ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ޖޫން މަހުގެ 21 ވަނަ ދުވަހު ގަލޮޅު ސްޓޭޑިއަމްގައި ބޭއްވި ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ, ހަމަނުޖެހުން ހިންގި މައްސަލައިގައި ޝައިހް އާދަމް ނިޝާން އާއި އައްޝައިހް ފަޒްލޫން މުހައްމަދުގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ އަމަލެއްކުރިކަމުގެ ދައުވާގެ ޝަރީއަތްތައް މާދަމާއަށް ތާވަލުކޮށްފިއެވެ.
ކުރިމިނަލް ކޯޓުން އެ ދެ މީހުންގެ ޝަރީއަތް ތާވަލުކޮށްފައި ވަނީ މާދަމާ ހެނދުނު 9:00 އަށެވެ. މިއީ އެ މައްސަލައިގެ ފުރަތަމަ ޝަރީއަތެވެ.
ޝައިހް އާދަމް ނިޝާން އާއި އައްޝައިހް ފަޒްލޫން މުހައްމަދުގެ މައްޗަށް ދައުވާކޮށްފައިވަނީ މިމަހުގެ ތިން ވަނަ ދުވަހުއެވެ
އެ ދެމީހުންގެ މައްޗަށް ދައުވާކުރީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ އަށްވަނަ މާއްދާގެ (ނ) ގެ ދަށުން ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދިނުމުގެ ދައުވާއެވެ. އެ ދައުވާ ސާބިތުވެއްޖެނަމަ 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ޔޯގާ ހަމަނުޖެހުމުގެ މައްސަލައާ ގުޅިގެން ދައުލަތުން ވަނީ 18 މީހެއްގެ މައްޗަށް ދައުވާކޮށްފައެވެ. އޭގެ ތެރޭގައި ޕީޕީއެމްގެ ކައުންސިލް މެމްބަރު މުހައްމަދު އިސްމާއީލް ވެސް ހިމެނެއެވެ. އޭނާގެ މައްޗަށް ކޮށްފައިވަނީ ޓަރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ. އެ ކުށް ސާބިތުވެއްޖެނަމަ 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު