ޓޮޓެންހަމްއާ ދެކޮޅަށް ކުޅުނު މެޗުން މެންޗެސްޓާ ޔުނައިޓެޑް ރޭ މޮޅުވީ 2-0ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗު ވެފައި ވަނީ އާ ކޯޗު އެރިކް ޓެން ހާގުގެ ކޯޗުކަމުގެ ދަށުގައި ކުޅުނު އެންމެ ފުރިހަމަ އެއް މެޗަށެވެ. މެޗުގައި އެޓޭކިން ރަނގަޅު ފުޓުބޯޅައެއް ޔުނައިޓެޑްގެ ފަރާތުން ފެނިގެން ގޮސްފައިވާ އިރު، އަނެއްކާވެސް ކްރިސްޓިއާނޯ ރޮނާލްޑޯ އިންނަން ޖެހުނީ ބެންޗުގައެވެ. މެޗުގައި ބަދަލަކަށްވެސް ރޮނާލްޑޯ އަރުވާފައެއް ނުވެއެވެ.

ނުކުޅެ އިންނަން ޖެހުމުގެ މާޔޫސްކަން މެޗު ނިމެން ދަނިކޮށް ރޮނާލްޑޯގެ ފަރާތުން ފެނުނެވެ. މެޗު ނުވެސް ނިމެނީސް ރޮނާލްޑޯ ވަނީ ޓަނަލް ތެރެއިން ޑްރެސިން ރޫމަށް ވަދެގެން ގޮސްފައެވެ.

"ރޮނާލްޑޯގެ ކަންތަކާ އަހަރެން ޑީލް ކުރާނީ މާދަމާ. މިއަދަކު ނޫން. މިހާރު މުޅި ޓީމު އުފާފާޅުކުރަނީ،" ރޭގެ މެޗަށްފަހު ޓެން ހާގު ބުންޏެވެ.

ރޮނާލްޑޯ އާއި ޓެން ހާގާ ދެމެދު ގުޅުން ގޯސް ކަމަށް މީގެ ކުރިންވެސް މީޑިއާތަކުގައި ވާހަކަ ދެކެވިފައިވެއެވެ. މި ސީޒަންގެ ކުރިން ރޮނާލްޑޯ ޔުނައިޓެޑް ދޫކޮށްލަން މަސައްކަތް ކުރިނަމަވެސް އެކަން ކާމިޔާބުނުވުމުން، ޓީމާ ގުޅުނީ ޕްރި ސީޒަން ނިންމި ފަހުންނެވެ. ލީގުގެ ފުރަތަމަ ދެ މެޗަކަށް ޓެން ހާގު ރޮނާލްޑޯ ފުރަތަމަ 11 އަށް ނެރުނު ނަމަވެސް ފަހުން މުޅިންވެސް ބޭނުންކުރަނީ ބެންޗުގައެވެ.

މީގެ ދެ ހަފުތާ ކުރިން އެވަޓަންއާ ދެކޮޅަށް ބެންޗުން ނުކުމެ ގޯލު ޖެހި މެޗަށްފަހު ރޮނާލްޑޯ ދެން ޖެހިގެން އައި މެޗުގައި ނިއުކާސަލްއާ ދެކޮޅަށް ފުރަތަމަ 11 އަށް ނުކުތް ނަމަވެސް، އެ މެޗުގެ ފަހުކޮޅުގައި ބޭލުމުން އެކަމާ ނުރުހުންވި މަންޒަރު ފެނުނެވެ. އެހިސާބުން މީޑިއާގައި ރޮނާލްޑޯގެ ވާހަކަ ގަދަވެފައިވަނިކޮށް، ރޭ އަނެއްކާވެސް އޭނާގެ ފަރާތުން ފެނުނު މަންޒަރަށް ގިނަ ބަޔަކު ވަނީ ފާޑު ކިޔައިފައެވެ.

"އަހަންނަށް މައާފުކުރޭ. އެކަމަކު ރޮނާލްޑޯގެ ފަރާތުން ފެނުނީ ގަބޫލުކުރަން ދަތި މަންޒަރެއް. އެއީ އިހުތިރާމު ކުޑަ ދަށު ދަރަޖައިގެ އަމަލެއް،" އިންގްލެންޑް ގައުމީ ޓީމުގެ ކުރީގެ ފޯވަޑް ގެރީ ލިނެކޭ ބުންޏެވެ.

ލިނެކާގެ އެވާހަކައަށް ތާއީދުކޮށް، ބީބީސީގެ ޕަންޑިތުން ކަމަށްވާ އެޝްލީ ވިލިއަމްސް އާއި މައިކަ ރިޗާޑްސްވެސް ވަނީ ވާހަކަ ދައްކައިފައެވެ. ރިޗާޑްސް ބުނެފައި ވަނީ ޓީމަށް ފުރިހަމަ މޮޅެއް ހޯދިފައި އޮތް މެޗެއްގެ ފަހުކޮޅުގައި، އެ މޮޅަށްވުރެ އަމިއްލަ މީހާ އިސްކޮށް، ބޮޑާހޭކުން ބަލައިނުގަނެވޭނެ ކަމަށެވެ.

އުމުރުން 37 އަހަރުގެ ރޮނާލްޑޯ ކެރިއަރުގައި 700 އަށްވުރެ ގިނަ ގޯލު ޖަހައިފައިވެއެވެ. އޭނާއަކީ ގައުމީ ޓީމަށްވެސް ރެކޯޑު 117 ގޯލު ޖަހައިދީ ފަސް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ ކުޅުންތެރިއެކެވެ. ކެރިއަރުގެ ފަހު ދުވަސްކޮޅަށް ރޮނާލްޑޯ ގޮސްފައިވާ އިރު، އޭނާ އަދިވެސް ބޭނުން ވަނީ ގިނަ ދުވަސްތަކެއް ވަންދެން ޓޮޕް ލެވެލްގައި ކުޅެން ކަމަށް މީގެ ކުރިން ތަކުރާރުކޮށް ބުނެފައިވެއެވެ. އެހެން ނަމަވެސް އޭނާއަށް މިހާރު އެ ފުރުސަތު ހޯދުން ވެފައިވަނީ އުނދަގޫ ކަމަށެވެ.