ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސްއާ އެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލުކުރުމުން، އެ ކުންފުނިން ނެދަލޭންޑްސް އާބިޓްރޭޝަނަށް ވެއްދި މައްސަލާގައި, މާލެ ސިޓީގެ މޭޔަރު (ކުރީގެ ހައުސިން މިނިސްޓަރު) ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ދައުލަތުން ކުރާ ދޮގު ބަޔާނެއް ދިނުމުގެ ދައުވާއާ ގުޅިގެން މުއިއްޒުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލަ ކުރިއަށް ގެންދާނެތަނެއް ނެތްކަމަށް ދެންމެ ހުކުމް ކޮށްްފިއެވެ.
ޑރ. މުއިއްޒުގެ މައްޗަށް ދައުވާކުރަނީ ޖޫން 25، 2019 ގައި ނޫމަޑިން ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލެންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހަޅާފައިވާ މައްސަލައިގައި އެކުންފުނީގެ ހެކިވެރިޔަކަށް ވެ، ހައުސިން ޔުނިޓް މަޝްރޫއާ ގުޅިގެން ނޫމަޑިއާއެކު ދިވެހި ސަރުކާރުން 2011 ގައި ވެފައިވާ ފޭސް އެކެއްގެ އެއްބަސްވުމާއި 2013 ގައި ވެފައިވާ ފޭސް ދޭއްގެ އެއްބަސްވުމުގެ މަސައްކަތް އެކުންފުނިން ޝެޑިއުލާ އެއްގޮތަށް ލަސްތަކެއް ނުވެ ކުރަމުން ގެންދިޔަކަމަށް ބުނެ އަދި ނޫމަޑިއަށް ލަގްޒަރީ ވިލާތަކެއް އިމާރާތް ކުރުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައި ނުވާ ކަމަށް ވިދާޅުވެ ދޮގު ބަޔާނެއް ދެއްވާފައިވާކަމުގެ ތުހުމަތުގައެވެ.
ކުރިމިނަލް ކޯޓުގައި ކުރިއަށްދާ މި މައްސަލައިގެ އިބްތިދާއީ އަޑުއެހުންތަކުގައި، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހޅުމެއްގެ ގޮތުގައި، މުއިއްޒުގެ މައްޗަށް ކުރާ ދޮގުބަޔާނެއް ދިނުމުގެ ދައުވާއަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނު 82 ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރާ ކަންކަން ފުރިހަމަނުވާ ބާތިލު ދައުވާއެއްކަމަށް ކަނޑައަޅުއްވައިދެއްވުމަށް އެދި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 119 ވަނަ މާއްދާގެ (ހ)ގެ އެއްވަނަ ނަންބަރުގެ ދަށުން މުއިއްޒުފގެ ފަރާތުން ހުށަހެޅުމެއް ހުށަހެޅުއްވިއެވެ.
ނަމަވެސް ވަކި ތަނެއްގައި ހުރެ، ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަންއަށް މުއިއްޒު ހެކިބަހެއް ދިނުމުގެ ސަބަބުން ދައުވާގެ ސީޣާގައި އެ ތަފްސީލުތައް ބަޔާންކޮށްފައި ނެތުމަކީ، މުއިއްޒުގެ މައްޗަށް ކޮށްފައިވާ ދައުވާއިން ދިފާއުވުމަށް ލިބިދީފައިވާ ފުރުސަތު ހަނިވެގެންދާ ކަމެއް ނޫންކަމާއި، އެކަމުގެ ސަބަބުން އޭނާއަށް ބޭއިންސާފެއް މެދުވެރިވާ ހާލަތެއް އޮތްކަން އެނގެން އޮތްކަމެއް ނޫންކަމާއި، އެއީ މައްސަލައިގެ ދައުވާއަށް އަސަރުކުރާނެ ކަމެއް ކަމަށް ނުބެލެވޭ ކަމަށްބުނެ އެ ހުށަހެޅުން ބަލައިނުގަތުމަށް ކުރިމިނަލް ކޯޓުން ނިންމި އެވެ.
ހައިކޯޓުން މިއަދު ހުކުމް ކުރީ ކުރިމިނަލް ކޯޓުގެ އެ ނިންމުން މުއިއްޒުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގައެވެ.
ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގައި މުއިއްޒު އެދިވަޑައިގެންފައި ވަނީ، ކުރިމިނަލްކޯޓުގެ ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށް ކަނޑައަޅައިދެއްވުމަށް ނުވަތަ، އެ ހުށަހެޅުމާ ގުޅޭގޮތުން އަލުން ގޮތެއް ކަނޑައަޅައިދިނުމަށް އަމުރު ކޮށްދިނުމަށެވެ.
އެ މައްސަލަ ބެއްލެވީ، ހައިކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު ހުސައިން މަޒީދު އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝަހީދެވެ.
މި މައްސަލައިގައި ހުކުމް ކޮށްފައި ވަނީ، މި އިސްތިއުނާފީ ދައުވާ ކުރިއަށް ގެންދާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ދައުވާފޯމު ބާތިލުކުރުމަށް މި މައްސަލަ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުންގެ އއިްތިފާގުން ކަނޑައަޅައި ހުކުމްކުރާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު