އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީން ކުޅުނު މެޗުގައި އެސްޓޮން ވިލާ ކައިރިން މޮޅުވި އިރު، މެންޗެސްޓާ ޔުނައިޓެޑާއި ނިއުކާސަލް ކުޅުނު މެޗު ގޯލެއް ނުޖެހި އެއްވަރުވެއްޖެއެވެ.
ޗެލްސީން ރަށުން ބޭރުގައި ވިލާ ބަލިކުރީ މޭސަން މައުންޓް ޖެހި ދެ ގޯލާއެކު 2-0 ގެ ނަތީޖާއަކުންނެވެ. ޔުނައިޓެޑުން އަމިއްލަ ދަނޑުގައި އެއްވަރުވި އިރު، އެޓީމަށް ވަނީ ގަދަ ހަތަރަކަށް ވަންނަން އިތުރު މަސައްކަތްތަކެއް ކުރަން ޖެހިފައެވެ. ޗެލްސީން މިރޭގެ މޮޅާއެކު ހަތަރު ވަނައިގައި އޮތީ ނުވަ މެޗުން 19 ޕޮއިންޓާ އެކުގައެވެ. ފަސްވަނައިގައި ޔުނައިޓެޑް އޮތީ ނުވަ މެޗުން 16 ޕޮއިންޓާ އެކުގައެވެ. ނިއުކާސަލް މިވަގުތު ހަވަނައިގައި އޮތީ 10 މެޗުން 15 ގޯލާއެކުގައެވެ.
ޗެލްސީން ކުޅުނު މެޗުގެ ކުރީކޮޅުގައި އެޓީމުން ލީޑު ނެގިއެވެ. އެ ގޯލަކީ ވިލާގެ ފަހަތުން ޓައިރޮން މިންގްސްއަށް ހެދުނު ބޮޑު ގޯހެއްގެ ބޭނުން ހިފައި މައުންޓް ޖެހި ގޯލެކެވެ. ވިލާގެ ފަހަތަށް އައި ބޯޅައިގައި މިންގްސް ބޮލުން ޖެއްސި ނަމަވެސް އެ ބޯޅައިގެ މިސްރާބު ހުރި ގޮތުން ބޯޅަ ވެއްޓުނީ މައުންޓްގެ ކުރި މައްޗަށެވެ. ގޯލްކީޕަރު އެމިލިއާނޯ މާޓިނޭޒް ބޯޅައަށް ކުރިއަށް ޖެހެން މަސައްކަތް ކުރި ނަމަވެސް މައުންޓް ކުރީބައިގައި ބޯޅައިގައި ޖައްސައި ގޯލަށް ވައްދާލިއެވެ.
އޭގެ ފަހުން ވިލާއިން ރަނގަޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ޗެލްސީގެ ގޯލް ބަލަހައްޓަމުން ދިޔަ ކެޕާ އަރީޒާބަލާގާ ވަނީ ގިނަ ސޭވްތަކެއް ކޮށްފައެވެ. ފުރަތަމަ ހާފުގައި އެކަނިވެސް އޭނާ ހަތް ސޭވެއް ކުރިއިރު، އެންމެ ފާހަގަކޮށްލެވުނީ ޕެނަލްޓީ އޭރިއާ ތެރެއިން ޑެނީ އިންގްސް ބޮލުން ޖެހި ބޯޅައިގައި ކެޕާ ކުރި ފުރިހަމަ ސޭވްއެވެ.
ފުރަތަމަ ހާފުގައި ޗެލްސީން އިތުރު ގޯލަކަށް މަސައްކަތް ކުރި ކުރުމުގައި ރަހީމް ސްޓާލިން ޖެހި ބޯޅައެއް ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވިއެވެ.
ދެވަނަ ހާފަށް ނުކުމެވެސް ފުރަތަމަ ކޮޅުގައި ވިލާއިން ބޯޅަ ހިފަހައްޓައިގެން ކުޅެ ނުރައްކާ ކުރިއެވެ. ޗެލްސީން ޑިފެންސިވް ކުޅުމެއް ކުޅެމުން ގޮސް ދެވަނަ ގޯލެއް ޖެހީ ލިބުނު ހިލޭ ޖެހުމަކުންނެވެ. 65 ވަނަ މިނެޓުގައި އޭރިއާ އަރިމަތިން ލިބުނު ހިލޭ ޖެހުން ސީދާ ގޯލަށް ވައްދާލީ މައުންޓެވެ.
ޔުނައިޓެޑާއި ނިއުކާސަލްގެ މެޗު ދާދި ހަމަހަމަކޮށް ދިޔަ އިރު، މެޗުގެ ފަހުކޮޅުގައި ޔުނައިޓެޑްގެ މާކަސް ރަޝްފޯޑަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވިއެވެ. އަނެއްކޮޅުން މެޗުގައި ނިއުކާސަލްގެ ޖޮއެލިންޓަން ފޮނުވާލި ބޯޅަ ގޯލުގެ ދަނޑިއަށް އަމާޒުވި އިރު، ކްރިސްޓިއާނޯ ރޮނާލްޑޯއަށް މިރޭވީ މާޔޫސީ ރެއަަކަށެވެ.
ރޮނާލްޑޯ ކެރިއަރުގައި 700 ގޯލު ހަމަކުރުމުން އެކަމުގެ ޝަރަފުގައި މިރޭގެ މެޗުގެ ކުރިން ސާ އެލެކްސް ފާގަސަން އޭނާއަށް ހާއްސަ އެވޯޑެއް އަރުވާފައިވެއެވެ. އެ އެވޯޑުގެ ހިތްހަމަ ޖެހުމުގައި މެޗަށް ނުކުތް ރޮނާލްޑޯ މިރޭ ފުރަތަމަ މާޔޫސްވީ އޭނާ ފޮނުވާލި ބޯޅައެއް ގޯލަށް ވަން ނަމަވެސް އެއީ ގޯލެއް ނޫން ކަމަށް ރެފްރީ ނިންމުމުންނެވެ.
ނިއުކާސަލްއަށް ލިބުނު ޖެހުމެއްގައި ގޯލްކީޕަރު ނިކް ޕޯޕް ބޯޅަ ބާއްވާފައި އޮއްވާ، އެ ބޯޅަ ހިފައިގެން ގޮސް ރޮނާލްޑޯ ގޯލަށް ޖެހީ، ޕޯޕް ބޯޅައިގައި ފައި ޖައްސާލުމުން ކުޅުން ފެށިގައި އޮތް ކަމަށެވެ. އެހެން ނަމަވެސް ރެފްރީ ނިންމީ ކުޅުން ނުފެށި އޮއްވާ ރޮނާލްޑޯ ބޯޅަ ހިފައިގެން ގޮސް ގޯލަށް ޖެހި ކަމަށެވެ.
އެ މާޔޫސްކަމުގައި ހުއްޓާ މެޗު ނިމެން 18 މިނެޓް އޮއްވާ އޭނާގެ ބަދަލުގައި ރަޝްފޯޑު ކުޅެން ނެރުމުން ރޮނާލްޑޯ ދަނޑުން ފޭބީ ބޯ ހޫރަމުންނެވެ. އަދި ފައިބާ ބެންޗުގައި އިނީވެސް ނުތަވަސްކަމާ އެކުގައެވެ. މިރޭގެ މެޗުގެ ފުރަތަމަ 11 އަށް ރޮނާލްޑޯ ނުކުތީ ލީގުގައި ގިނަ މެޗުތަކެއް ބެންޗުން ފެށުމަށްފަހުއެވެ. ރޮނާލްޑޯ ފުރަތަމަ 11 އަށް ނުކުމެފައި ވަނީ އެންމެފަހުން އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ބެންޗުން އަރައި ގޯލު ޖަހައިފައި އޮވެގެންނެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު