަޑައިގަތުމުގެ އުއްމީދުގައި އެހާތަނާ ޖެހޭންދެން އެރަށް ބެލެއްޓުމަށް، ޝައިޠާނީ ރޫޙާއެކީ އަޙުދުކަށަވަރު ހިއްޕެވިއެވެ. އެއަށްފަހު އެމަނިއްޕުޅު އަވަހާރަވިއެވެ.
އަބްދެނަކް އަވަހާރަވެ އެރަށް އެމަނިއްޕުޅުގެ ޝައިޠާނީ ރޫޙަށް ލިބުމާއެކީ އެރަށުގެ މައްޗަށް އޭނާގެ ޝައިޠާނީ ބާރުގަދަކޮށް، އެދުވަހުން ފެށިގެން އެރަށަކީ އިންސާނުންނަށް ދިރިނޫޅެވޭ ރަށަކަށް ވެއްޖެއެވެ. ހަމައެހެންމެ އެރަށާ ކައިރިވުމަކީވެސް ދަތިއުނދަގޫ ކަމަކަށް ވެއްޖެއެވެ. އެކަމުގެ ސަބަބުން އެރަށުގައި ދިރިއުޅުނު މީހުންވެސް އެރަށުން ފައިބައިގެން ކައިރި ރަށްތަކަށް ހިޖުރަކުރަން މަޖުބޫރުވިއެވެ. އަދި އެ ދުވަހުއްސުރެ އެއީ ފަޅުރަށެކެވެ. އެހެންނަމަވެސް އެރަށުގައި ގިނަ ޢަދަދަކަށް ދޫންޏާއި ޖަނަވާރު އުޅެއެވެ. ބައެއް ފަހަރު ދިވެހީންނަށް އޮޅިގެން އެރަށަށް ދެވެއެވެ. އެހެންނަމަވެސް އެތަނުގައި އުޅޭ ޖިންނި ޝައިޠާނުންގެ ތުރާލާހުރެ އެބައިމީހުންނަށްވެސް މަޑުކޮށްގެން ތިބެވޭ ވަރެއް ނުވެއެވެ."
ވަންސޯން ލުބްލޯންގެ ދަތުރުނާމާގައި އޭނާ ބަޔާންކޮށްފައިވާ މިވާ ވާހަކަތަކަކީ އޭނާއަށް ބަރުމާގެ ޕެގޫއޭ ކިޔުނު ރަށުން އިވުނު ވާހަކަތަކެއްގެ މައްޗަށް ލިޔެފައިވާ ބަޔާނެކެވެ. މި ވާހަކައާއި މެދު އެލްބަޓް ގްރޭއާއި އެޗް.ސީ.ޕީ. ބެލް ލިޔުއްވަނީ އެވާހަކަތަކީ ބޯދާ އެކި ވާހަކަތައް މަސްހުނިވެގެން އުފެދިފައިވާ ވާހަކައެއް ކަމަށެވެ. އަދި އެ ވާހަކައިގައި އަސޭއާއި ބަންގާޅުގެ ވާހަކަ އައުމުންނާއި، ވާހަކައިގައި ބަޔާންކުރާ ބައެއް ކަންކަމުން، އޭގައި އެބުނާ ރަށަކީ މާދުރުގައި އޮތް ޗާގޯސްގެ ރަަށަކަށްވުރެ ސުމާތުރާގެ އުތުރުން އޮންނަ ޕުލޮވޭ ކަމަށް ބެލެވޭ ކަމަށް އެދެ މުއައްރިޚުން ލިޔުއްވާފައިވެއެވެ. އެހެންނަމަވެސް މިވާހަކައަށް ބަލާއިރު މީގައި ޕީރާޑަށް، ފޯޅަވައްސާއި ބެހޭގޮތުން ދިވެހީންގެ ފުށުން އިވިފައިވާ ބައެއް ވާހަކަތަކާ އެއްގޮތް ކަންކަން ވެސް އެބަހުއްޓެވެ. އެއީ އެރަށުގައި ޖިންނި ޝައިޠާނުން އުޅޭ ވާހަކައާއި، އޭގެ އުނދަގޫ އެރަށަށް ދާ މީހުންނަށް ފޯރާކަމަށާއި، އެކަމާހުރެ އެރަށުގެ ފަޅުގައިވެސް ނޯވެވޭކަމަށާއި، ބެހިގެން ދެވުނު ދިވެހި އޮޑިއަކަށްވެސް އެކަން އެގޮތަށް ދިމާވެފައިވާ ކަމަށް ބުނާ ވާހަކައެވެ.
ޗާގޯސް ނުވަތަ ފޯޅަވައްސާއި ގުޅޭ ގޮތުން ލިޔާ މިހާރުގެ ލިޔުންތެރީންގެ ލިޔުންތަކުން މީގެ ކުރީގެ އެއްވެސް މުއަރިޚަކު ބަޔާންކޮށްފައިނުވާ ވާހަކަތަކެއް އެބަފެނެއެވެ. މިސާލަކަށް ފޯޅަވައްސަށް ދިވެހީން ފެހެންދީބު ކިޔާ ކަމަށް ލިޔެފައިވާ ވާހަކައާއި، ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި މުލީއާގެއިން ފެނުނު އިހުގެ ފަތްކޮޅުތަކާއި ލިޔުންތަކުގެ ތެރޭގައި އައްޑުއަތޮޅުގެ ބައެއް ރަށްރަށުގެ ނަމުގައި ފޯޅަވަހީގައި ވަގުފުކުރެވިފައިވާ ބިންބިމުގެ ވަގުފު ފަތްކޮޅުތަކެއް ހުރިކަމަށް ބުނާ ވާހަކައާއި، މި ވަގުފުފަތްތަކުގެ ތެރޭގައި އައްޑޫ މީދޫގެ ނަމުގައި ވަގުފުކުރެވިފައިވާ ބިމަކާގުޅޭ ވަގުފުފަތެއް ވެސް ފެނިފައިވާ ކަމަށް ލިޔެފައިވާ ލިޔުމެވެ. ނަމަވެސް އިހުގައި ޗާގޯސްއަށް ފެހެންދީބު ކިޔާފައިވާކަން އެނގޭނެ ފަދަ އެއްވެސް މަސްދަރެއް ހާމަކޮށްފައެއް ނުވެއެވެ. އަދި ދިވެހިރާއްޖޭގެ ތާރީޚާއި ގުޅޭ ގޮތުން ދިވެއްސަކުވެސް އަދި ބޭރުމީހަކުންވެސް ލިޔެފައިވާ އެއްވެސް ލިޔުމެއްގައި ފެހެންދީބުގެ ނަމެއް ގަނެފައެއް ނުވެއެވެ. އަދި ހަމައެހެންމެ އެބުނާ އެންމެ ވަގުފުފަތެއްވެސް އެއްވެސް ތާކު ފެންނާކަށް ނެތެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި މުލީއާގެއިން ފެނުނު މިދެންނެވި ފަތްކޮޅުތަކާއި ލިޔެކިޔުންތައް ސްކޭންކުރެވި އޭގެ މަޢުލޫމާތުތައް އެއްކުރެވި، އެ މަޢުލޫމާތު ހޯދަން ބޭނުންވާ ބަޔަކަށް ފެންނާން އެބަހުއްޓެވެ. ފޮތެއްގެ ސިފައިގައި މިހާރުވެސް ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގައި އެބައޮތެވެ. އަދި އޭގެ އަސްލުވެސް އެތަނުގައި އެބަހުއްޓެވެ. ރައީސް ނަޝީދުގެ ދުވަސްވަރު ޚުދު އަޅުގަނޑަށްވެސް އެ ފަތްކޮޅުތަކާއި ލިޔެކިޔުންތަކުގެ ސްކޭން ކޮޕީއެއް ލިބުނެވެ. ނަމަވެސް އެބުނާ ވަގުފުފަތެއް އެޔަކު ނެތެވެ. އަދި އެއިން އެއްވެސް ފަތްކޮޅެއްގައި އަދި ލިޔުމެއްގައި ފޯޅަވަހީގެ ވާހަކަވެސް ބަޔާންކޮށްފައި އޮއްވާ ނުދެކެވެ.
މީލާދީން 16 ވަނަ ޤަރުނުގައި އުޅުއްވި ދިވެހި ރަސްކަލަކު ފޯޅަވައްސޭ ކިޔުނު 7 ޖަޒީރާއެއް އެމިނިކުފާނުގެ ރަސްކަމުގެ ސަރަހައްދުގައި ހިމެނޭކަމަށް ބަޔާންކުރައްވާފައި އޮންނަ އޮތުމާއި، މީލާދީން 17 ވަނަ ޤަރުނުގެ ތެރޭގައި ދިވެހި ރަސްކަލަކު ފޯޅަވައްސޭ ކިޔާ ޖަޒީރާއެއް ހޯއްދަވަން ދެ ފަހަރެއްގެ މަތިން ތަޖުރިބާކާރު މޮޅު މާލިމީއެއް ފޮނުވައިގެން ނާކާމިޔާބުވީ ވާހަކައާއެކީ ފޯޅަވަހި ވަނީ ދިވެހީންގެ ތާރީޚުގެ ތެރެއިން ގެއްލިފައެވެ. އޭގެ ފަހުން އެއްވެސް ދުވަސްވަރެއްގައި ދިވެހިރާއްޖެއިން ފޯޅަވަހި ހޯދަން އުޅުނު ކަމެއް އެނގޭކަށް ނެތެވެ. ދެން އިވިފައި ހުރީ މުޅީންވެސް ބެހިގެން ދިޔަ ބަޔެއްގެ ވާހަކައެވެ. ކައިރީގައި އޮވެމެ، އަދި އެތަން އެނގިމެ، ދިވެހީން ވަޒަންވެރިނުވެ، ދިވެހީންގެ ވެރިކަމުގެ ބާރު ނުފޯރި އޮއްވާ އެތަނަށް ވެރިވީ މާދުރުން އައި ވިލާތު މީހުންނެވެ. ވިލާތު މީހުންގެ ތެރެއިން އެންމެ ފުރަތަމަ އެތަން ފެނިފައިވާ ކަމަށް ބުނެވެނީ ޕޯޗުގީޒުންނަށެވެ. މިގޮތުން އެބައިމީހުން އެ ޝަރަފު ދޭ މީހަކީ ޑޮމް ޕެދްރޯ މަސްކަރެންޔާސް އޭ ކިޔާ މީހެކެވެ. އެއީ މީލާދީން 1512-1513 ހާ ހިސާބުގައި ކަމަށް ބުނެވެއެވެ. އެހެންނަމަވެސް އެތަން ޗާޓުތަކަށް ފުރަތަމަ ފަހަރަށް އަރާފައިވަނީ 1532 ހާ ހިސާބުގައެވެ.
ފޯޅަވައްސާގުޅޭ ގުޅޭގޮތުން، އެތަނަށް ގޮސް އެތަން ދެކެފައިވާ މީހެއްގެ ލިޔުމަކަށް އެންމެ ކުރިން ފެންނަން އޮތް ލިޔުމަކީ މީލާދީން 22 އޮގަސްޓު 1555 ގައި ފޯޅަވަހީގެ އަތޮޅެއްކަމަށްވާ ޕެރޮސް ބަންހޮސްގެ ފަރަކަށް އުރުނު ޕޯޗުގަލްގެ "ކޮންސީސޯ" އޭ ކިޔުނު ނަވުން އެތަނަށް ދެވުނު މަނޮއެލް ހަންގޭލް ލިޔެފައިވާ ލިޔުމެވެ. އޭނާ ލިޔެފައިވާ ގޮތުން ސަލާމަތްކުރާނެ ބަޔަކު ވޭތޯ، އެ އަތޮޅުގެ ރަށްތަކުގައި އެނަވުގެ މީހުން އެތަކެއް މަސްތަކެއް ވާންދެން ތިބެންޖެހުނެވެ. މިގޮތުން ކާ އެއްޗެތި ލިބުން ދަތިވެ ނަވުމުގެ މީހުންގެ ތެރެއިން އެތައް ބަޔަކު މަރުވެދިޔަކަމަށްވެސް ބަޔާންކޮށްފައިވެއެވެ. މިގޮތުގައި އެހީތެރިވާނޭ ބަޔަކު ނުފެނި ތިބުމަށްފަހު މަނޮއެލް ހަންގޭލްއާ ބާކީ ތިބި މީހުންވެގެން، އެބައިމީހުންގެ ނަވުން ލިބުނު ލަކުޑީން ކުޑަވަރެއްގެ އުޅަނދެއް ބަނދެގެން އުތުރަށް މިސްރާބު ޖަހައިގެން ދަތުރުކުރަން ފެށިއެވެ. ނުރައްކާތެރި ދިގު ދަތުރަކަށް ފަހު އެބައިމީހުންނަށް ދިވެހިރާއްޖޭގެ ރަށްތަކުގެ ތެރެއިން ފަޅު ރަށަކަށް އާދެވުނެވެ. (ލަފާކުރެވެނީ ހުވަދުއަތޮޅުގެ ރަށެއް ކަމަށެވެ.) އެބައިމީހުންނަށް އެރަށަށް އާދެވުނު އިރު، އެރަށުގައި ކާށި ހޮވަން ތިބި ދިވެހީންގެ ބަޔަކަށް އެމީހުން ފެނިގެން ބިރުން (ރޫހާނީ އެއްޗެހިތަކެއް ކަމަށް ހީކޮށް) އަވަސް އަވަހަށް ދޯނިތަކުގައި ފުރައިގެން ހިނގައްޖެއެވެ. ދެން އެހީތެރިވާނޭ ބަޔަކު ފެނޭތޯ އެތައް ދުވަހެއްވާންދެން އެރަށުގައި މަޑުވެ ތިބުމަށްފަހު އެމީހުންގެ އުޅަނދުގަނޑު މަރާމާތުކޮށްގެން އެހެން ރަށެއް ފެނޭތޯ ދިޔައެވެ. މިފަހަރުވެސް އާދެވުނީ މީހުން ނޫޅޭ ފަޅު ރަށަކަށެވެ. އެރަށުގައި ތިއްބާ ކާށި ހޮވަން އެރަށަށް އައި ދިވެހީންގެ ބަޔަކަށް މިމީހުން ފެނިގެން، ކުރީ ރަށުން ދިމާވި މީހުންވެސް ކަންތައްކުރި ފަދައިން އަވަސް އަވަހަށް ރަށުން ފައިބައިގެން ދޯންޏަށް އަރައިގެން ހިނގައްޖެއެވެ. އެންމެފަހުން ކެތް ނުވެގެން މަނޮއެލް ހަންގޭލް އެދޯނީގެ ފަހަތުން ފަތާފައި ގޮސް ދޯންޏަށް އަރައިފިއެވެ. އަދި ދޯނީގައި ތިބި ދިވެހީން އޭނާދެކެ ބިރުން އުޅޭހެން ހީވެގެން ދޯނީގައި އޮތް ވަލަކުން އަމިއްލައަށް ދެއަތް ބަނދެ، ރޮއެ އާދޭސްކުރަން ފަށައިފިއެވެ. މިކަމާ ދޯނީގެ މީހުންނަށް އޭނާގެ ފަރާތުން ނުރައްކަލެއް ނެތްކަން އެނގި، އަދި އޭނާގެ މައްޗަށް ހަމްދަރްދީވެ އޭނާއާއި އޭނާގެ ބައިވެރިން ސަލާމަތްކޮށްގެން އެއަތޮޅުގެ ވެރިކަންކުރާ ރަށަށް ގެންގޮސްދީފިއެވެ. އެރަށުން އެމީހުންނަށް އެހީތެރިވެ ވަރަށް ހެޔޮކޮށްހިތިއެވެ. އޭގެ ދުވަސްކޮޅެއް ފަހުން އެރަށުން ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށްކަމަށްވާ މާލެއަށް އެބައިމީހުން ގެނެވުނެވެ. މަނޮއެލް ހަންގޭލް ލިޔުމުގައި ދިވެހިރާއްޖޭގެ ވެރިޔަކީ މުސްލިމެއްކަމަށާއި އެރަށުގެ މީހުން އެބައިމީހުންނަށް ވަރަށް ހެޔޮކޮށް ހިތިކަމަށާއި، ވަރަށް ގިނަ ހަދިޔާވެސް ލިބުނުކަމަށް ބަޔާންކޮށްފައިވެއެވެ. އެއަށްފަހު 1557 ގެ ޖެނުއަރީ މަހުގެ ތެރޭގައި މާލެއިން ކޮޗިންއަށް ދާން ފުރި ނަވަކުން އެބައިމީހުން ދިވެހިރާއްޖެއިން ފުރައިގެން ދިޔައެވެ.
މީލާދީން 1500 ގެ އަހަރުތަކުން ފެށިގެން ޕޯޗުގީޒުންނަށް ފޯޅަވަހީގެ ރަށްތައް އެނގި އެތަނާބެހޭ މަޢުލޫމާތު އެބައިމީހުންނަށް ލިބިފައިވީ ނަމަވެސް އެތަން އެބައިމީހުންގެ ތަނަކަށް ހަދާކަށް އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭރު ކައިރި ހިސާބެއްގައި އެބައިމީހުންގެ ކޮލޮނީއެއް ނުވަތަ ބާރު ހިންގާ ތަނެއް ނެތީމާ ކަމަށްވެސް ވެދާނެއެވެ. ނަމަވެސް އެހެންވެސް ބުނެވޭކަށް ނެތެވެ. 1558 އާއި 1573 އާ ދެމެދު ދިވެހިރާއްޖޭގެ މައްޗަށް އެބައިމީހުން ވެރިކަން ހިންގި އިރުވެސް ފޯޅަވަހީގެ ރަށްތައް އެބައިމީހުންގެ ދަށަށް ގެންނާކަށް މަސައްކަތެއް ނުކުރެއެވެ. މިހެން އޮވެ އެތަނަށް ވެރިވި ވިލާތުގެ ބަޔަކީ ފަރަންސޭސީންނެވެ. އެއީ އެބައިމީހުން އައިލް ބޫޚްބޮން (މިހާރުގެ ރިޔޫނިއަން) އާއި އައިލް ޑީ ފްރާންސް (މިހާރުގެ މޮރިޝަސް) ގެ މައްޗަށް ވެރިވެގެން އުޅުނު ދުވަސްވަރުގައެވެ. މިގޮތުން 1770 ގެ އަހަރުތަކުގައި ތަފާތު އެކި ކުންފުނިތަކަށް، ފޯޅަވަހީގެ ރަށްތަކުގައި ކާށިތެޔޮ އުފައްދަން ދަނޑުތައް ޤާއިމުކުރުމުގެ ހުއްދަ އެބައިމީހުން ދޭން ފެށިއެވެ. އެއަށްފަހު 1793 ގައި އެފްރިކާ ބައްރުން އެރަށްތަކަށް އަޅުންގެ ބަޔަކު ގެންގޮސް ފުރަތަމަ ފަހަރަށް އެރަށްތަކުގައި ޤާއިމުވެ ބަޔަކު ތިބޭގޮތަށް ހަމަޖެއްސިއެވެ. މިގޮތުން ޤާއިމުކުރި ފުރަތަމަ ކޮލޮނީ ޤާއިމުކުރީ ފޯޅަވަހީގެ އެންމެ ބޮޑު ރަށް ކަމަށްވާ ޑިއެގޯ ގާސިއާގައެވެ. އެ މީހުންނަކީ އެރަށްތަކުގައި ކުފުރާ އުފެއްދުމުގެ މަސައްކަތަކަށް ގެންދެވުނު މީހުންނެވެ. ފަހުން ޕެރޮސް ބަންހޮސް އަތޮޅުގައްޔާއި ސަލޮމޮން އަތޮޅުގައިވެސް މިގޮތަށް މީހުން ޤާއިމުވެ ތިބެން ފެށިއެވެ. މިގޮތުގެ މަތީން މިބައިމީހުން މިރަށްތަކުގައި ދިރިއުޅެމުން އައިސް އެއްބަޔަކު އަނެއް ބަޔަކާ ކައިވެނިކޮށް ދަރިންލިބި އާބާދީ އިތުރިވިއެވެ. އަދި 1840 ގައި ހުރިހާ އަޅުން މިނިވަންކުރުމުން މިނިވަނުންނަށްވިއެވެ. އަދި ފްރެންޗް ބަހުގެ އަސްލުން އުފެދުނު ކްރެއޯލް ބަހެއް އެމީހުންގެ ތެރޭގައި އުފެދި އެމީހުންގެ އަމިއްލަ ބަހަކީ އެއީ ކަމުގައިވިއެވެ. އަދި އަމިއްލަ ތަފާތު ސަގާފަތެއްވެސް އުފެދިގެންދިޔައެވެ.
ފަރަންސޭސީންގެ ދަށުގައި މިރަށްތައް އޮތްއިރު ފޯޅަވަހީގެ ކަންކަން ބަލަހައްޓަމުން އައީ ފަރަންސޭސި ކޮލޮނީ އައިލް ޑީ ފްރާންސުންނެވެ. އެއީ މިހާރުގެ މޮރިޝަސްއެވެ. އެއީ ވެސް ފޯޅަވަހި ގޮތަށް 1600 އަހަރުތަކާ ޖެހޭންދެން ފަޅުރަށެކެވެ. އެތަނުގައި ފުރަތަމަ ބަޔަކު ވަޒަންވެރިވީ 1630 ގައެވެ. ފުރަތަމަ ވަޒަންވެރިވީ ޑަޗްމީހުންނެވެ. އެހެންނަމަވެސް ތަފާތު އެކި ސަބަބުތަކާހުރެ އެބައިމީހުން އެރަށް ދޫކޮށްފައި ދިޔައެވެ. ޑަޗްމީހުން އެތަން ދޫކޮށްދިޔަ ފަހު އެތަނުގެ މައްޗަށް ވެރިވީ ފަރަންސޭސީންނެވެ. އެބައިމީހުން އެފްރިކާއިންނާއި ރީޔޫނިއަނުން އެތަނަށް މީހުން ގެނެސް ވަޒަންވެރިކުރުވިއެވެ. އޭގެ ފަހުން އިނގިރޭސީން އެތަނުގެ މައްޗަށް ވެރިވެ އިންޑިޔާގެ އެކި ސަރަހައްދުތަކުންނާއި އެހެން ތަންތަނުން އެތަނަށް މީހުންގެނެސް ވަޒަންވެރިކުރުވީއެވެ.
ފޯޅަވަހީގެ ރަށްތައް އިނގިރޭސީންގެ ބާރުގެ ދަށަށް ދިޔައީ މީލާދީން 1814 ވަނަ އަހަރުއެވެ. އެއީ ނެޕޯލިއަން ބަލިވުމަށްފަހު 1814 ޕެރިސް މުއާހަދާގެ ދަށުން އެކި ސަރަހައްދުގައި ހުރި ފަރަންސޭސީންގެ ކޮލޮނީތައް އިނގިރޭސީންނަށް ލިބުނު ހިސާބުންނެވެ. މިގޮތުން އިންޑިޔާކަނޑުގައި ހުރި އެބައިމީހުންގެ ކޮލޮނީތަކުގެ ތެރެއިން ސޭޝެލްސްއާއި އަދި ފޯޅަވައްސާއެކީ މޮރިޝަސް (ކުރިން އައިލް ޑީ ފްރާންސް) ވެސް އެބައިމީހުންނަށް ލިބުނެވެ. އިނގިރޭސީންނަށް އެތަންތަން ލިބުމަށްފަހު 31 އޮގަސްޓް 1903 އާ ޖެހޭންދެން ސޭޝެލްސްއާއި ފޯޅަވަހީގެ ރަށްތައް އިދާރީގޮތުން ބަލަހައްޓަމުން އައީ މޮރިޝަސްއިންނެވެ. ނަމަވެސް އެދުވަހުން ފެށިގެން ސޭޝެލްސްއަކީ ވަކި ކޮލޮނީއަކަށް ހަދައި އެތަނުގައި އިދާރީ ގޮތުން ވަކި ވެރިކަމެއް ޤާއިމުކުރިއެވެ. އެހެންނަމަވެސް އޭރުވެސް ފޯޅަވަހި އިދާރީ ގޮތުން ބެލެހެއްޓީ މޮރިޝަސްއިންނެވެ. އިނގިރޭސީންނަށް ފޯޅަވަހި ލިބުނު ތާރީޚުން ފެށިގެން 8 ނޮވެމްބަރު 1965 ގެ ނިޔަލަށް، ފޯޅަވަހި އިދާރީ ގޮތުން ހިންގަމުން ދިޔައީ އިނގިރޭސި ކޮލޮނީ މޮރިޝަސްގެ ޑިޕެންޑެންސީއެއްގެ ގޮތުގައެވެ. އަދި 8 ނޮވެމްބަރު 1965 ގެ ތާރީޚުން ފެށިގެން ފޯޅަވައްސަކީ މޮރިޝަސްއާ މުޅީން ވަކީން އިނގިރޭސިވިލާތުން ސީދާ ބަލަހައްޓާ "ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ" ގެ ބައެއް ކަމުގައި ހަމަޖެއްސިއެވެ.
މޮރިޝަސް އިން ފޯޅަވަހި ވަކިކުރިކުރުމަކީ އެމެރިކާގެ އަސްކަރީ މަރުކަޒެއް ޤާއިމްކުރުމަށްޓަކައި އެތަން ކުއްޔަށް ދިނުމުގެ ބޭނުމުގައި އިނގިރޭސީން ކުރިކަމެއް ކަމުގައިވެއެވެ. އެކަމަކީ، އަލަށް މިނިވަންވާ ޤައުމެއްގެ ދަށުގައި އޮންނަ ތަނެއްގައި އެފަދަ ތަނެއް ޤާއިމްކޮށްފިނަމަ، ކުރިމަތިވެދާނެ ސިޔާސީ ދަތިތަކަށްޓަކައި ކުރިކަމެކެވެ. އެގޮތުގެ މަތީން ދެފަރާތުން ވާހަކަދައްކައިގެން އެކަމަށްޓަކައި ޑިއެގޯ ގާސިއާގައި އެފަދަ ބޭސްއެއް ހެދުމަށް އެއްބަސްވެވުނެވެ. އެކަމަށްޓަކައި، 1965 ވަނަ އަހަރުގެ ނޮވެމްބަރު މަހު، އިނގިރޭސިވިލާތުން ޑިއޭގޯ ގާސިއާ ހިމެނޭ މުޅި ފޯޅަވަހި، މޮރިޝަސް އަތުން 3 މިލިއަން ޕައުންޑަށް ގަނެ، ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ (ބީއައިއޯޓީ) އުފެއްދީއެވެ. އޭރު މޮރިޝަސްއަކީ މުޅީން މިނިވަން ނުވިޔަސް އަމިއްލަ ވެރިކަމެއް އޮންނަ ކޮލޮނީއެކެވެ.
ނިންމުން
12 މާޗު 1968 ގައި އިނގިރޭސިވިލާތުން މޮރިޝަސް މިނިވަންވީއިރު ވެސް ފޯޅަވަހި އޮތީ މޮރިޝަސްގެ ދަށަކު ނޫނެވެ. ނަމަވެސް މޮރިޝަސްއިން ބުނަނީ ފޯޅަވަހީގެ ރަށްތައް މޮރިޝަސްގެ ދަށުން ހިންގި އިރު، ހަމަ އެކަނި އިދާރީ ގޮތުން ބެލެހެއްޓި ތަނެއްގެ ގޮތުގައި އެތަން އޮތީ ނޫންކަމަށާއި، މޮރިޝަސްއާއި ފޯޅަވައްސާ ދެމެދު އިޤްތިޞާދީ، ސަގާފީ، އަދި އިޖްތިމާއީ ގުޅުން އޮތް ކަމަށެވެ. އަދި މޮރިޝަސް މިނިވަންވުމާ ހަމައަށްވެސް މެދުކެނޑުމެއް ނެތި އިދާރީ ގޮތުން ފޯޅަވަހި އޮތީ މޮރިޝަސްގެ ވެރިކަމުގެ ދަށުގައި ކަމަށެވެ. މިއާ ޚިލާފަށް އިނގިރޭސީން ބުނަނީ އިނގިރޭސި ކޮލޮނީއެއްގެ ގޮތުގައި މޮރިޝަސް އޮތް އިރު، މޮރިޝަސްއިން އިދާރީ ގޮތުން ފޯޅަވަހީގެ ކަންކަން ބަލަހައްޓަމުން އައީ ވަރަށް ކުޑަގޮތަކަށް ކަމަށާއި، އަދި ހުރިހާ ގޮތަކުން ބެލިކަމުގައި ވިޔަސް އެތަނީ މޮރިޝަސްއާ މުޅީން ތަފާތު ތަނެއް ކަމަށެވެ.
މޮރިޝަސްއާ ވަކިކޮށްގެން ބްރިޓިޝް އިންޑިޔަން އޯޝަން ޓެރިޓަރީގެ ގޮތުގައި ފޯޅަވަހި ހިންގަމުން އައިސް، އެތަނުގެ އެންމެ ބޮޑު ރަށް ކަމުގައިވާ ޑިއެގޯ ގާސިއާގައި އަސްކަރީ މަރުކަޒެއް ޤާއިމްކުރުމަށްޓަކައި އެމެރިކާއަށް ކުއްޔަށްދިނުމަށްފަހު އެމެރިކާއިން އެދިގެން 1968 ގައި ފޯޅަވަހީގެ ވަޒަންވެރީން އެތަނުން ބާލަން ފެށުނެވެ. 1793 ވަނަ އަހަރު އަޅުންގެ ގޮތުގައި ގެނެވި، އެތަނުގައި ދިރިއުޅެ، މީހުންނާ އިނދެ ދަރިން ލިބި، މިނިވަންވެ، އަމިއްލަ ވަޒަނެއްކަމުގައި ދެކިގެން އުޅެމުން އައި "އިލޮއިސް" މީހުން އެރަށްތަކުން އެއްކޮށް ބާަލައި ނިމުނީ 27 އޭޕްރީލް 1973 ގައެވެ. އޭރު އިލޮއިސް ނަސްލު އެތަނުގައި ވަޒަންވެރިވެ އުޅޭތާ އަދި 200 އަހަރުވެސް ނުވެއެވެ. އޭގެ ތެރެއިން ގިނަ ބަޔަކު ގެންދެވުނީ މޮރިޝަސް އަށެވެ. އަނެއް ބަޔަކު ގެންދެވުނީ ސޭޝެލްސްއަށެވެ. އެތަނުން ބޭލިއިރު އެބައިމީހުންގެ ޖުމްލަ އާބާދީއަކީ ބުނެވެނީ 2000 ކަމުގައެވެ.
މިހާރު ވެސް ލިޔަން އުޅުނު ވަރަށްވުރެ މަޒުމޫނު ދިގުވެއްޖެއެވެ. އެހެންވީމާ އިސްލިޔުވުނު ބައިގައި ބަޔާންކުރެވުނު ތާރީޚުގެ ފަހުން ފޯޅަވަހީގެ ވަޒަންވެރީންނަށް ވީ ކިހިނެއްކަމާއި، އެބައިމީހުން ކޮބައިކަމާއި، މޮރިޝަސް އިން މިހާރު ކުރާ ދައުވާއަކީ ކޮބައިކަމާއި، ޚާއްޞަ އިޤްތިޞާދީ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ކަންތަކުގައްޔާއި، އެހެނިހެން ގޮތްގޮތުން ދިވެހިރާއްޖެ މިމައްސަލައިގެ ތެރެއަށް ވަންނަ ގޮތުގެ މައްޗަށް ލިޔާކަށް ގަސްތެއް ނުކުރަމެވެ. އުއްމީދަކީ ފޯޅަވައްސާއި ދިވެހިރާއްޖެއާ ގުޅޭ ތާރީޚާއި، ފޯޅަވަހީގެ ތާރީޚާ ގުޅޭ ކޮންމެވެސް ވަރެއްގެ މަޢުލޫމާތެއް ކިޔުންތެރިންނަށް ލިބިގެން ދިޔުމެވެ.
އެޑިޓަރުގެ ނޯޓް: މުހައްމަދު ނާޖިހް އަކީ ގާނޫނީ ވަކީލެކެވެ. މިހާރު މަސައްކަތް ކުރައްވަނީ ހެރިޓޭޖް މިނިސްޓްރީގެ ރިސާޗް އެނަލިސްޓް ގެ މަގާމުގަ އެވެ. އަމިއްލަ ގޮތުން ވެސް، ދިވެހިރާއްޖޭގެ ތާރީޚު ދިރާސާކުރައްވައި އެ މައުލޫމާތު އެއްކުރައްވައި އެ ދާއިރާއިން ރައްޔިތުން ހޭލުންތެރިކުރުވުމަށް ހާއްސަ މަސައްކަތްތަކެއް ކުރައްވައެވެ. މީގެ އިތުރުން އޭނާއަކީ، ދިވެހި ބަހުގެ ދިރާސާތައްވެސް ކުރައްވާ، ބަހަށް ހޭލުންތެރިކުރުވުމަށް ވެސް މަސައްކަތް ކުރައްވާ ބޭފުޅެކެވެ. އޭނާއަކީ ދިވެހި ބަހުގެ އެންމެ ބޮޑު މީސްމީޑިއާ ޕްލެޓްފޯމްކަމަށްވާ ބަސް ޖަގަހައިގެ ވެސް އެއް ފައުންޑަރ މެންބަރެވެ.