ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑުން ކުޅުނު މެޗުގައި އެލްޗޭ ކައިރިން ފަސޭހަ މޮޅެއް ހޯދައިފިއެވެ.
ރޭ ރެެއާލުން ރަށުން ބޭރުގައި ކުޅުނު މެޗުގައި އެލްޗޭ ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ކަރިމް ބެންޒެެމާ ގޯލު ޖަހައިފައިވާ އިރު، ރޭގެ މެޗަކީ ބެލޮންޑިއޯ އެވޯޑަށްފަހު އޭނާ ކުޅުނު ފުރަތަމަ މެޗެވެ. މިދިޔަ ސީޒަނުގައި ތަފާތު ދައްކައި، ބެންޒެމާ ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި އެވޯޑު ހާސިލުކުރީ މި ހަފުތާގެ ހޯމަ ދުވަހުގެ ރޭ ފްރާންސްގެ ޕެރިހުގައި ބޭއްވި އިވެންޓްގައެވެ. ބެންޒެމާ ވެފައި ވަނީ ބެލޮންޑިއޯ ހާސިލުކުރި ފްރާންސްގެ ފަސްވަނަ ކުޅުންތެރިޔާއަށެވެ.
ރެއާލްއިން ރޭ ހޯދި މޮޅާއެކު އެޓީމުން ލަލީގާ ތާވަލުގެ އެއްވަނައިގައި 10 މެޗުން 28 ޕޮއިންޓާއެކު އޮތީ މެޗަކުން ބަލިނުވެއެވެ. ދެވަނައިގައި އޮތް ބާސެލޯނާއަށް ނުވަ މެޗުން 22 ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނައިގައި އޮތް ރެއާލް ސޮސިއެދާދަށް 10 މެޗުން 22 ޕޮއިންޓް ލިބިފައިވެއެވެ. ބާސާ ދެވަނައިގައި މިވަގުތު އޮތީ ފައިދާ ގޯލުންނެވެ.
ރޭ ކުޅުނު މެޗުގައި ރެއާލްގެ ފުރަތަމަ ގޯލު، 11 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ މިހާތަނަށް ސީޒަނުގައި މޮޅަށް ކުޅެމުން އަންނަ ފެޑަރީކޯ ވަލްވާޑޭއެވެ. ރޭވެސް އޭނާގެ ފަރާތުން ފެނުނު ގޯލަކީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ކާމިޔާބު ކުރި ގޯލެކެވެ.
މެޗުގެ ކުރީކޮޅުގައި ބެންޒެމާއާއި ޑޭވިޑް އަލާބާގެ ބޯޅަތަކެއް ރެއާލްއިން ގޯލަށް ވައްދާލި ނަމަވެސް، އެ ދެ ގޯލަށް މަސައްކަތް ކުރިއިރުވެސް އޮފްސައިޑް މަގާމެއްގައި ކުޅުންތެރިޔާ ހުރުމުން، ވީއޭއާރް ބަލައި ރެފްރީ ނިންމީ ގޯލެއް ނޫން ކަމަށެވެ.
ބެންޒެމާ ގޯލަކަށް ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 75 ވަނަ މިނެޓުގައެވެ. އެ ގޯލަކީ ރޮޑްރީގޯއާ ގުޅިގެން އުފެއްދި ހަމަލާއެއްގައި އޭނާ ޖެހި ގޯލެކެވެ. މެޗު ނިމެން ދަނިކޮށް ރެއާލްގެ ތިންވަނަ ގޯލު އެޓީމަށް ޖަހައިދިނީ މާކޯ އެސެންސިއޯއެވެ.
މިއީ 1991-92 ވަނަ އަހަރު ސީޒަނަށްފަހު ރެއާލްއިން ލީގުގައި ކުޅުނު ފުރަތަމަ ހަ އަވޭ މެޗު ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ