އިނގިރޭސި ޕްރިމިއާ ލީގުގެ ވަރުގަދަ ދެބާރު ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީން މިރޭ ކުޅުނު މެޗު އެއްވަރުވެގެން ނިމުނު އިރު، މެންޗެސްޓާ ސިޓީން ބްރައިޓަން ބަލިކޮށްފިއެވެ.

ޕްރިމިއާ ލީގުގެ ގަދަ ހަތަރަކަށް އެންމެ ވާދަވެރިކޮށް އޮތް ޗެލްސީއާއި ޔުނައިޓެޑް ޗެލްސީ ދަނޑުގައި މިރޭ ކުޅުނު މެޗު އެއްވަރުވީ 1-1ގެ ނަތީޖާއަކުންނެވެ. ޗެލްސީއާ އަލަށް ހަވާލުވި ކޯޗު ގްރަހަމް ޕޮޓާގެ އިރުޝާދުގެ ދަށުން އެ ޓީމުން މިހާތަނަށް ކުޅުނު އަށް މެޗުންވެސް ބަލިވެފައިނުވާ އިރު، މިރޭގެ ޕޮއިންޓާއެކު ލީގު ތާވަލުގެ ހަތަރުވަނައިގައި އޮތީ 11 މެޗުން 21 ޕޮއިންޓް ހޯދައިގެންނެވެ. މެޗުން މޮޅުވެ ޔުނަައިޓެޑަށް ގަދަ ހަތަރަކަށް އެރެން އޮތް އިރު، ލިބުނު ޕޮއިންޓާއެކު އެ ޓީމު ފަސްވަނައިގައި އޮތީ 11 މެޗުން 20 ޕޮއިންޓާއެކުގައެވެ.

މިރޭގެ މެޗަށް ނުކުތް އިރު، ޕްރިމިއާ ލީގުގައި އެންމެފަހުން ޗެލްސީއަށް ޔުނައިޓެޑް ބަލިކުރެވިފައި އޮތީ 2017 ވަނަ އަހަރުއެވެ. ޔުނައިޓެޑުން ޗެލްސީ ކައިރީ ދަމަހައްޓަމުން އައި ރެކޯޑަށް ނިމުން ގެންނަން ޗެލްސީއަށް ފަހި ފުރުސަތެއް މިރޭ ލިބުނު ނަމަވެސް މެޗުގެ ނަތީޖާ ޔުނައިޓެޑުން ހަމަހަމަކުރީ ނިމެން މިނެޓަކަށް ވެފައި އޮއްވައެވެ.

ފޯރިގަދަކޮށް ފެނުނު މެޗުގެ ކުރީކޮޅުގައި ވަރުގަދަކޮށް ކުޅުނީ ޔުނައިޓެޑުންނެވެ. މެދުތެރެއިން ޑޮމިނޭޓްކޮށް ޗެލްސީގެ މައްޗަށް ގަދަވެ ޔުނައިޓެޑުން އުފެއްދި ހަމަލާތަކުގައި މާކަސް ރަޝްފޯޑާއި އެންތޮނީ ޖެހި ބޯޅަތައް މަތަކުރީ ފޯމުގައި ހުރި ޗެލްސީގެ ގޯލްކީޕަރު ކެޕާ އަރީޒާބަލާގާއެވެ.

ޗެލްސީގެ މެދުތެރެއިން ނުކުޅެވިގެން ކޯޗު ޕޮޓާ ވަނީ ފުރަތަމަ ހާފުގައި ފަހަތަށް ކުޅުނު މާކް ކުކުރެޔާ ބާލައި، އެތަނަށް މަޓެކޯ ކޮވަސިޗް ކުޅެން ނެރެފައެވެ. ކޮވަސިޗު ކުޅެން ނުކުތުމާއެކު ޗެލްސީގެ ފޯވަޑް ޕިއޭ އެމްރިކް އަބަމަޔާންގަށް ފުލުފުލުގައި ދެ ފުރުސަތު ލިބި ބޭކާރުވިއެވެ.

ފުރަތަމަ ހާފު ގޯލެއް ނުޖެހި ނިންމާލަން ޖެހުނު އިރު، ދެވަނަ ހާފަށް ނުކުމެ ދެ ޓީމުން ފެނުނީ ހަމަހަމަ ކުޅުމެވެ. ޔުނައިޓެޑަށް މެޗުގެ ދެވަނަ ހާފުގައި ދިމާވި މާޔޫސްކަމަކީ ފްރާންސްގެ ޑިފެންޑަރު ރެފޭލް ވަރާނަށް އަނިޔާވެ ބާލަން ޖެހުމެވެ. އޭނާގެ ބަދަލުގައި ކުޅެން ނުކުތީ ވިކްޓާ ލިންޑަލޯފްއެވެ.

މެޗުގެ ފަހުކޮޅުގައި ޗެލްސީން ގޯލު ޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ. 87 ވަނަ މިނެޓުގައި ޗެލްސީއަށް ޕެނަލްޓީ ލިބުނީ ކޯނަރެއް ނެގި ވަގުތު އޭރިއާ ތެރެއިން ޔުނައިޓެޑްގެ މެކް ޓޮމިނީ، ޗެލްސީގެ އަރްމާންޑް ބްރޯހާ ގައިގައި ހިފަހައްޓައި ވައްޓާލުމުންނެވެ. ޕެނަލްޓީ ކާމިޔާބުކޮށް ލީޑު ނަގައިދިނީ ޖޯޖީނިއޯއެވެ.

އިތުރު ވަގުތުގެ ތެރެއިން ޔުނައިޓެޑުން ނުރައްކާކޮށް ފެނުނު އިރު، މެޗު ނިމިނިމި އޮއްވާ އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިނީ ކަސެމޭރޯއެވެ. އޭނާ ބޮލުން ޖެހި ބޯޅަ ޗެލްސީ ގޯލްކީޕަރު ކެޕާ އަތުގައި ޖެހި ދަނޑީގައިވެސް ޖެހިފައި ރޮނގު ހުރަސްކުރީ ކިރިޔަ ކިރިޔާއެވެ. ރެފްރީ އެއީ ގޯލެއް ކަމަށް ނިންމީ ގޯލް ލައިން ޓެކްނޮލިޖީގެ އެހީގައެވެ.

މިރޭގެ މެޗަށް ޔުނައިޓެޑުން ނުކުތީ ކްރިސްޓިއާނޯ ރޮނާލްޑޯ ސްކޮޑުގައި ނުހިމަނައެވެ. އެ ޓީމުން އެންމެފަހުން ޓޮޓެންހަމްއާ ދެކޮޅަށް ކުޅުނު މެޗުގައި ބެންޗުން އަރަން ރޮނާލްޑޯ އިންކާރުކުރުމުން ކޯޗު އެރިކް ޓެން ހާގު ވަނީ އޭނާއަށް އަދަބު ދީ، ސްކޮޑުން ބޭރުކޮށްފައެވެ.

ޕްރިމިއާ ލީގު ތާވަލުގެ ދެވަނައިގައި މިވަގުތު އޮތް ސިޓީން ބްރައިޓަންގެ އަމިއްލަ ދަނޑުގައި ބަލިކުރީ 3-1ގެ ނަތީޖާއަކުންނެވެ. މެޗުގެ 22 ވަނަ މިނެޓުގައި ސިޓީއަށް ލީޑު ނަގައިދިނީ ނުރައްކާތެރި ފޯވަޑް އާލިން ހާލަންޑެވެ. އެ ގޯލަށް އެސިސްޓް ކޮށްދިނީ ސިޓީގެ ގޯލްކީޕަރު އެޑަސަންއެވެ. ހާލަންޑް ގޯލު ޖެހީ އެޑަސަންގެ ސައްޕާއެކު ކުރިއަށް ޖެހި، ގޯލްކީޕަރު ނައްޓާލައިފައެވެ.

ހާފު ނިމުމުގެ ކުރިން ސިޓީއަށް ލިބުނު ޕެނަލްޓީގައި ހާލަންޑް އޭނާގެ ދެވަނަ ގޯލު ޖަހައި ލީޑު ފުޅާކުރިއެވެ. އެ ނަތީޖާއާއެކު ސިޓީން ފަސޭހަކޮށް މެޗު ނަގާނެ ކަމަށް ބެލެވުނު ނަމަވެސް ބްރައިޓަން ވަނީ ދެވަނަ ހާފުގައި ކުޅުން ރަނގަޅު ކޮށްފައެވެ.

ނަތީޖާއެއްގެ ގޮތުން ލެއާންޑްރޯ ޓްރޮސާޑު ޖެހި ހިތްގައިމު ގޯލުން ބްރައިޓަން ނަތީޖާ ހަމަހަމަކުރިއެވެ. އެ ގޯލަށްފަހު ބްރައިޓަން ނުރައްކާކުރަމުން ދަނިކޮށް ސިޓީއަށް ޕްރެޝަރު ކަނޑުވާލަދިނީ ކެވިން ޑިބްރޭނާ ޖެހި ގޯލުންނެވެ. ޑިބްރޭނާގެ ގޯލަކީ އޭރިއާ ބޭރުން ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިގެން އޭނާ ޖެހި ގޯލެކެވެ.

ސިޓީން މިވަގުތު ތާވަލުގެ ދެވަނައިގައި އޮތީ 11 މެޗުން 26 ޕޮއިންޓާއެކުގައެވެ. އެއްވަނައިގައި އޮތް އާސެނަލުން ވަނީ 10 މެޗުން 27 ޕޮއިންޓް ހޯދައިފައެވެ.