ހާއްސަ ރިޕޯޓް

ބެންޒެމާގެ އިނގިލީގައި ބަނދެފައިވާ ހުދު ބެންޑޭޖު ރަނަށް، ކެތްތެރި ގުރުބާނީގެ ފުރިހަމަ ރަމްޒެއް

މުޙައްމަދު ޝަމްޢޫން

ދެހާސް ނަވާރަވަނަ އަހަރު ރެއާލް މެޑްރިޑުން، ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅުނު މެޗުގައި މާކް ބާޓްރާއަށް ކަރިމް ބެންޒެމާގެ އަތްމައްޗަށް އެރުނެވެ. އެއާއި އެކު ބެންޒެމާގެ އިނގިލި ބިންދައިގެން ދިޔައެވެ. މެޗުގެ ފޮޓޯތަކުންވެސް އެމަންޒަރު ސާފެވެ. ބެންޒެމާ އެ ސީޒަނުގައިވެސް ހުރީ އާދަޔާހިލާފު ފޯމެއްގައެވެ. ފޯމުގައި ހުރި ބެންޒެމާއަށް ސީޒަން ތެރެއިން އިނގިލި ރަނގަޅު ކުރުމަށް ސާޖަރީއަކަށް ގޮސް، ދެ މަސް ދުވަހަށް ކުޅުމާ ދުރަށް ދާން ޑޮކްޓަރުން ލަފާދިނެވެ.

އެ ލަފަޔަށް ބެންޒެމާ މަޑުކުރީ ސީޒަން ނިމެންދެންނެވެ. ފޯމު ގެއްލުވާނުލަން އޭނާވި ބޮޑު ގުރުބާނީއެކެވެ. ސީޒަނަށްފަހު ހެދި ސާޖަރީ ކާމިޔާބުވި ނަމަވެސް، އޭގެފަހުން ކޮންމެ މެޗަކަށްވެސް ބެންޒެމާ ނުކުންނަނީ ހުދުކުލައިގެ ބެންޑޭޖުން އިނގިލި ބަނދެލައިގެންނެވެ. ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި އެވޯޑު ބެލޮންޑިއޯ އެވޯޑު މިއަހަރު ހޯދި ބެންޒެމާއަށް މީގެ ސީޒަނެއް ކުރިން ލިބުނު އަނިޔާއެއްގެ ވާހަކަ ދައްކަންވީ ސަބަބެއް އެބައޮތެވެ.

ބެލޮންޑިއޯ ވާހަކައިން ފަށަމާ ހިނގާށެވެ. ބެންޒެމާ ބެލޮންޑިއޯ ކާމިޔާބުކުރީ 12 ފަހަރަށް ނޮމިނޭޓްވެ، 11 ފަހަރު ނާކާމިޔާބީއާވެސް ކުރިމަތިލައިގެންނެވެ. ވަރަށް ދިގު އިންތިޒާރެކެވެ. 2019 ވަނަ އަހަރު ބެންޒެމާއަށް އަނިޔާވި އިރު، ބެލޮންޑިއޯއާ ގާތަށް ޖެހެވޭ ކަމުގެ އުންމީދު އޭނާއަށް ބޮޑުކޮށް އޮތެވެ. ތަދަށް ކެތްތެރިވެ، އަނިޔާއާއެކު ބެންޒެމާ ކުޅުނީ އެހެންވެއެވެ. އެސީޒަނުގެ ބެލޮންޑިއޯ ރޭންކިންގައި ބެންޒެމާ ނިންމާލީ ހަތަރު ވަނައިގައެވެ. އެއީ އޭރު އޭނާގެ ކެރިއަރުގައި ބެލޮންޑިއޯ ރޭންކިން އެންމެ މައްޗަށް ޖެހިލި ފަހަރެވެ.

އެހެންކަމުން އަނިޔާގައި ކެތްކުރި ކެތްކުރުމަކީ ބެންޒެމާގެ ބެލޮންޑިއޯއަށް ވެވުނު ކާމިޔާބު ގުރުބާނީއެކެވެ. އެގުރުބާނީގެ ރަމްޒު ދައްކުވައިދޭން ބެންޒެމާގެ ސްޕޮންސާ، އެޑިޑާސްއިންވެސް އެކަން ސާފުކޮށްދިނެވެ. ފްރާންސް ފުޓުބޯޅައިން ދޭ ބެލޮންޑިއޯ ބެންޒެމާއަށް ލިބުމާއެކު އެޑިޑާސްއިން ކުރި ހާއްސަ ޕޯސްޓްގައި "އިމްޕޮސިބަލް އިސް ނަތިން" ސްލޮގަންއާއެކު ބޭނުންކުރީ ބެންޒެމާ އަތުގެ މަންޒަރެކެވެ. އެ މަންޒަރުގައި އިނގިލީގައި ބަނދެފައިވާ ބެންޑޭޖުގެ ކުލަ ރަނަށް ބަދަލުކޮށްލައިފައި ހުރުމުން، އެކަމުން އެތައް އެތުލީޓުންނަކަށް ލިބުނީ ހިތްވަރެވެ.

"އަހަރެންގެ ކުރިމަތީގައި ބެލޮންޑިއޯ ހުރުމަކީ ނުހަނު ބޮޑަށް ފަހުރުވެރިވާ ކަމެއް. މިއީ އަހަރެން އެންމެ ކުޑައިރުވެސް ދެކެމުން އައި ހުވަފެން. އަހަރެން މިކަމަށް ބުރަ މަސައްކަތްކުރިން. ކުއިޓެއް ނުކުރަން، ގިވްއަޕެއްވެސް ނުކުރަން،" ބެލޮންޑިއޯ އެވޯޑާއެކު ޕްރެސް މޭޒުގައި އިނދެ އުމުރުން 34 އަހަރުގެ ބެންޒެމާ ބުންޏެވެ.

ބެންޒެމާއަކީ 1956 ވަނަ އަހަރު ސްޓޭންލީ މަތިއުސްއަށްފަހު ބެލޮންޑިއޯ ހޯދި އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިޔާވެސް މެއެވެ. މަތިއުސްއަކީ ބެލޮންޑިއޯ ފުރަތަމަ ހޯދި ކުޅުންތެރިޔާއެވެ.

ބެންޒެމާ އެތައް ބެލޮންޑިއޯއަކަށް މީގެ ކުރިން އުފަލާއެކު ތައުރީފުކުރިއެވެ. އޭނާގެ ކުރިމަތީގައި ރެއާލް މެޑްރިޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ހޯދި ބެލޮންޑިއޯތަކަށް ބެންޒެމާ ދިޔައީ ތައުރީފު ކުރަމުންނެވެ. ނުރުހުމުގެ ނަޒަރުން ކަޅި އެޅުމުގެ ބަދަލުގައި ބެންޒެމާ ދިޔައީ ބެލޮންޑިއޯ ހޯދި ކުޅުންތެރިންގެ ކެރިއަރު އައިޑަލައިޒް ކުރަމުންނެވެ.

"ރޮނާލްޑޯގެ ފަރާތުން ލިބުނީ އަބަދުވެސް ހިތްވަރު. އެއީ ބީސްޓެއް. އޭނާގެ ކެރިއަރުގެ ބެލޮންޑިއޯތަކުން އަހަންނަށް ވަރަށް ބޮޑު ހިތްވަރެއް ލިބުނު. ހާއްސަކޮށް އޭނާއާއެކުގައި ކުޅެލަން ލިބުމަކީ ހިތްވަރު އާވިކަމެއް،" ރޮނާލްޑޯގެ ބެލޮންޑިއޯއާ ގުޅިގެން ބެންޒެމާ ކުރިން ބުނެފައިވެއެވެ.

ބެންޒެމާ އެވޯޑަށް ކުރި ދަތުރުގައި ޗެލެންޖުތައް ގިނައެވެ. ލިއޮނަލް މެސީއާއި ރޮނާލްޑޯގެ ފަރަގު ބޮޑު ޑޮމިނޭޝަނުން ފެށިގެން ގޮސް، ފްރާންސްގެ ގައުމީ ޓީމުން ބޭރުވުންވެސް އޭގައި ހިމެނެއެވެ. 2015 ވަނަ އަހަރު ބްލެކްމެއިލިންގެ މައްސަލައެއްގައި ބެންޒެމާއަށް ގައުމީ ޓީމުގެ ފަސް އަހަރު ގެއްލުނެވެ.

"އަހަރެން އަބަދުވެސް ސިކުނޑީގައި ބަހައްޓަމުން ދިޔައީ ހުރިހާ ކަމަކީވެސް ވާނެ ކަމެއްކަން. ފްރާންސް ޓީމުން ބޭރުވުމުން އެކަމަށްވެސް ދުލެއް ނުދެން. ކުރީ މަސައްކަތް. މިއީ ފަސޭހަވެސް ކަމެއް ނޫން. އަހަންނާއި އަހަރެންގެ އާއިލާއަށްވެސް މިއީ އުނދަގޫ ޗެލެންޖެއް،" ބެލޮންޑިއޯ އެވޯޑާއެކު ފިރިހެން ދަރިފުޅު އިބްރާހީމާއި މަންމަ ވަހީދާ ޖެބަރާ ސްޓޭޖަށް އެރުވި ބެންޒެމާ ބުންޏެވެ.

މުސްލިމް އާދަތައް އަބަދުވެސް ފެންނަ ކުޅުންތެރިޔެއްގެ ގޮތުގައި ބެންޒެމާ ފާހަގަވެއެވެ. ރޯދަމަހު މުސްލިމުންގެ ރިވެތި އުސޫލުތަކަށް ސަމާލުކަން ދޭ ހާއްސަ ޕޯސްޓްތައްވެސް ބެންޒެމާ ކުރަމުންދެއެވެ. އެހުރިހާ ކަމެއްގެ ތެރެއިން އޭނާ ރެއާލް މެޑްރިޑްގެ ކެޕްޓަން ބޭންޑް އެޅީ ޑިސިޕްލިންގެ ނަތީޖާއިންނެވެ. ދުނިޔޭގެ އެންމެ ބޮޑު ކްލަބު ރެއާލާއެކު ފަސް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާކުރި ބެންޒެމާ ވަނީ މިދިޔަ ސިޒަނުގައިވެސް އެ ކްލަބަށް ކުޅުނު 46 މެޗުން 44 ގޯލު ޖަހައި، 15 އެސިސްޓް ފުރިހަމަ ކޮށްފައެވެ.

ޒައިނައްދީން ޒިދާން އަތުން ބެންޒެމާއަށް ބެލޮންޑިއޯ ދިނުން ވަރަށްވެސް ހައްގެވެ. 1998 ވަނަ އަހަރު ޒިދާން ބެލޮންޑިއޯ ހޯދިފަހުން، އެ ވިދުން ގަދަ ޓްރޮފީ ހޯދި ފްރާންސްގެ ފުރަތަމަ ކުޅުންތެރިޔަކީވެސް ބެންޒެމާއެވެ. ބެންޒެމާއަކީ ބެލޮންޑިއޯ ހޯދި ފްރާންސްގެ ފަސް ވަނަ ކުޅުންތެރިޔާއެވެ. ބެންޒެމާ އާއި ޒިދާންގެ އިތުރުން ބެލޮންޑިއޯ ހޯދި ފްރާންސްގެ އަނެއް ތިން ކުޅުންތެރިންނަކީ ރޭމަންޑް ކޮޕާ، މިޝޭލް ޕްލެޓީނީގެ އިތުރުން ޖީން-ޕިއޭ ޕަޕިންއެވެ. އޭގެ ތެރެއިން ޕްލެޓީނީ ވަނީ ޖެހިޖެހިގެން ތިން ފަހަރަށް ބެލޮންޑިއޯ ކާމިޔާބުކޮށްފައެވެ.

ބެންޒެމާގެ އެވޯޑުން ރަމްޒުކޮށްދެނީ ބުރަ މަސައްކަތާއި ގުރުބާނީއެވެ. 2004 ވަނަ އަހަރު ފްރާންސްގެ ލިޔޯންގެ ޒުވާން ޓީމުގެ ތެރެއިން ކެރިއަރުގެ މަސައްކަތް ފެށި ބެންޒެމާ ރެއާލަށް ބަދަލުވީ 2009 ވަނަ އަހަރުއެވެ. ފުރަތަމަ ސީޒަނުން ފެށިގެންވެސް ބެންޒެމާއަށް ފުރުސަތުތައް ފަހިވެގެން ގޮސްފައިވެއެވެ. އެހެން ނަމަވެސް ގޯލު ޖެހުމުގެ ފުރިހަމަ ރެކޯޑް ފެނުނީ 2018 ހިސާބުން ފެށިގެންނެވެ. އެޑިޑާސްއިން ބެންޒެމާގެ އަތުގެ ބެންޑޭޖް ހުދު ކުލައިން ރަނަށް ބަދަލުކޮށްލީ ހަމަ ގުރުބާނީގެ ރަމްޒަކަށެވެ.