ރާއްޖެއާއި މޮރިޝަސްގެ އިގުތިސޯދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދޭން އެދި ރާއްޖެއާ ދެކޮޅަށް މޮރިޝަސްއިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) އަށް ހުށަހަޅާފައިވާ މައްސަލަ ރާއްޖެއިން ނަގަމުން އައި ސްޓޭންޑް ބަދަލުކޮށް މޮރިޝަސްއާ އެއްކޮޅަށް ވޯޓުދިނުމަށް ނިންމައިފިއެވެ.
އިޓްލޮސްއަށް މޮރިޝަސްގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައިގައި ރާއްޖެއިން ވަކަލާތު ކުރަމުން އައީ އެ މައްސަލަ އިޓްލޮސްއަށް ނުބެލޭނެ ކަމަށެވެ. އެކަމާ ގުޅިގެން އިޓްލޮސް އިން ބުނެފައިވަނީ އެ މައްސަލަ ބެލުމުގެ ބާރު ލިބިގެންވާ ކަމަށެވެ.
މީގެ ކުރިން ބޭއްވި އަޑުއެހުންތަކުގައި ރާއްޖެއިން ވަނީ ސުލްހަވެރިކަމާއެކު މައްސަލަ ހައްލުކުރުމުގެ ގޮތުން މަޝްވަރާކުރަން ތައްޔާރަށް ތިބި ކަމަށް ބުނެފައެވެ. ރާއްޖޭގެ ފަރާތުން މި މައްސަލައިގައި ވަކާލަތުކުރައްވަނީ އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު އާއި ޑެޕިއުޓީ އެޓާނީ ޖެނެރަލް ހަދީޖާ ޝަބީންއެވެ.
އެ މައްސަލައިފައި ރާއްޖެއިން ވަނީ މީގެ ކުރިން އިޓްލޮސްއަށް ހާޒިރުވެ ޖަވާބުދާރީވެފައެވެ. އިއްޔެ ބޭއްވި އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ރިފްއަތު ވިދާޅުވީ އދ. އަށް މޮރިޝަސްއިން ހުށަހަޅާފައިވާ މައްސަލައިގައި އެގައުމާ އެއްކޮޅަށް ވޯޓު ދެއްވާނެ ކަމަށާއި އެގޮތަށް ރާއްޖެއިން ނިންމާފައިވާކަން ހާމަކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދް ޖުގާނަތްއަށް ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށެވެ.
"ރާއްޖޭގެ ހާރިޖީ ސިޔާސަތު އަބަދުވެސް އަދި ކުރިއަށް އޮތްތަނުގައި ވެސް ބައްޓަންކުރާނީ އިސްތިއުމާރުކުރުންތަކާ ދެކޮޅަށް. ރާއްޖެއިން އަބަދުވެސް އދ.ގެ އިސްތިއުމާރުކުރުންތަކާ ދެކޮޅަށް ކުރާ މަސައްކަތާއި، ފާސްކުރާ ރިލޮޒިއުޝަންތަކަށް ތާއިދުކުރާނެ،" ރިފްއަތު ވިދާޅުވިއެވެ.
ރިފްއަތު ވިދާޅުވީ ރާއްޖެއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައިގެ ތަފްސީލު ރާއްޖެއަށް ނުދީ މޮރިޝަސްއިން އެ މައްސަލަ ވަރަށް ބޮޑަށް ފުޅާކޮށްފައިވާ ކަމަށާއި އެގޮތުން މޮރިޝަސްއިން ޗާގޯސްގެ އުތުރުން ބޭރުގައިވާ ކޮންޓިނެންޓަލް ޝެލްފަކީ މޮރިޝަސްގެ ސަރަހައްދު ކަމަށް ކަނޑައެޅުމަށް އެދުނު އިރު، އޭގެ ތެރޭގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން 22،000 އަކަ ކިލޯމީޓަރު ހިމެނޭ ކަމަށެވެ.
ރިފްއަތު ވިދާޅުވީ ރާއްޖެއިން މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދެއްވާނެކަން ހާމަކުރުމުން އެކަމާ މޮރިޝަސްއިން ރާއްޖެއަށް މަރުހަބާ ދަންނަވާފައިވާ ކަމަށާއި ރާއްޖެއިން އަދި މޮރިޝަސްއިން ވެސް ބޭނުންވަނީ ކަނޑުގެ މައްސަލައިގައި އަވަސް ހައްލެއް ހޯދުމަށް ކަމަށެވެ. އަދި ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފް 200 ނޯޓިކަލް މޭލަށް ވުރެ ބޮޑުކުރަން ރާއްޖެއިން 2010 ވަނަ އަހަރު ހުށަހެޅި ހުށަހެޅުމާއި މޮރިޝަސްއިން ހުށަހެޅި އިއުތިރާޒު ވެސް އަނބުރާ ގެންދާނެ ކަމަށް ރާއްޖެއިން އުއްމީދުކުރާ ކަމަށްވެސް ވިދާޅުވިއެވެ.
މޮރިޝަސްއިން ހުށަހަޅާފައިވާ މައްސަލައަށް ޖަވާބުދާރީވުމަށް 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ރިފްއަތު ވިދާޅުވެފައިވަނީ ރާއްޖެ އާއި މޮރިޝަސްގެ މެދުގައި އެއްވެސް ނުތަނަވަސްކަމެއް ނެތް ކަމަށާއި ޖެހިގެން އުޅެނީ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން މޮރިޝަސްގެ އިގުތިސޯދީ ސަރަހައްދާ ބެހޭގޮތުން ނެރެފައިވާ އެޑްވައިޒަރީ އޮޕީނިއަން މައްސަލަ ކަމަށެވެ. އެ އެޑްވައިޒަރީ އަކީ ޗާގޯސްގެ މިލްކުވެރިކަމާ ބެހޭގޮތުން މޮރިޝަސް އާއި އިނގިރޭސިވިލާތާ ދެމެދު އޮތް ދެބަސްވުން ނިމުމަކަށް ގެނެސް، ވަކި ގޮތަކަށް ކަނޑައެޅިދާނެ ނިންމުމެއްތޯއާ މެދު އޮތް ހިޔާލު ތަފާތުވުމެއް ކަމަށް ވިދާޅުވެފައިވެއެވެ.
ރިފްއަތު އިތުރަށް ވިދާޅުވެފައިވަނީ މޮރިޝަސް އިން ރާއްޖެއާ ދެކޮޅަށް މައްސަލަ ހުށަހަޅައިގެން އުޅެނީ އިމުގެ މައްސަލައިގައި ރާއްޖެއާ ހިލާފެއް އުފެދިގެން ނޫން ކަމަށާއި އިޓްލޮސްއަށް މައްސަލަ ހުށަހެޅުމަށް ލިބިފައިވާ ހައްގުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި އެހެން މަގުސަދެއް ހާސިލުކުރަން ކަމަށެވެ. އަދި ހުށަހަޅާފައިވާ މައްސަލައަކީ ސުލްހަވެރިކަމާއެކު މަޝްވަރާކޮށްގެން ހައްލުކުރެވެން އޮތް މައްސަލައެއް ކަމަށާއި އެކަމަކު މޮރިޝަސް އިން އިޓްލޮސްއަށް މައްސަލަ ހުށަހަޅާފައިވަނީ ޗާގޮސް އައިލެންޑްސްގެ ސިޔާދަތީ ބާރު ލިބިގެންވަނީ މޮރިޝަސްއަށް ކަމަށް މި މައްސަލައިގެ ތެރެއިން ކަނޑައަޅަން ކަމަށެވެ.
މީގެ ކުރިން ރާއްޖެއިން ގަބޫލުކުރަމުން އައީ ޗާގޮސްގެ މައްސަލައަކީ ރާއްޖެއާ ބެހޭ މައްސަލައެއް ނޫން ކަމަށެވެ. އަދި ރާއްޖެއިން ގަބޫލުކުރީ އެއީ އިނގިރޭސިވިލާތާއި މޮރިޝަސް ދެމެދުގައި އޮތް މައްސަލައެއް ކަމަށެވެ.
ރާއްޖެއިން 2010 ވަނަ އަހަރު "ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފް"އަށް ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފްގެ ސަރަހައްދު ކަނޑައަޅައިދޭން އެދުމުން މޮރިޝަސް އިން ވަނީ އެކަމަށް އިއުތިރާޒުކޮށް، އެކަން އދ. ގެ ސެކްރެޓަރީ ޖެނެރަލަށް ހުށަހަޅައިފައެވެ. މިއީ ރާއްޖެ މި މައްސަލައިގެ ތެރެއަށް ތަނާޒުލްވާން ޖެހުނު ސަބަބެވެ.
ރާއްޖެއިން ހުށަހެޅި މައްސަލައަށް މޮރިޝަސްއިން އިއުތިރާޒު ކުރީ ރާއްޖޭގެ ހުށަހެޅުމުގައި ޗާގޮޒްގެ ހާއްސަ އިގުތިސޯދީ ސަރަހައްދު ފާހަގަކޮށްފައި ނުވާތީ އާއި ރާއްޖެއިން ހުށަހެޅި ސަރަހައްދާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ ފުށުއަރާ ކަމަށް ބުނެއެވެ. އެއަށްފަހު އައްޑު އަތޮޅާއި ޗާގޯޒްއާ ދެމެދުގައިވާ ކަނޑުގެ ސަރަހައްދާ މެދު ދެ ގައުމުގެ ދެމެދުގައި ވަކި ގޮތަކަށް އެއްބަސްވުމަކަށް އައުމަށް މޮރިޝަސް އިން ވަނީ ރާއްޖެއަށް ގޮވާލައިފައެވެ.
ދެހާސް ނަވާރަ ވަނަ އަހަރު އދ. ގެ އާންމު މަޖިލީހުން ވަނީ ޗާގޮޒް އައިލެންޑްސް، މޮރިޝަސްގެ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅަން ފާސްކޮށްފައެވެ. ރާއްޖެއިން އެފަހަރު ވޯޓުދިނީ ޗާގޮސް، އިނގިރޭސިވިލާތުގެ ތަނެއްގެ ގޮތުގައި އޮތް އޮތުން ދަމަހައްޓާށެވެ. ރާއްޖެއިން އެގޮތަށް ވޯޓުދިނީ މޮރިޝަސް އިން ރާއްޖެއާ ދެކޮޅަށް ހުށަހަޅައިގެން އުޅޭ މައްސަލައިގައި ރާއްޖޭން ކަނޑުގެ ސަރަހައްދެއް ރާއްޖެއަށް ގެއްލިދާނެތީއެވެ.
ޚަބަރު
ޚަބަރު
ޚަބަރު