މެންޗެސްޓާ ޔުނައިޓެޑްގެ ފޯވަޑް، ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ޑިސިޕްލިނަރީ އަދަބު ދީފިއެވެ.

ރޭ ޓޮޓެންހަމްއާ ދެކޮޅަށް ކުޅުނު މެޗުން މެންޗެސްޓާ ޔުނައިޓެޑް މޮޅުވީ 2-0ގެ ނަތީޖާއަކުންނެވެ. މެޗުގައި ޔުނައިޓެޑްގެ ފަރާތުން އެޓޭކިން ރަނގަޅު ފުޓުބޯޅައެއް ފެނިގެން ގޮސްފައިވާ އިރު، މެޗުގެ ނަތީޖާއަށްވުރެ ބޮޑު ފޯކަސް އަމާޒުވީ ރޮނާލްޑޯއަށެވެ.

މެޗުގެ ފުރަތަމަ 11 އަށް ކޯޗު އެރިކް ޓެން ހާގު ރޮނާލްޑޯ އަރުވައިފައިނުވާ އިރު، މެޗު ނުނިމެނީސް ރޮނާލްޑޯ ވަނީ ޓަނަލް ތެރެއިން ޑްރެސިން ރޫމަށް ވަދެގެން ގޮސްފައެވެ. ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި ރޮނާލްޑޯ އެވަގުތު ބެންޗު ދޫކޮށް ދިޔައީ ކޯޗު ޓެން ހާގު ބަދަލެއްގެ ގޮތުގައި އަރުވަން މަސައަކްތަ ކުރުމުން، ކުޅެން އަރަން އިންކާރުކޮށްފައެވެ.

ރޭގެ މެޗަށްފަހު ޓެން ހާގު ބުނެފައި ވަނީ ރޮނާލްޑޯގެ އެ އަމަލާމެދު "ޑީލް" ކުރާނީ މިއަދު ކަމަށެވެ. ރޭ ކްލަބުން ހޯދި މޮޅާއެކު އުފާފާޅުކުރުމަށް ދޫކޮށްލާނީ ކަމަށެވެ.

ޔުނައިޓެޑުން މިއަދު ނެރުނު ސްޓޭޓްމަންޓެއްގައި ބުނެފައި ވަނީ ޔުނައިޓެޑުން ޗެލްސީއާ ދެކޮޅަށް އަންނަ ހަފުތާ ކުޅެން އޮތް މެޗުގެ ސްކޮޑުގައި ރޮނާލްޑޯ ނުހިމެނޭނެ ކަމަށާއި ސްކޮޑުގައި ބާކީ ތިބި އެހެން ހުރިހާ ކުޅުންތެރިން ބަރާބަރަށް ފަރިތަކުރަމުންދާ ކަމަށެވެ. ޔުނައިޓެޑުން ބުނެފައި ވަނީ ރޮނާލްޑޯ ސްކޮޑުން ބޭރުކުރީ ޑިސިޕްލިނަރީ ފިޔަވަޅެއްގެ ގޮތުން ކަމަށާއި ވަކި ގޮތެއް އަންގަންދެން ރޮނާލްޑޯ ތަމްރީނުތައް ފުރިހަމަކުރާނީވެސް ޓީމާ ވަކިން ކަމަށެވެ.

ރޮނާލްޑޯ އާއި ޓެން ހާގާ ދެމެދު ގުޅުން ގޯސް ކަމަށް މީގެ ކުރިންވެސް މީޑިއާތަކުގައި ވާހަކަ ދެކެވިފައިވެއެވެ. މި ސީޒަންގެ ކުރިން ރޮނާލްޑޯ ޔުނައިޓެޑް ދޫކޮށްލަން މަސައްކަތް ކުރިނަމަވެސް އެކަން ކާމިޔާބުނުވުމުން، ޓީމާ ގުޅުނީ ޕްރީ ސީޒަން ނިންމި ފަހުންނެވެ. ލީގުގެ ފުރަތަމަ ދެ މެޗަކަށް ޓެން ހާގު ރޮނާލްޑޯ ފުރަތަމަ 11 އަށް ނެރުނު ނަމަވެސް ފަހުން މުޅިންވެސް ބޭނުންކުރަނީ ބެންޗުގައެވެ.

މީގެ ދެ ހަފުތާ ކުރިން އެވަޓަންއާ ދެކޮޅަށް ބެންޗުން ނުކުމެ ގޯލު ޖެހި މެޗަށްފަހު ރޮނާލްޑޯ ދެން ޖެހިގެން އައި މެޗުގައި ނިއުކާސަލްއާ ދެކޮޅަށް ފުރަތަމަ 11 އަށް ނުކުތް ނަމަވެސް، އެ މެޗުގެ ފަހުކޮޅުގައި ބޭލުމުން އެކަމާ ނުރުހުންވި މަންޒަރު ފެނުނެވެ. އެހިސާބުން މީޑިއާގައި ރޮނާލްޑޯގެ ވާހަކަ ގަދަވެފައިވަނިކޮށް، ރޭ އަނެއްކާވެސް އޭނާގެ ފަރާތުން ފެނުނު މަންޒަރަށް ގިނަ ބަޔަކު ވަނީ ފާޑު ކިޔައިފައެވެ.