ޚަބަރު

އެމްއެންޕީގެ އާ އޮފީސް ހުޅުވައިފި

މުހައްމަދު އިޝާން

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ އާ އޮފީސް ރޭ ހުޅުވައިފިއެވެ.

އެމްއެންޕީގެ އާ އޮފީސް ހުޅުވާފައިވަނީ މަޖީދީމަގުގައި ހުންނަ މއ. ކޯލާވީގެ އެއް ވަނަ ފަންގިފިލާގައެވެ.

އެމްއެންޕީގެ އާ އޮފީސް ހުޅުވައިދެއްވީ އެޕާޓީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި އެމްއެންޕީގެ ނައިބު ރައީސް އަދި ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި އެމްއެންޕީގެ ނައިބު ރައީސް އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް އަދި އެޕާޓީގެ އިސް މަގާމުތަކުގައި ތިއްބެވި އެހެން ބޭފުޅުންނެވެ.

އެމްއެންޕީގެ އާ އޮފީސް ހުޅުވާފައިމިވަނީ އެ ޕާޓީއަށް އެއް އަހަރު ފުރުނު ދުވަހުއެވެ.

އެމްއެންޕީއަކީ ނާޒިމް، އުޝާމް އަދި ރިޔާޒު އިސްވެ ހުންނަވައިގެން އުފެއްދެވި ޕާޓީއެކެވެ. އެ ޕާޓީގެ މަގުސަދުތަކުގެ ތެރޭގައި ދީނާއި ގައުމު ހިމާޔަތް ކުރުމާއި ރައްޔިތުންނަށް ފުދުންތެރި ދިރިއުޅުމެއް ހޯދައިދިނުން ހިމެނެއެވެ.

އެމްއެންޕީއަކީ ކުރު މުއްދަތެއްގެ ތެރޭގައި ސިޔާސީ ގޮތުން ގިނަ ކާމިޔާބީތަކެއް ހޯދަފައިވާ ޕާޓީއެކެވެ. އެޕާޓީން ވަނީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ވެސް ވާދަކޮށްފައެވެ. މީގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ވާދަކޮށް އެޕާޓީގެ ބައެއް ކެންޑިޑޭޓުން ވަނީ ކާމިޔާބުކޮށްފައެވެ.

އެމްއެންޕީން އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމާފައިވާއިރު އެ ޕާޓީގެ ފަރާތުން އެ އިންތިހާބުގައި ވާދަކުރާނީ ނާޒިމްއެވެ.