ޗާގޯސްގެ މިނިވަންކަމާމެދު ރާއްޖެއިން މޮރިޝަސްއަށް ތާއީދުކުރި މައްސަލައިގައި ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލެވިފައިވާ ކަމަށް ބުނާ މައްސަލައާ ގުޅިގެން، އެ މައްސަލައިގައި ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލޭގޮތަށް ސަރުކާރުގެ ސިޔާސަތާއި ސްޓޭންޑް ބަދަލު ނުކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައި ބަހުސް ކުރިއަށް ގެންދަން ފަށައިފިއެވެ.
މި ކުއްލި ަމއްސަލަ މަޖިލީހަށް ހުށަހެޅުއްވީ، އިދިކޮޅު ޕީއެންސީގެ ލީޑަރު މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ.
މި މައްސަލަ ހުށަހަޅުއްވަމުން ޝަރީފް ވިދާޅުވީ، ރާއްޖޭގެ ސަރަހައްދަކީ ކޮބައި ކަމާއި، އެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ މަޖިލިސް މެންބަރުންގެ ތިންބައިކުޅަ ދެބައި އަގުކަބިއްޔަތުން ފާސްކުރާ ގާނޫނަކުން ކަމަށް ގާނޫނުއަސާސީގައި ބުނެފައިވާ ކަމަށެވެ. އަދި "ދިވެހި ދައުލަތުގެ ނަމުގައި ވެރިކަން ހިންގާ ފަރާތުން ބައިވެރިވާ ބައިނަލް އަގުވާމީ މުއާހަދާތަކަށް އަމަލު ކުރަންވާނީ މަޖިލީހުން ފާސްކޮށް، ނިންމާ ގޮތެއްގެ މަތީން ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާއިރު، ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ ބައެއް ހިމެނޭގޮތަށް ފޯޅަވައްސާއެކު އޮންނަ ޗާގޯސްއަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދެއްގެ ގޮތުގައި ހެދުމަށް އެ ގައުމުން ހުށަހަޅާފައިވާ މައްސަލައިގައި ރާއްޖެއިން މިހާތަނަށް ވަކާލާތު ކޮށްފައި ވަނީ މޮރިޝަސްއާ ދެކޮޅަށް،" ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
މި ކުއްލި މައްސަލަ ހުށހެޅުއްވީ މިހާރު އެ ސިޔާސަތު ބަދަލުކޮށް މޮރިޝަސްއަށް ތާއީދު ކުރުމާ ގުޅިގެން ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން ބައެއް ގެއްލޭނެކަމުގެ ބިރު ބޮޑުވާތީ އާއި އަލުން އެ ސަރަހައްދު ހޯދުމުގައި ބައިނަލް އަގުވާމީގޮތުން ބޮޑެތި ގޮންޖެހުންތަކެއް ރާއްޖެއަށް ކުރިމަތިވާނެ ކަމަށް ބެލެވޭތީ ކުއްލިއަކަށް ސަރުކާރުގެ ސިޔާސަތާއި ސްޓޭންޑް ބަދަލު ކުރުމުގެ ސަބަބުން ޗާގޯސްއިން ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގައި ހިމެނޭ ބައި ގެއްލޭނެތީ އާއި އެކަމުގައި ރާއްޖޭގެ ހައްގު ހޯދުމުގެ ބަސް ބުނުމުގެ ދޮރު ރާއްޖެއަށް އެއްކޮށް ބަންދުވެގެންދާނެތީ ކަމަށް މި ކުއްލި މައްސަލައިގައި ބުނެފައިވެއެވެ.
ނަމަވެސް ކުރިން ސަރުކާރުން ގެންގުޅުނު ސިޔާސަތު ކުއްލިއަކަށް ބަދަލުކޮށް، މޮރިޝަސްއަކީ ޗާގޯސްގެ ސިޔާދަތީ ބާރު ހިނގާ ގައުމުކަމުގައި ރާއްޖެއިން ނިންމި ނިންމުމަކީ އިޔާދަ ނުކުރެވޭފަދަ ބޮޑު ގެއްލުން ރާއްޖެއަށް ލިބޭނެ އަދި ރާއްޖެއިން 96000 އަކަ ކޮލޯމީޓަރުގެ ބޮޑުބައެއް ގެއްލިގެންދާނެ ކަމަކަށާއި އަދި، މިމައްސަލައިގައި ރާއްޖެއިން މިހާރު އަމަލު ކުރަމުންދާގޮތުން، މިކަމުގައި ބޭރުގެ ނުފޫޒު އޮތްކަމަށްވެސް ގަބޫލުކުރެވޭ ކަމަށާއި، ރާއްޖޭގެ ބިމުން ވެލިފުކެއްގެ މިންވަރު ވިޔަސް އަދި ކަނޑުން ކޮޑި އިންޗިއެއްގެ މިންވަރުވިޔަސް އެއްވެސް ބަޔަކަށް ދިނުމާމެދު ދިވެހިން ނިހާޔަތަށް ދެކޮޅުހަދާ ކަމަށްވެސް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު