ދިވެހި ޕްރިމިއާ ލީގު

އެފްއޭއެމް ސައުތު ލީގުގެ ޓައިޓަލް ސްޕޮންސަރަކަށް އެސްޓީއޯ

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް، އެފްއޭއެމްގެ ސައުތު ލީގުގެ ޓައިޓަލް ސްޕޮންސަރަކަށް އެސްޓީއޯ ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

އެކަމަށްޓަކައި ބޭއްވި ހާއްސަ އިވެންޓްގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރެވެ. އެފްއޭއެމްގެ ފަރާތުން ސޮއިކުރެއްވީ އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ.

އެފްއޭއެމުން 2023/2024 ވަނަ އަހަރު ދިވެހި ޕްރިމިއާ ލީގު ފުޅާކުރާ އިރު، ރާއްޖެ ބަހާލާފައި ވަނީ ހަތަރު ޒޯން ލީގަކަށެވެ. ޒޯން އެކެއް ނުވަތަ ނޯތު ޒޯން ލީގުގައި ހިމެނެނީ ހއ، ހދ، ށ، ނ، ރ އެވެ. ޒޯން ދޭއް ނޫނީ ސެންޓްރަލް ޒޯން ލީގުގައި އޮތީ ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ އެވެ. ޒޯން ތިނެއް ނޫނީ ސައުތު ޒޯން ލީގުގައި އޮތީ ތ، ލ، ގއ، ގދ، ޏ، ސ އެވެ. އަދި ޒޯން ހަތަރަކީ މިހާރު މާލޭގައި ކުރިއަށްދާ ފުރަތަމަ ޑިވިޝަން ނޫނީ މާލޭ ލީގެވެ. މި ލީގުގައި ހިމެނޭނީ މާލެ، ހުޅުމާލެ، ވިލިމާލޭގެ ޓީމުތަކެވެ.

ކޮންމެ ލީގެއްގައި އެއް ވަނަ ދެ ވަނަ އަދި ތިން ވަނަ ޑިވިޝަން އޮންނަ ގޮތަށް ފޯމެޓް އޮތް ނަމަވެސް މި ވަގުތު ޓީމުތަކުގެ އަދަދަށް ބަލާއިރު، ކޮންމެ ޒޯނެއްގައި އޮންނާނީ ދެ ވަނަ ޑިވިޝަނުން ފެށިގެންނެވެ. މިހާތަނަށް ނޯތު ލީގާއި ސެންޓްރަލް ލީގާއި ސެންޓްރަލް ޒޯންވެސް ވަނީ ނިމިފައެވެ.

އެފްއޭއެމުން ތާވަލު ކޮށްފައިވާ ގޮތުގައި ސައުތު ލީގު ކުރިއަށްދާނީ އަންނަ ޑިސެންބަރު މަހުން ފެށިގެން 2023 ވަނަ އަހަރުގެ ޖުލައި މަހާ ހަމައަށެވެ. ސައުތު ޒޯންގައި ހިމެނެނީ ތ، ލ، ގއ، ގދ، ޏ، ސ އަތޮޅުގެ ރަށްތަކެވެ. ޖުމުލަ 19 ކްލަބަކުން އެ ލީގުގައި ވާދަކުރާ އިރު، ޖުމުލަ 74 މެޗެއް ކުޅޭނެއެވެ.