ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމުގެ ވެރިކަން 2018 ވަނަ އަހަރު ނިމުނު އިރު، އެ ސަރުކާރުން ދަރަނީގެ ގޮތުގައި 39 ބިލިޔަން ރުފިޔާ ނަގާފައި އޮތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަމީރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މެންބަރު އަލީ ރިޒާ ސުވާލު ކުރެއްވީ، ރައީސް ޔާމީންގެ ސަރުކާރުން ނެގި ބޮޑެތި ލޯނުތަކުގެ ގޮތުގައި، ހުޅުމާލެ މާލެ ކަނެކްޓިން ބްރިޖަށާއި، ހުޅުމާލޭ ދެވަނަ ފޭސް އަށާއި، ހިޔާ ފްލެޓްތަކުގެ އިތުރުން ދަރުމަވަންތަ ހޮސްޕިޓަލް އަޅަން ނަގާފައިވާ ލޯނުތަކާއެކު 2013 އިން ފެށިގެން 2018 އާދެމެދު ކުރިއަށްދިޔަ ރައީސް ޔާމީންގެ ސަރުކާރުން ދަރަނި ދައްކާފައިވާ ގޮތުގެ ތަފުސީލުތައް ހޯއްދެވުމަށެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނަގާފައިވާ ދަރަނިތަކުގެ އަދަދު 39 ބިލިއަން ރުފިޔާ އަށް އަރާ ކަމަށެވެ. ނަމަވެސް ކޮވިޑްގެ ދަތި ހާލަތާއެކުވެސް މި ސަރުކާރުން ދަރަނީގެ ގޮތުގައި ނަގާފައިވަނީ 37 ބިލިއަން ރުފިޔާ ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން ދަރަނި ދެއްކި ގޮތުގެ ތަފުސީލެއް މިނިސްޓަރު އަމީރު ނުދެއްވައެވެ.

ސަރުކާރުން ނަގާފައިވާ ދަރަނިތައް އަދާކުރުމުގައި ދަތިކަމެއް އޮތްތޯ ބައެއް މެންބަރުން ކުރެއްވި ސުވާލުގެ ޖަވާބުގައި މިިނިސްޓަރު ވިދާޅުވީ، އެކަމަށް އެއްވެސް ދަތި ކަމެއް ނެތް ކަމަށެވެ. ރާއްޖޭގެ އިގުތިސާދު ކުރިއަށްދަނީ އަންދާޒާ ކުރިވަރަށްވުރެވެސް ރަނގަޅަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން މިއަހަރު 1.6 މިލިޔަން ފަތުރުވެރިން ރާއްޖެ އަންނާނެކަމަށް އަންދާޒާ ކޮށްފައިވާއިރު، މިހާތަނަށް 1.2 މިލިޔަން ފަތުރުވެރިން އައިސްފައިވާ ކަމަށްވެސް ވިދާޅުވިއެވެ. މިދިޔަ އަހަރު ނިމުނު އިރު ރާއްޖޭގެ އިގްތިސާދަށް 37 ޕަސެންޓުގެ ކުރިއެރުމެއް ލިބޭނެ ކަމަށް އަންދާޒާ ކުރި ނަމަވެސް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު 41.6 ޕަސެންޓްގެ ކުރިއެރުން ލިބުނު ކަމަށްވެސް ވިދާޅުވިއެވެ.

މިއަހަރުވެސް ރާއްޖޭގެ އިގްތިސާދު ހުރީ ރަނގަޅަށް ކަމަށާއި، ކޮވިޑަށްފަހު އެންމެ ބާރަށް ކުރިއަރަމުން އަންނަ އިގްތިސާދުތަކުގެ ތެރޭގައި ރާއްޖެ ފާހަގަވަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.