މެންޗެސްޓާ ޔުނައިޓެޑުން ޑިސިޕްލިނަރީ ފިޔަވަޅު އެޅުމުން ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ހާއްސަ ބަޔާނެއް ނެރެފިއެވެ.
އިއްޔެރޭ ޓޮޓެންހަމްއާ ދެކޮޅަށް ކުޅުނު މެޗުން މެންޗެސްޓާ ޔުނައިޓެޑް މޮޅުވީ 2-0ގެ ނަތީޖާއަކުންނެވެ. މެޗުގައި ޔުނައިޓެޑްގެ ފަރާތުން އެޓޭކިން ރަނގަޅު ފުޓުބޯޅައެއް ފެނިގެން ގޮސްފައިވާ އިރު، މެޗުގެ ނަތީޖާއަށްވުރެ ބޮޑު ފޯކަސް އަމާޒުވީ ރޮނާލްޑޯއަށެވެ.
މެޗުގެ ފުރަތަމަ 11 އަށް ކޯޗު އެރިކް ޓެން ހާގު ރޮނާލްޑޯ އަރުވައިފައިނުވާ އިރު، މެޗު ނުނިމެނީސް ރޮނާލްޑޯ ވަނީ ޓަނަލް ތެރެއިން ޑްރެސިން ރޫމަށް ވަދެގެން ގޮސްފައެވެ. ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި ރޮނާލްޑޯ އެވަގުތު ބެންޗު ދޫކޮށް ދިޔައީ ކޯޗު ޓެން ހާގު ބަދަލެއްގެ ގޮތުގައި އަރުވަން މަސައަކްތަ ކުރުމުން، ކުޅެން އަރަން އިންކާރުކޮށްފައެވެ.
އެ މައްސަލައިގައި ޓެން ހާގު ރޮނާލްޑޯއަށް އަދަބު ދިނުމުގެ ގޮތުން ސްކޮޑުން ބޭރުކޮށް، ތަމްރީނުތަކުންވެސް އެކަހެރި ކުރިއެވެ.
އެކަމަށް ޖަވާބުދާރިވުމަށް ރޮނާލްޑޯ ނެރުނު ބަޔާނުގައި ބުނެފައި ވަނީ އަބަދުވެސް މަސައްކަތް ކުރަނީ ޒުވާން ކުޅުންތެރިންނަށް ނަމޫނާ ދެއްކުމަށް ނަމަވެސް، ބައެއް ހާލަތްތަކުގައި ޖަޒުބާތުގައި ޖެހިގެންދާ ކަމަށެވެ.
"ކުޅުނު ހުރިހާ ޓީމެއްގައިވެސް މަސައްކަތް ކުރީ ޒުވާން ކުޅުންތެރިންނަށް ނަމޫނާއަކަށް ވުމަށް. އެކަމަކު ބައެއް ހާލަތްތަކުގައި ޖަޒުބާތުގައި ޖެހޭ. އަހަރެން މިހާރު ގަބޫލުކުރާ ގޮތުގައި ދެން ކުރަންވީ ކަމަކީ ޔުނައިޓެޑްގެ ތަމްރީނުތަކުގައި އަނެއްކާވެސް ބުރަކޮށް މަސައްކަތްކޮށް، ޓީމުގެ އެހެން ހުރިހާ ކުޅުންތެރިންނަށް އެހީތެރިކަން ފޯރުކޮށްދެވޭން އޮތް ގޮތަކަށް އެހީތެރިކަން ފޯރުކޮށްދިނުން. ޕްރެޝަރަށް ގަރަގުވެގެން ދިޔުމަކީ ހައްލެއް ނޫން. މިއީ މެންޗެސްޓާ ޔުނައިޓެޑް،" އުމުރުން 37 އަހަރުގެ ރޮނާލްޑޯ ބުންޏެވެ.
ރޮނާލްޑޯ އާއި ޓެން ހާގާ ދެމެދު ގުޅުން ގޯސް ކަމަށް މީގެ ކުރިންވެސް މީޑިއާތަކުގައި ވާހަކަ ދެކެވިފައިވެއެވެ. މި ސީޒަންގެ ކުރިން ރޮނާލްޑޯ ޔުނައިޓެޑް ދޫކޮށްލަން މަސައްކަތް ކުރިނަމަވެސް އެކަން ކާމިޔާބުނުވުމުން، ޓީމާ ގުޅުނީ ޕްރީ ސީޒަން ނިންމި ފަހުންނެވެ. ލީގުގެ ފުރަތަމަ ދެ މެޗަކަށް ޓެން ހާގު ރޮނާލްޑޯ ފުރަތަމަ 11 އަށް ނެރުނު ނަމަވެސް ފަހުން މުޅިންވެސް ބޭނުންކުރަނީ ބެންޗުގައެވެ. އެކަމުގައި ރޮނާލްޑޯ މާޔޫސްކޮށް ފެންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ