މަސްތުވާތަކެތީގެ ވިޔަފާރީގައި ފައިސާގެ ޔަގީންކަން ކަށަވަރުކުރަން ޕާކިސްތާނަށް ގެންދިޔައީ ބަޔަކު އޮޅުވާލައިގެން ކަމަށާއި ރާއްޖެ އައީ ފިލައިގެން ކަމަށް މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި މީހަކު ކްރިމިނަލް ކޯޓުގައި ބުނެފިއެވެ.
އެ މައްސަލާގައި ފުލުހުން ހައްޔަރުގައި ހުރީ ބ. ގޮއިދޫ/ އަތިރީގެ، ހުސެއިން ޝަރުވާން، 22އ އެވެ. އޭނާގެ މައްޗަށް ފުލުހުން ކުރަނީ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅުމާއި މަސްތުވާތަކެތި ރާއްޖެ އެތެރެކުރުމުގައި އެހީތެރިވުމުގެ ތުހުމަތެވެ.
ޕާކިސްތާނުގައި އުޅުމަށްފަހު ރާއްޖެ އައުމުން ހައްޔަރުކުރި ޝަރުވާނަށް ފުރަތަމަ ބަންދު ޖެހީ މިމަހުގެ 14 ވަނަ ދުވަހުއެވެ. އެ ފަހަރު އޭނާގެ ބަންދަށް ޖެހީ ހަތް ދުވަހެވެ.
އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރުމުން އޭނާ ވަނީ، ޕާކިސްތާނަށް އޭނާ ފޮނުވީ ބަޔަކު އޮޅުވާލައިގެން ކަމަށާއި ޕާކިސްތާނުގައި އޭނާ "ރަހީނުކޮށްގެން" ގެންގުޅުނު ކަމަށާއި އެނބުރި ރާއްޖެ އައީ ފިލައިގެން ކަމަށް ބުނެފައެވެ.
މި މައްސަލާގައި ޝަރުވާންގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރި ކަމަށް ބަލައި، ގާޒީ އާދަމް މުހައްމަދު ވަނީ އޭނާގެ ބަންދުގެ މުއްދަތު އިތުރު 10 ދުވަހަށް އިތުރުކޮށްދެއްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު