ޔޫއެފާ ޗެމްޕިއަންސް ލީގު

ލައިޕްޒިގުން ޗެމްޕިއަން ރެއާލް ބަލިކޮށްފި، ސިޓީއާއި ޑޯޓުމަންޑް އެއްވަރު

ޔޫއެެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުގައި އާރްބީ ލައިޕްޒިގުން އެންމެފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ބަލިކުރި އިރު، ގަދަ 16 ޔަގީން ކޮށްފައި އޮތް މެންޗެސްޓާ ސިޓީން ބްރޫޝިއާ ޑޯޓުމަންޑް ކައިރިން އެއްވަރު ވެއްޖެއެވެ.

ރޭ ލައިޕްޒިގް ކައިރިން ރަށުން ބޭރުގައި ރެއާލް ބަލިވީ 3-2 ގެ ނަތީޖާއަކުންނެވެ. އެ ބައްޔަކީ ރެއާލްއަށް މި ސީޒަނުގައިވެސް ކުރިމަތިވި ފުރަތަމަ ބައްޔެވެ. ލަލީގާގައި މިހާތަނަށް 11 މެޗު ކުޅެ، ޗެމްޕިއަންސް ލީގުގައި ކުޅުނު ހަތަރު މެޗުންވެސް ބަލިނުވެ ރެއާލްއިން ރޭގެ މެޗަށް ނުކުތީ ގްރޫޕްގެ އެއްވަނަ ޔަގީންކުރަން ނަމަވެސް، ލައިޕްޒިގުން ވަނީ އެއްވަނައަށް ފުރުސަތު ދަމަހައްޓައިފައެވެ.

ރެއާލްއަށް ފަސް މެޗުން 10 ޕޮއިންޓް ލިބިފައިވާ އިރު، އެ ގްރޫޕްގައި ލައިޕްޒިގް ދެވަނައިގައި އޮތީ ފަސް މެޗުން ނުވަ ޕޮއިންޓާ އެކުގައެވެ. ތިންވަނައިގައި އޮތް ޝަކްތާ ޑޮނެސްކުން ރޭ ކުޅުނު މެޗުގައި 1-1 އިން ސެލްޓިކާ އެއްވަރުކުރުމުން ސެލްޓިކް ވަނީ ޗެމްޕިއަންސް ލީގުން ކަޓައިފައެވެ. ޝަކްތާއަށް ހަނި ފުރުސަތެއް ގްރޫޕުގައި އޮތް އިރު، ކޮލިފިކޭޝަން ޔަގީންކޮށް އޮތީ ރެއާލް އެކަންޏެވެ.

ރޭގެ މެޗުގެ ކުރިކޮޅުގައި ލައިޕްޒިގުން ލީޑު ނެގީ ކޯނަރެއްގައެވެ. އަންދްރޭ ސިލްވާގެ ކޯނަރަށް ކުރިއަށް އަރައި ލީޑު ނަގައިދިނީ ޒުވާން ޑިފެންޑަރު ޖަސްކޯ ވާޑިއޯލްއެވެ. އޭގެ ފަސް ވަރަކަށް މިނެޓްފަހުން ކްރިސްޓޮފާ އެންކުންކޫ ވަނީ ލައިޕްޒިގަށް ދެވަނަ ގޯލެއް ޖަހައި ރެއާލް ސިއްސުވާލައިފައެވެ.

ފުރަތަމަ ބަލިން ސަލާމަތްވުމަށް ކުޅެމުން ދިޔަ ރެއާލްއަށް އުންމީދެއް ލިބުނީ ހާފު ނިމުމުގެ ކުރިން ވިނީޝިއަސް ޖޫނިއާ ޖެހި ގޯލުންނެވެ. އެ ގޯލާއެކު ރެއާލްއިން ދެވަނަ ހާފަށް ނުކުމެ ކުޅުން ރަނގަޅުކުރި ނަމަވެސް 81 ވަނަ މިނެޓުގައި ޓީމޯ ވާނާ ވަނީ ލައިޕްޒިގަށް މެޗުގެ ތިން ޕޮއިންޓްގެ ޔަގީންކަން ބޮޑުކޮށްދީފައެވެ.

ރެއާލްގެ ފަހުގޯލު މެޗު ނިމިނިމި އޮއްވާ ޖެހީ ރޮޑްރީގޯއެވެ.

ސިޓީން ގަދަ 16 ޔަގީން ކޮށްފައި އޮވެ ޑޯޓުމަންޑް މެޗަށް ނުކުތީ އެއްވަނަ ޔަގީންކުރާށެވެ. އެހެން ނަމަވެސް ޑޯޓުމަންޑުން ވަނީ ސިޓީ ހިފަހައްޓައި، ގަދަ 16 އާ ފިޔަވަޅެއް ގާތަށް ޖެހިލައިފައެވެ. ގްރޫޕް ޖީެ އެއްވަނައިގައި ސިޓީ އޮތީ ފަސް މެޗުން 11 ޕޮއިންޓާއެކު އޮތް އިރު، ޑޯޓުމަންޑް ދެވަނައިގައި އޮތީ ފަސް މެޗުން އަށް ޕޮއިންޓާއެކު ފައިދާ ފަސް ގޯލާއެކުގައެވެ. ތިންވަނައިގައި އޮތް ސެވިއްޔާ ރޭ ކޯޕަންހޭގަން ބަލިކުރި ނަމަވެސް އެޓީމަށް ފަސް މެޗުން ލިބިފައި ވަނީ ފަސް ޕޮއިންޓެވެ. އެހެންކަމުން ފަހު މެޗު ފަރަގު ބޮޑުކޮށް މޮޅުވެގެން ނޫނީ އެޓީމަށް ގަދަ 16 ނުލިބޭނެއެވެ. އެ ގްރޫޕުގެ ފުލުގައި އޮތް ކޯޕަން ހޭގަން ވަނީ ކަޓައިފައެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ސިޓީއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް ރިޔާދު މަހަރޭޒް ޖެހި ޕެނަލްޓީ ޑޯޓުމަންޑްގެ ގޯލްކީޕަރު ގްރެގޯ ކޮބެލް މަތަކުރިއެވެ. މެޗުގެ ފުރަތަމަ ހާފުގައި އާލިން ހާލަންޑް ބާލައިފައިވާ އިރު، މެޗަށްފަހު ޕެޕް ގާޑިއޯލާ ބުނީ ހާލަންޑް ހުރީ ހުން އައިސް ބަލިވެ ކަމަށެވެ.

ރޭގެ މެޗަކީ ޑޯޓުމަންޑުން ސިޓީއަށް ބަދަލުވިފަހުން ހާލަންޑް، ޑޯޓުމަންޑް ދަނޑުގައި ކުޅުނު ފުރަތަމަ މެޗެވެ.