ގޭންގްތަކުގައި ކުޑަކުދިން ހަރަކާތްތެރިވާ މިންވަރު ދުވަހަށްވުރެ ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. މާލޭގައި އާއްމުކޮށް ހަރަކާތްތެރިވާ، ކުށްކުރާ ގޭންގްތަކަށް ނިސްބަތްވާ 60 ވުރެ ގިނަ ކުދިން ތިބިއިރު، އަތޮޅުތެރޭގެ ގޭންގުތަކަށް ނިސްބަތްވާ ކުދީންގެ އަދަދު ހުރީ 100 އިން މަތީގައި ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. ތަފާތު އެކި ކުށްތައް ކުރުމަށް ކުރީ ސަފަށް ނެރެނީ ކުޑަކުދިންނެވެ. ކުދި ކުށްތަކުން ފެށިގެން އެންމެ ނުރައްކާތެރި ކުށްތައް އެކުދިން ލައްވައި ކުރުވަނީއެވެ. އޭގެ ތެރޭގައި މީހުން މެރުން ފަދަ ޖިނާއީ އެންމެ ބޮޑެތި ކުށްތައްވެސް ހިމެނެއެވެ. އެކަން ރާއްޖޭގައި ފާއިތުވި ދިހަ އަހަރު މަރާލައިފައިވާ މީހުންގެ މައްސަލަތަކުގައި ހައްޔަރުކުރި ކުޑަކުދިންގެ އަދަދަށް ބަލައިލުމުންވެސް ސާފެވެ.

އުމުރުން 15 އަހަރު ނުފުރޭ ނަމަ ޖިނާއީ މައްސަލަތަކައި ޒިންމާވާން ނުޖެހޭ ގޮތަށް ގާނޫނުގައި ލިޔެފައި އޮތުމަކީ ކުޑަކުދިން ކުށުގެ ވެށްޓަށް އަހުލުވެރިކުރުވާ މައިގަނޑު އެއް ސަބަބެވެ. އެކަމުގެ ފައިދާ ގޭންގްތަކުގެ އިސް ފަރާތްތަކުން ނަގައެވެ. އާއްމުގޮތެއްގައި 15 އަހަރުން ދަށުގެ ކުދިން ލައްވައި ގޭންގުތަކުން ކޮށް އުޅެނީ މަސްތުވާތަކެތީގެ ވިޔަފާރިއެވެ. ބައެއް ގޭންގުތަކުން، އެކުދިންނަށް ދުވާލެއްގެ މައްޗަށް 200-500 ރުފިޔާ، އުޖޫރައެއްގެ ގޮތުގައި ދެއެވެ. އެ ކުދިންނަށް ވިސްނައިދީފައި އޮންނަނީ ހައްޔަރުކުރި ނަމަވެސް ދޫކޮށްލާނެ ކަމެވެ. ދައުވާއެއް ނުކުރެވޭނެ ކަމެވެ.

އޮންލައިން އެކިއެކި ގޭމްތަކަކީ ދިވެހިންގެ ތެރޭގައި މިހާރު މަގުބޫލު ގޭމުތަކެވެ. އޭގެ ތެރެއިންވެސް އެންމެ މަގުބޫލު އެއް ގޭމަކީ ޕަބްޖީއެވެ. ޕަބްޖީއަކީ، ދުނިޔޭގައިވެސް އެންމެ ގިނަ މީހުން ކުޅޭ އެއް މޯބައިލް ގޭމަށްވާއިރު، މި ގޭމުގެ ތެރޭގައި 12 އަހަރުން ފެށިގެން 17 އަހަރުގެ ކުދިން ގިނައެވެ. ބެލެނިވެރީން ލޯބިން ގަނެދޭ މޯބައިލް ފޯނަށް ދެވޭ ސަމާލުކަން ކުޑަވުމުގެ ނަތީޖާއަކީ އޮންލައިން ގޭމިންގެ އަވައިގައި ޖެހި، ކުއްޖާ ނުކިއްސަރު މަގަށް އެނބުރުމެވެ.

ޕަބްޖީ ގޭމުގެ ފައިސާ (އަންނޯން ކްރެޑިޓް ނުވަތަ ޔޫސީ) އަކީ އަސްލު ފައިސާއިން ގަނެވޭ، އެ ގޭމުގެ ތެރޭގައި އެކި ކަންކަމަށް ހަރަދުކުރަން ބޭނުންކުރާ ވާޗުއަލް ފައިސާއެވެ. ގިނަ ކުދިންނަކީ، އެކިއެކި ސަބަބުތަކާ ހުރެ ޔޫސީ އެޅުމުގެ ތަނަވަސްކަން ނެތް ކުދިންނެވެ. އެހެންވެ، އެކަމުގެ ފައިދާ ގޭންގްތަކުން ނަގައެވެ. ޔޫސީ އަޅައިދީ، އެކުދިން ހައްދާލައެވެ. އެކަމުގެ މިސާލެއް، މިދިޔަ ޖޫން މަހުގެ ތެރޭގައި އައްޑޫގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި މުހައްމަދު ޒަޔާން 21އ ގެ މަރުގެ މައްސަލައިގައި އިސްކަންދަރު ކޮށީގައި އިއްޔެ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކިޔައިދީފައިވެއެވެ.

ޒަޔާންގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި 11 މީހުންގެ ތެރޭގައި ހަތަރު ކުޑަކުދިން ހިމެނެއެވެ. އެއީ 15 އަހަރުގެ ދެ ކުދިންނާއި 16 އަހަރުގެ ކުއްޖަކާއި 17 އަހަރުގެ ކުއްޖެކެވެ. އެ ކުދިންގެ މައްސަލަ ޖުވެނައިލް ކޯޓަށް ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން ދެ ކުއްޖަކު ވަނީ ކުށަށް އިއުތިރާފުވެފައެވެ. އެތަނުން އެއް ކުއްޖެއްގެ މައްޗަށް ތޫނު އެއްޗަކުން ހަމަލާދީ ގަސްތުގައި މީހަކު މެރުމުގެ ދައުވާކޮށްފައިވާއިރު އަނެއް ތިން ކުދިންނަށް އުފުލީ މީހަކު މެރުމުގައި އެހީތެރިވުމުގެ ދައުވާއެވެ. ކުށަށް އިއުތިރާފުވި ދެކުދިންނާއެކު ދައުލަތުން ވަނީ، ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ޑައިވާޝަން އެގްރީމެންޓް ހަދައިފައެވެ. ޑައިވާޝަނަކީ ގާނޫނާ ހިލާފުވާ ކުދިންނަށް ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން، ޝަރުއީ ނިޒާމުގެ ބޭރުން ފުރުސަތު ހޯދައިދިނުމަށް ދެވޭ ފުރުސަތެކެވެ.

ޒަޔާންގެ މަރުގެ މައްސަލައިގައި ހަމަލާއިން ފެށިގެން ހެކި ނައްތާލުމުގެ މަރުހަލާގައި ހަރަކާތްތެރިވީ އުމުރުން 15 އަހަރާއި 19 އަހަރާ ދެމެދުގެ މީހުން ކަމަށް ފުލުހުން ބުނެފައިވެއެވެ. ޒަޔާންގެ މަރުގެ މައްސަލައިގައި، ހައްޔަރުކޮށްފައިވާ މީހުންނަށް ބަލައިލާއިރު، 19 އަހަރުގެ ދެމީހަކު ހިމެނެއެވެ. ދެން ތިބީ ކުޑަކުދިންނެވެ. އެ ކުދިންނަކީ، މަރުގެ މައްސަލައިގައި އަމަލީ ގޮތުން ބައިވެރިވި ކުދިންނެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައުތު ޕޮލިސް ރީޖަންގެ ރީޖަން ކޮމާންޑަރު ޗީފް ސްޕްރިޑެންޓް އޮފް ޕޮލިސް އަހުމަދު ސަމީމް ވިދާޅުވި ގޮތުގައި، ޒަޔާން މަރާލި މައްސަލައިގައި ހައްޔަރުކޮށްފައިވާ ބައެއް ކުދިން ރެކްރޫޓުކޮށްފައިވަނީ އޮންލައިން ގޭމިންގެ ތެރެއިންނެވެ. ނޫސްވެރިންގެ ބައްދަލުވުމަށް ފަހު، ސަމީމް "ވަން" އަށް ވިދާޅުވި ގޮތުގައި އެ ކުދިން ރެކްރޫޓުކުރީ ސީދާ ޕަބްޖީގެ އަވައިގައި ޖައްސައިގެންނެވެ.

"ގޭމުގެ ތެރެއިން ކުދިންނާ މުއާމަލާތް ކުރެވިގެން، އެކުދިންނަށް އެކަމަށް ހިތްވަރުދެވިގެން، އެ ކުދިންނާ ބައްދަލުކުރެވިގެން، ވަކި ކަހަލަ މާހައުލުތަކެއް އުފައްދައިދީގެން އެތަނުގައި ގޭމް ކުޅޭނެ ފުރުސަތު ދީގެން މި ކަންތައްތައް ކުރެވިފައި ހުރިކަން ފާހަގަވީ." ސަމީމް ވިދާޅުވިއެވެ.

އޮންލައިން ގޭމިން އެކަންޏެއް ނޫނެވެ. ކޮފީތަކަށް ގެންގޮސް، ގޭމު ކުޅެވޭނެ އިންތިޒާމުތައް ހަމަޖައްސައިދީ، އެކުގައި ސައިކަލު ބުރު ޖަހަން ގެންގޮސް، މޯބައިލް ފޯނު ފަދަ ތަކެތި ގަނެދިނުމަކީވެސް އެ ކުދިން ރެކްރޫޓުކުރުމުގެ މަރުހަލާގައި ހިނގާ ކަމެއް ކަމަށް ސަމީމް ވިދާޅުވިއެވެ.

"ކުޑަކުދިން ގްރޫމްކޮށް، އެކްސްޕްލޮއިޓް ކުރާ ފަރާތްތަކުން އެ ކުދިންނަށް ބައިސްކަލު ގަނެދީ، ބައެއް ފަހަރު ސައިކަލު ދީ، ބައެއް ހާލަތްތަކުގައި ކޮފީ ބޯ ތަންތަން ހަދައިދީ، ކޮފީ ބޯން ރެސްޓޯރެންޓްތަކަށް ގެންގޮސްދީ، އަދި ބައެއް ހާލަތްތަކުގައި 16 އަހަރާ 18 އަހަރާ ދެމެދުގެ ބައެއް ކުދިންނަށް ވަކި ތަންތަން ކުއްޔަށް ހިފައި ބައިތިއްބާ ކަމަށްވެސް ޝަމީމް ފާހަގަކުރެއްވިއެވެ.

ގޭންގްތަކަށް ކުދިން ރެކްރޫޓުކުރުމަށްފަހު، އެންމެ އިސްކަމެއްދީގެން ކުރާ އެއްކަމަކީ، އެކުދިންނަށް އެކިއެކި ތަމްރީންތައް ދިނުމާއި އެކުދިން ބިރު ކެނޑުވުމެވެ. އެކަން ކުރުވާ އެއްގޮތަކީ، ކުށް ކުރާ މަންޒަރު ކައިރިން ދައްކުވައިދީގެންނާއި މަސްތުވާތަކެތި އެކުދިން ލައްވައި ބޭނުން ކުރުވައިގެންނެވެ. އާއްމު ބަހުން ނަމަ އެކުދިންނަށް "ޕާޓީ" އެއް ދީގެންނެވެ. ފުލުހުން ހައްޔަރުކޮށްފި ނަމަ އަމަލު ކުރާނެ ގޮތްވެސް އެކުދީންނަށް ކިޔައިދެއެވެ. އެއް ދޮރުން ވައްދައި އަނެއް ދޮރުން ނެރޭނެ ކަމުގައި އެކުދިންނަށް އޮންނަނީ ވިސްނައިދީފައެވެ.

"މައްސަލައިގެ ސީސީޓީވީ ފޫޓޭޖު ލިބިގެން ހައްޔަރުކުރަން ދިޔައީމާ ފުލުހުންނާ ދިމާލަށް އިނގިލި ދިއްކޮށްލާފައި ބައެއް ކުދިން އެބަ ބުނޭ ތިއީ ބައި ގަރީނާއެއް ނޫންހެއްޔޭ. ދައުވާއެއް ނުކުރެވޭނެއޭ. މިފެންވަރަށް އެކުދިން ބްރެއިން ވޮޝް ކޮށްލާފަ މިތިބެނީ" ނޫސްވެރިންގެ ބައްދަލުވުމަށް ފަހު، ހޯމިސައިޑް އިންވެސްޓިގޭޝަން ޔުނިޓުގެ ހެޑް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހް "ވަން" އަށް ވިދާޅުވިއެވެ.

ސާމިހް ވިދާޅުވި ގޮތުގައި، ބައެއް ކުށްތަކުގައި ހައްޔަރުކުރާ ކުޑަކުދިންނަށް ލޯޔަރުން ހަމަޖައްސައިދިނުމުގައިވެސް ގޭންގްތަކުގެ އިސް މީހުން ހަރަކާތްތެރިވެއެވެ. އެގޮތުން، ހައްޔަރަށް ދިއުމާއެކު ލޯޔަރު ހަމަޖައްސައިފައި ހުންނަ ކަމަށް ވިދާޅުވިއެވެ. ޒަޔާންގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ކުދިންނަށްވެސް ލޯޔަރުން ހަމަޖެއްސުމުގައި، ހަމަލާދިން ކަމަށް ތުހުމަތުވާ ގޭންގުގެ އިސް މީހަކު ހަރަކާތްތެރިވެފައިވާއިރު، އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ކުއްޖެއްގެ ބެލެނިވެރިއެއްގެ ނަމުގައި ސިޓީއެއް ފޯޖުކޮށްގެން ލޯޔަރަކަށް، ވެފައިވާ މައްސަލައެއްވެސް ފެންމަތިވި ކަމަށް ސާމިހް ވިދާޅުވިއެވެ.

ކުށްކުރާ ކުޑަކުދިން އިތުރުވަމުންދާއިރު، ކުށުގެ ވެށްޓަށް ގިނައިން ވައްދަނީ އާއިލާގެ ފަރާތުން އަޅައިލުން ކުޑަ ކުދިން ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އާއިލީ ލޯތްބާއެކު ބޮޑުވާ ކުދިންވެސް ގޭންގްތަކުން ވާވައްދާލައެވެ. މިއީ ފުލުހުންނަށް އެކަނި ހައްލު ކުރެވޭނެ މައްސަލައެއް ނޫނެވެ. ކުޑަކުދިން ކުށުގެ ވެށީގައި ހަރުލައި ހަލާކުގެ ތެރެޔަށް ދިއުމަކީ، މުޖުތަމައަށް އޮތް ބިރެކެވެ. ގައުމުގެ ކުރިމަގަށް އޮތް ހުރަހެކެވެ. އެއީ ޖީލެއްގެ ނެތިދިއުމެކެވެ. މި މައްސަލަ ހައްލުކުރަން ބެލެނިވެރިންނާއި ރައްޔިތުން އެއްގަލަކަށް އަރަން އެބަޖެހެއެވެ. އެ ކުދިންނަށް ރަނގަޅު ތަރުބިއްޔަތު ދީ ކުދީންގެ އަމަލުތައް ގާތުން ބަލައި މޮނީޓާކުރަން ޖެހެއެވެ.