ފްރާންސް ލީގުގައި މިހާތަނަށް ބަލިނުމުގެ ރެކޯޑެއް ދަމަހައްޓަމުން އަންނަ ޕީއެސްޖީން ރޭ ކުޅުނު މެޗުގައި ވާދަވެރި މާސޭ ބަލިކޮށްފިއެވެ.

ޕީއެސްޖީން އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުން މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުގެ ހަމައެކަނި ގޯލު ނޭމާ ޖަހައިދިން އިރު، މިހާތަނަށް ލީގު ވަންގައި ކުޅުނު 11 މެޗުން ޕީއެސްޖީ ވަނީ ނުވަ މެޗުން މޮޅުވެފައެވެ. އެޓީމުން ކުޅުނު އަނެއް ދެމެޗު އެއްވަރުވެގެން ނިމުނު އިރު، ލީގު ތާވަލުގެ އެއްވަނައިގައި އޮތީ ތިން ޕޮއިންޓްގެ ފަރަގެއްގައެވެ.

ތާވަލުގެ އެއްވަނައިގައި ޕީއެސްޖީއަށް 11 މެޗުން 29 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް ލޮރިއެންޓަށް 11 މެޗުން ލިބެނީ 26 ޕޮއިންޓެވެ.

އަނިޔާގެ ސަބަބުން ދެމެޗެއް ގެއްލުމަށްފަހު، އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ރޭގެ މެޗުގެ ފުރަތަމަ 11 އަށް ނުކުމެފައިވެއެވެ. މެޗުގެ ފުރަތަމަ ހާފުގައި އޭނާގެ ނުރައްކާވެސް ފެނުނެވެ. މެޗުގެ ކުރީކޮޅުގައި މެސީ އުފެއްދި ދެ ހަމަލާއެއް މާސޭގެ ގޯލްކީޕަރު ޕައު ލޮޕޭސް ވަނީ މަތަކޮށްފައެވެ.

ފްރާންސް ލީގުގެ އެންމެ ވާދަވެރި މެޗު، "ލެ ކްލެސީކް"ގެ ގޮތުގައި ޕީއެސްޖީއާއި މާސޭގެ ކުރިމަތިލުންތައް އަބަދުވެސް ގުނަމުން އަންނަ އިރު، މެޗުގެ ހަމައެކަނި ގޯލު ހާފު ނިމެން ދަނިކޮށް ޖަހައިދިނީ ނޭމާ އެވެ. އެ ގޯލަކީ ނޭމާ ކްލަބު ފުޓުބޯޅައިގައި ޖެހި 200 ވަނަ ގޯލެވެ. ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ "ޑްރާމާ" ގަނޑެއްގެ ތެރޭގައި ހުރި ކިލިއަން އެމްބާޕޭއެވެ.

މެޗުގެ ދެވަނަ ހާފުގައި މާސޭގެ ސެމިއޮލް ގިގޮޓް، ނޭމާއަށް ކުރި ނުރައްކާތެރި ފައުލަކަށް އޭނާއަށް ރަތް ކާޑު ދެއްކުމުން، މާސޭން މެޗުގެ ފަހު 20 ވަރަކަށް މިނެޓް ކުޅުނީ ކުޅުންތެރިޔަކު މަދުކޮށެވެ.

ރޭގެ މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން އެމްބާޕޭ ވަނީ އޭނާއާ ގުޅިގެން މީޑިއާގައި ދެކެވިފައިވާ ވާހަކަތަކަށް ޖަވާބު ދީފައެވެ.

މީގެ ތިން ދުވަސްކުރިން ސްޕެއިނާއި ފްރާންސްގެ މީޑިއާތަކުން ބުނެފައިވަނީ ޕީއެސްޖީ އާއި އެމްބާޕޭއާ ދެމެދު މައްސަލަ ގޯސްވެފައިވާ ކަމަށާއި، މިހާރު އޮތް ހާލަތު ބަދަލުނުވެއްޖެ ނަމަ ކުރިއަށް އޮތް ޖެނުއަރީ މަހުވެސް ކްލަބު ދޫކޮށްލަން އެމްބާޕޭ ބޭނުންވާ ކަމަށެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި އެމްބާޕޭ ނުތަނަވަސްވެފައިވަނީ ޕީއެސްޖީގެ ކޯޗުގެ އިތުރުން ހިންގުމުގައި ތިބި ބައެއް ފަރާތްތަކާއެވެ.

މިދިޔަ ޓްރާންސްފާ ސީޒަނުގައި ރެއާލްއަށް ދިޔުމަށް ހުރިހާ ކަމެއް ނިންމުމަށްފަހު އަލުން ޕީއެސްޖީގައި މަޑުކޮށް އެއްބަސްވުމުގައި ސޮއިކުރި އެމްބާޕޭ، އެ އެއްބަސްވުމަކަށް ފަސްމަސްވެސް ނުވަނީސް ކްލަބާ މެދު ހިތްހަމަނުޖެހުމުން އެކަމަށް ގިނަ ބަޔަކު ފާޑު ކިޔާފައި ވަނިކޮށް، ރޭގެ މެޗަށްފަހު އޭނާ ބުނީ ކްލަބު ދޫކޮށްލުމުގެ ވާހަކަ ނުދައްކާ ކަމަށެވެ.

"އަހަރެން މިހުރީ ވަރަށް އުފަލުން. ޖެނުއަރީގައި ދާން ބޭނުންވާ ކަމަކަށް ނުބުނަން. އެ ވާހަކަ މީޑިއާތަކުން ދެއްކި ސަބަބެއް ނުވެސް އެނގޭ. އަދި މެޗެއްވެސް އޮތް ދުވަހަކު އެ ވާހަކަތައް އައީ. އަހަންނަށް އެނގިގެން ދެއްކި ވާހަކަތަކެކޭ މީހުން ހީކޮށްފާނެ. އަހަރެން ޔަގީންކަން ދެން އަހަންނަކަށް އެ ވާހަކަތަކެއް ނޭނގޭ،" އެމްބާޕޭ ރޭ ބުންޏެވެ.