މި ހަފުތާ ބުރާސްފަތި ދުވަހުގެ ރޭ މެންޗެސްޓާ ޔުނައިޓެޑުން ޝެރިފާ ދެކޮޅަށް ކުޅެން އޮތް ޔޫރޮޕާ ލީގު މެޗަށް ތައްޔާރުވުމުގެ ގޮތުން ކްރިސްޓިއާނޯ ރޮނާލްޑޯ ސީނިއާ ޓީމުގެ ފަރިތަކުރުންތަކަށް ނުކުންނަން ފަށައިފިއެވެ.

ރޮނާލްޑޯ ޔުނައިޓެޑްގެ ސީނިއާ ޓީމުގެ ފަރިތަކުރުންތަކުން އެއް ފަރާތްކޮށްފައި ވަނީ އަދަބު ދިނުމުގެ ގޮތުންނެވެ. ކޯޗު އެރިކް ޓެން ހާގު ރޮނާލްޑޯއަށް އަދަބު ދީފައި ވަނީ ޓޮޓެންހަމްއާ ދެކޮޅަށް ޔުނައިޓެޑުން ކުޅުނު މެޗުގެ ފަހު ވަގުތުގައި ބެންޗުން ކުޅެން އަރަން އިންކާރު ކުރުމުންނެވެ. އެ މެޗުގައި ބެންޗުން އަރަން އިންކާރުކޮށް ރޮނާލްޑޯ ވަނީ މެޗު ނުނިމެނީސް ޑްރެސިން ރޫމަށް ވަދެގެން ގޮސްފައެވެ.

ޓޮޓެންހަމްއާ ދެކޮޅަށް ޔުނައިޓެޑުން ކުޅުނު މެޗުގައި 2-0 އިން މޮޅުވެފައިވާ އިރު، އެރޭގެ މެޗަށްފަހު ޓެން ހާގު ބުނެފައި ވަނީ ރޮނާލްޑޯގެ ކަންތަކުގައި ގޮތެއް ނިންމާނެ ކަމަށެވެ. ޓެން ހާގު ރޮނާލްޑޯއަށް އަދަބު ދިނުމުގެ ގޮތުން ޗެލްސީ މެޗުގެ ސްކޮޑުން ބޭރުކޮށް، 21 އަހަރުން ދަށުގެ ޓީމާއެކު ތަމްރީނުތައް ކުރުމަށް ފޮނުވާލާފައިވެއެވެ.

ސީޒަންގެ ކުރީކޮޅުގައިވެސް ރޮނާލްޑޯ އާއި ޓެން ހާގާ ދެމެދު ގުޅުން ގޯސް ކަމަށް މީޑިއާތަކުގައި ވާހަކަ ދެކެވިފައިވެއެވެ. މި ސީޒަންގެ ކުރިން ރޮނާލްޑޯ ޔުނައިޓެޑް ދޫކޮށްލަން މަސައްކަތް ކުރިނަމަވެސް އެކަން ކާމިޔާބުނުވުމުން، ޓީމާ ގުޅުނީ ޕްރީ ސީޒަން ނިންމި ފަހުންނެވެ. ލީގުގެ ފުރަތަމަ ދެ މެޗަކަށް ޓެން ހާގު، ރޮނާލްޑޯ ފުރަތަމަ 11 އަށް ނެރުނު ނަމަވެސް ފަހުން މުޅިންވެސް ބޭނުން ކުރަނީ ބެންޗުގައެވެ.

މިމަހުގެ ކުރީކޮޅު އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ބެންޗުން ނުކުމެ ގޯލު ޖެހި މެޗަށްފަހު ރޮނާލްޑޯ ދެން ޖެހިގެން އައި މެޗުގައި ނިއުކާސަލްއާ ދެކޮޅަށް ފުރަތަމަ 11 އަށް ނުކުތް ނަމަވެސް، އެ މެޗުގެ ފަހުކޮޅުގައި ބޭލުމުން އެކަމާ ނުރުހުންވި މަންޒަރު ފެނުނެވެ. އެހިސާބުން މީޑިއާގައި ރޮނާލްޑޯގެ ވާހަކަ ގަދަވެފައިވަނިކޮށް، އޭގެ ފަހުން އަނެއްކާވެސް ޓޮޓެންހަމް މެޗުގައި ބެންޗު ދޫކޮށް ދިޔުމާއެކު ގިނަ ބަޔަކު ރޮނާލްޑޯއަށް ފާޑުވެސް ކިޔައިފައިވެއެވެ.

ހަބަރުތައް ބުނެފައިވާ ގޮތުގައި ރޮނާލްޑޯ ސީނިއާ ޓީމުގެ ތަމްރީނުތަކަށް ނުކުތީ ކޯޗު ޓެން ހާގާއެކު ގިނަ މަޝްވަރާތަކެއް ކުރުމަށްފަހުއެވެ. ބައެއް ނޫސްތަކުން ބުނެފައި ވަނީ ޔުނައިޓެޑް ދޫކޮށް ދާން ރޮނާލްޑޯ ވިސްނާ ކަމަށާއި ޖެނުއަރީގައި އެކަމަށް ކްލަބުންވެސް އާނބަސް ބުނާނެ ކަމަށެވެ. އެހެން ނަމަވެސް ކޯޗު ޓެން ހާގު އަބަދުވެސް ބުނަމުންދަނީ އޭނާ ރޮނާލްޑޯ ކްލަބުގައި ބަހައްޓަން ބޭނުންވާ ކަމަށެވެ.