އަނިޔާގެ ސަބަބުން ފްރާންސްގެ މިޑްފީލްޑަރު އެންގޯލޯ ކާންޓޭއަށް ވޯލްޑް ކަޕުން ފުރުސަތު ގެއްލޭނެކަން ޔަގީންވެފައިވާ ކަމަށް ފްރާންސްގެ މަގުބޫލު ނޫހެއް ކަމަށްވާ ލެކީ އިން ބުނެފިއެވެ.

ޗެލްސީގެ ފްރާންސް މިޑްފީލްޑަރު ކާންޓޭ މިދިޔަ ސީޒަނުގެ ތެރެއިންވެސް އަނިޔާގެ މައްސަލަތަކެއްގައި އުޅެފައިވާ އިރު، މިސީޒަނުގެ މިހާތަނަށް އޭނާ ހުރީ އަނިޔާގައެވެ. މިދިޔަ ހަ މެޗަށްވެސް ޗެލްސީ ސްކޮޑުގައި ކާންޓޭ ހިމެނިފައި ނުވަނީ ހޭމްސްޓްރިންގް އަނިޔާއެއްގެ ސަބަބުންނެވެ.

މިދިޔަ މަހުގެ ފަހުކޮޅުގައި ކާންޓޭ ތަމްރީނުތަކަށް ނުކުތް ނަމަވެސް އޭނާގެ ފައިގެ ފަލަމަސްގަނޑަށް އުނދަގޫތަކެއް ދިމާވެ ތަމްރީނުތައް ހުއްޓާލަން ޖެހުނެވެ. ކޯޗު ގްރަހަމް ޕޮޓާ ބުނެފައިވަނީ ކާންޓޭގެ އަނިޔާ ރަނގަޅު ނޫން ކަމަށާއި، މާދަމާ އިތުރު ޓެސްޓުތަކެއް ހަދާނެ ކަމަށެވެ.

"ކާންޓޭއާ ގުޅިގެން ބުނަން އޮތީ ޕޮޒިޓިވް ވާހަކައެއް ނޫން. އޭނާ ކޮންސަލްޓެންޓަކަށް ކުރިއަށް އޮތް ހަފުތާ ތެރޭގައި ދައްކާނެ. މިހާރު ބުނެވެން އޮތީ ކާންޓޭއަށް މާޔޫސީ ވާހަކައެއް. އެއީ ކާންޓޭގެ އަނިޔާގެ ކަންތަކުގައި ކަންބޮޑުވުމެއް އެބައޮތް،" ޗެލްސީ ކޯޗު ޕޮޓާ ބުނެފައިވެއެވެ.

ރިޕޯޓުތައް ބުނެފައިވަނީ ކާންޓޭގެ ފަލަމަސްގަނޑުގެ ރިކަވަރީ ވޯލްޑް ކަޕަށް ނިމޭނެ ކަމަށް ނުބެލެވޭ ކަމަށާއި، އަނިޔާ ސީރިއަސް ކަމަށެވެ. ފްރާންސުން 2018 ވަނަ އަހަރު ވޯލްޑް ކަޕް ނެގި ޓީމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރި ކާންޓޭ، މިފަހަރުގެ ވޯލްޑް ކަޕަށް އަނިޔާގައި ހުރެއްޖެނަމަ ފްރާންސަށް އެއީ މާޔޫސްކަމެކެވެ.