ފުލުހުންގެ ބެލުމުގެ ދަށުން ލޯންޗެއްގައި ގެންދިޔަ މީހަކު މަރުވުމުން ފުލުހުންނަށް ބޮޑު ތުހުމަތުތަކެއްކޮށް ނުރުހުން ފާޅުކޮށްފިއެވެ.
ގދ. ހޯނޑެއްދޫން މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 41 އަހަރުގެ ދިވެހި ފިރިހެނަކު މެއަށް ތަދެއް އަރައި، ސީޒާއެއް ޖެހުންފަދަ އަލާމަތްތަކެއް ފެނުމާ ގުޅިގެން ފުލުހުން ވަނީ އެމީހާ ގދ. މަޑަވެލި ހެލްތު ސެންޓަރަށް ގެންގޮސްފައެވެ.
އެ މީހާ ހެލްތު ސެންޓަރަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ. އަދި އެ މީހާ މަރުވި ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަށް ހެދުމަށްވެސް ފުލުހުން ވަނީ ނިންމައިފައެވެ.
އެކަމާ ގުޅޭގޮތުން މަޑަވެލި ކައުންސިލްގެ ރައީސް ފިޔާޒް ހަސަން "ވަން" އަށް މިރޭ ވިދާޅުވީ، ފުލުހުން އެ މީހާ ހައްޔަރުކޮށްފައި ވަނީ މިއަދުގެ މެންދުރު ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓް (ޑީއީޑީ) ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އަދި ވިދާޅުވީ މަރުވެފައިވަނީ ހޯޑެއްދޫގެ މީހެއްކަމަށްވާ އަބްދުﷲ ރަޝީދު ކަމަށެވެ.
"ފުލުހުން އެ މީހާ ހައްޔަރުކޮށްގެން ގެންދަނިކޮށް މެޔަށް ތަދުވާތީ މަޑަވެއްޔާ ކައިރިކޮށްފައި، މި ގެންދިޔައީ ސިއްހީ މަރުކަޒަށް. ބަނދަރާއި ސިއްހީ މަރުކަޒާ ވަރަށް ކައިރިވާނެ،" ފިޔާޒު ވިދާޅުވިއެވެ.
ފިޔާޒު ވިދާޅުވީ އަބްދުﷲ ރަޝީދު މަރުވުމުން ސިއްހީ މަރުކަޒުގެ ކައިރީގައި ބައެއް މީހުން މުޒަހާރާ ކުރަމުންދާ ކަމަށެވެ. އަދި އެ މީހުން ތުހުމަތު ކުރަނީ އަބްދުﷲ ރަޝީދަށް ފުލުހުން އަނިޔާކޮށްފައިވާ ކަމަށާއި ފަރުވާ ނުދީ ލަސްކޮށްފައިވާ ކަމަށެވެ.
ފިޔާޒު ވިދާޅުވީ ފުލުހުން، އަބްދުﷲ ރަޝީދު ހައްޔަރުކޮށްގެން ގެންދިޔައީ ކުލީ ލޯންޗެއްގައި ކަމަށާއި އެ ލޯންޗުގެ ފަޅުވެރިންގެ ގޮތުގައި އާންމުން ތިބުމުން އަނިޔާ ކުރާނެ ކަމަށް ނުބެލެވޭ ކަމަށެވެ.
"ދެން މިކަހަލަ ކަމެއް ހިނގީމާ ފުލުހުންނަށް ތުހުމަތު ކުރާނެ. އެކަމަކު އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އެކަން އެގޮތަށް ވި ކަމަކަށް،" ފިޔާޒު ވިދާޅުވިއެވެ.
މަންޒަރުދުށް ހޯނޑެއްދޫ މީހަކު "ވަން" ބުނީ، ޑީއީޑީ ފުލުހުން އަބްދުﷲ ރަޝީދު ހައްޔަރުކުރި ވަގުތު އޭނާގެ މެޔަށް ތަދުވާތީ އެކަން ފުލުހުންގެ ގާތުގައި ބުނި ކަމަށާއި ނަމަވެސް ފުލުހުން އޭނާ ލޯންޗަށް އަރުވައިގެން ގެންދިޔައީ ކަމަށެވެ.
"ފުލުހުން ހައްޔަރުކުރަން އުޅުމުގެ ތެރޭގައި ކަމަށް މިކަމެއް މިހިނގީ. އޭނާ ބުނި އެތާހުރި ޕޮލިހުން ގާތު މެޔަށް ވަރަށް ބޮޑު ތަދުވަމުންދާ ކަމަށް. އެކަމަކު ފުލުހުން ގެންދިޔައީ. އޭނާ ވަރަށް ގިނައިން ބުނި ހޮސްޕިޓަލަށް ގެންގޮސްދޭން، އެކަމަކު ފުލުހުން އޭނާ ގެންދިޔައީ ލޯންޗަށް އަރުވަން. އޭރުވެސް އޭނާ އުޅުނީ މެޔައް ތަދުވެ ތުރުތުރު އަޅާތީ،" އޭނާ ކިޔައިދިނެވެ.
އޭނާ ބުނި ގޮތުގައި އަބްދުﷲ ރަޝީދު ލޯންޗުގައި މަރުވި މައްސަލައިގައި ފުލުހުން ޒިންމާވާން ޖެހޭނެ ކަމަށެވެ. އަބްދުﷲ ރަޝީދު ހޮސްޕިޓަލަށް ގެންގޮސްދިނުމަށް އާދޭސް ކުރަނިކޮށް ފުލުހުން އޭނާ ލޯންޗަށް އަރުވައިގެން ގެންދިޔުމަކީ އޭނާއަށް ފަރުވާ ދިނުމުގައި ފުލުހުން އިހުމާލު ވުން ކަމަށެވެ.
މަޑަވެލި ސިއްހީ މަރުކަޒު ކައިރީގައި މުޒާހަރާކުރަމުންދާ މީހަކު "ވަން" ބުނި ގޮތުގައި އަބްދު ރަޝީދު ލޯންޗުން ބާލައި ސްޓެރެޗާއަށް އެރުވި އިރުވެސް އޭނާގެ ހަރަކާތެއް ނެތް ކަމަށެވެ. އޭނާ ތުހުމަތުކުރާ ގޮތުގައި ފުލުހުން ވަނީ އަބްދުﷲ ރަޝީދަށް އަނިޔާކޮށްފައެވެ.
"މީ ކުޑަރަށެއް. މިތަނުގެ ހޮސްޕިޓަލުގައި މަސައްކަތްކުރާ މީހުން އެނގޭނެ ދޯ ހުރިހާ މީހުންނަށް. އެ ކުދިން ވެސް އެބަބުނޭ އަނިޔާކޮށްފައި ހުރިކަމަށް. އަތުގެ ކުޑަހުޅު ކައިރިން އެބަހުރި ލޭ ފައިބައިފަ. ހަމަ ވަރަށް ފްރެޝް ފާރުގަނޑެއް ކަމަށް ވަނީ. ދެން ބުރިކަށީ ވެސް ރަތް ވެފައިވާ ކަމަށް ބުނޭ،" އޭނާ ބުންޏެވެ.
ސިއްހީ މަރުކަޒު ކައިރީގައި މުޒާހަރާކުރަމުންދާ ގިނަ މީހުން ދަނީ ފުލުހުން، އަބްދުﷲ ރަޝީދުއަށް އަނިޔާކުރި ކަމަށް ތުހުމަތު ކުރަމުންނެވެ.
އަބްދުﷲ ރަޝީދުގެ ހަށިގަނޑު މިހާރު ވަނީ އެއަތޮޅު ތިނަދުއަށް ގެންގޮސްފައެވެ.
އާންމުގެ ފަރާތުން ފުލުހުންނަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުންދާ އިރު، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިރޭ ވަނީ ކުށެއްގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މީހަކު މަރުވި މައްސަލަ މިހާރު ޕްރޮފެޝެނަލް ސްޓޭންޑާޑުން ބަލަމުންދާ ކަމަށް ވިދާޅުވެފައެވެ.
"ފުލުހުން އިހުމާލުވެފައިވާކަމަށް ނުވަތަ އަނިޔާވެރި އަމަލެއް ހިންގާފައިވާކަމަށް ތަހުގީގަށް ސާބިތުވެއްޖެނަމަ އެކަމާ ގުޅިގެން ފިޔަވަޅު އެޅުމަށް ފަސް ނުޖެހޭނަން" އިމްރާން ވިދާޅުވިއެވެ.
އެ ހާދިސާއާ ގުޅޭ މައުލޫމާތު ނޭޝަނަލް އިންޓްގިރިޓީ ކޮމިޝަން (އެންއައިސީ) އާއި ހިޔަމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އާ ހިއްސާކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.