އިންސާނަކަށްވީތީ ވެރިކަމުގައި ކުށްކުރެއްވިފައި ހުންނާނެ ކަމަށް ވިދާޅުވެ ރޭ ދެއްކެވި ވާހަކަފުޅު ޕީޕީއެމް/ޕީއެންސީގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ތަރުޖަމާކޮށްދެއްވައިފިއެވެ.

ހއ. ކެލާގައި ރޭ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުފައިވަނީ، އެ މަނިކުފާނުގެ ވެރިކަމުގައި ގޯސްތަކެއް ހެދިފައިވާނެ ކަމަށެވެ. އަދި އެކަންކަމާމެދު ހިޔާލު ތަފާތުވެ ހިތްހަމަޖެހިވަޑައިނުގަންނަވާ ބޭފުޅުން ތިއްބަވާނެ ކަމަށެވެ.

"އަޅުގަނޑަކީ އިންސާނެއް. އަޅުގަނޑު ވެސް ކުށްކުރާނެ. ކުށްކުރެވިފައި ހުންނާނެ, އަދިވެސް ކުށްކުރާނެ," ޔާމީން ވިދާޅުވިއެވެ.

ހއ. ބާރަށުގައި މިއަދު ބޭއްވި ޕީޕީއެމްގެ ޖަލްސާގައި ޔާމީން ވިދާޅުވީ އެމަނިކުފާނަށް ވިދާޅުވެވުނު "ކުށް ބަހެއް" މީޑިއާގެ ފަލަ ސުރުހީތަކަށް އެރުވީ ކަމަށެވެ. އެމަނިކުފާނު ވަނީ ރޭ ވިދާޅުވި ވާހަކަތައް ތަރުޖަމާކޮށްދެއްވައިފައެވެ.

"އެކަމަކު އެބުނި އެތި ކެންސަލް، އެ ބުނި ވާހަކަ ކެންސަލް. އަޅުގަނޑު މީކީ ކުށެއް ކޮށްފައިހުރި މީހެއް ނޫން. އަޅުގަނޑު ކުށެއް ނުކުރަން. އަޅުގަނޑު ބުނަން އުޅުނު މާނަ، ބުނަން އުޅުނު ވާހަކައަކީ އަޅުގަނޑުގެ ވެރިކަމުގައި ކުރި ކަންކަންމުގެ ތެރޭގައި އަޅުގަނޑުގެ ވިސްނުމުގައި އަދި އަޅުގަނޑު މަޝްވަރާކުރެއްވި ބައެއްގެ ވިސްނުމުގައި އެ މީހުންގެ މަޝްވަރާއަކީ އަޅުގަނޑަށް ކުރެވިފަ ހުރި ކަންކަމުގެ ތެރޭގައި އޭގެ އެންމެ ފުރިހަމަ ގޮތުގައި ނޫން ގޮތަށް ކުރެވިފައި ހުރެދާނެއޭ،" ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ކުށް ކުރާ ކަމަށް ވިދާޅުވީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށާއި ފަނޑިޔާރުންނަށް ޖާގަ ދެއްވުމަށް ނޫން ކަމަށެވެ.

އެމަނިކުފާނުގެ މައްޗަށް ނުހައްގުން ޝަރީއަތްކޮށް ޖަލަށްލުމުން ރައްޔިތުން އެމަނިކުފާނަކީ ކުށް ކޮށްގެން ހުރި މީހެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ޔާމީން ވިދާޅުވިއެވެ. ޖަލުން މިނިވަންވެވަޑައިގަތީ އެހެންވެގެން ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

ޔާމީން މިއަދު ތަކުރާރުކޮށް ވިދާޅުވީ ކުށެއް ނުކުރައްވާ ކަމަށާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރްސީ) ހިޔާނާތުގެ ހަރާން ފައިސާގައި ޖެހިވަޑައިގެންފައި ނުވާ ކަމަށެވެ.