ހުޅުމާލޭ އިން ފެނުނު ހަށިގަނޑަކީ ފޭސް ދޭކުން ގެއްލިގެން ހޯދަމުންދިޔަ، ހ. ބޮނޑިކަޅޮދުގެ މުހައްމަދު އަޒުހާންގެ ހަށިގަނޑުކަން ޕޯސްޓްމޯޓަމުން ދެނެގެންފިއެވެ.

ފުލުހުން މިރޭ "ވަން" އަށް ބުނީ އަޒްހާންގެ ހަށިގަނޑު މިއަދު ރާއްޖެ ގެނެސްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.

"ވަން" އެނގިފައިވާ ގޮތުގައި ޕޯސްޓްމޯޓަމުން އަޒްހާންގެ ހަށިގަނޑުކަން ވަނީ ދެނެގެންފައެވެ. އަދި ޕޯސްޓްމޯޓަމަށްފަހު އަޒްހާންގެ ހަށިގަނޑު ރާއްޖެ ގެނެސްފައިވަނީ މިރޭ 7:05 ގައި، މޯލްޑިވިއަންގެ ފުލައިޓެއްގައެވެ. އޭނާގެ ހަށިގަނޑު މިހާރު އޮތީ މޯޗަރީގައެވެ.

އަޒްހާންގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނީ މާދަމާ ހުކުރު ނަމާދު ކުރުމަށްފަހު އާސަހަރާ މިސްކިތުގައެވެ.

އަޒްހާން ގެއްލުނުތާ ދެ ހަފުތާ ފަހުން، އޭނާގެ ހަށިގަނޑު ފެނިފައިވަނީ މިމަހުގެ ދެވަނަ ދުވަހުގެ ހަވީރު ހުޅުމާލޭ ވޯޓާ ތީމް ޕާކު ހަދަމުންދާ ސަރަހައްދުންނެވެ. ނަމަވެސް އެ ހަށިގަނޑު ވަރަށް ބޮޑަށް ކުނިވެފައި އޮތުމުން އެއީ އަޒްހާންގެ ހަށިގަނޑުކަން ކަށަވަރުކުރަން ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވާލާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

ފުލުހުން ބުނި ގޮތުގައި އަޒްހާން ހޯދުމުގެ ތަހުގީގުގެ ތެރެއިން އޭނާ މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ފަތިހު ހުޅުމާލެ ގެސްޓްހައުސްއަކަށް ގޮސްފައިވާކަން އެނގުނު ކަމަށާއި އެ ގެސްޓުހައުސް ހުންނަ ސަރަހައްދުގެ ސީސީޓީވީ ފޫޓޭޖާއި އެ ސަރަހައްދުގައި ހަރަކާތްތެރިވާ އަވައްޓެރި ފުލުހުންގެ އެހީތެރިކަމާއެކު ތަހުގީގަށް ދިން މައުލޫމާތުގެ އެހީގައި ވޯޓާ ތީމް ފާކް ސަރަހައްދު ބަލައިފާސްކޮށްފައިވާ ކަމަށެވެ. އަދި މިދިޔަ މަހުގެ 30 ވަނަ ދުވަހު އިތުރު ސީސީޓީވީ ފޫޓޭޖެއް ބެލުމުން އަޒްހާން ސްކޭޓް ޕާކާ ދިމާލު އަތިރިމައްޗަށް ފައިބާ މަންޒަރާއި އެއަށްފަހު ސްކޭޓް ޕާކާ ދިމާއިން ނިރޮޅުމަގަށް ނުކުންނަ މަންޒަރު ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެ މައުލޫމާތުގެ އަލީގައި އަޒްހާން ދެން ފެންނާނެ ކަަމަށް ބެލެވުނު ތަނާ އެންމެ ކައިރީގައި ހުރި ސީސީޓީވީ ފުޓޭޖު ބެލުމުން އަޒްހާން ފެނިފައިނުވާތީ އަނެއްކާވެސް ކުރިން ބަލައިފާސްކުރި ސަރަހައްދު އަލުން ބަލައިފައިވާނެ ކަމަށާއި އަޒްހާން ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު އެ ސަރަހައްދުން ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އަޒްހާން މަރާލައިފައިވާކަމުގެ އެއްވެސް ހެއްކެއް އަދި ނެތެވެ. އަޒްހާންގެ ފޯނު ހޯދައިފައިވާ އިރު، އެ މައްސަލައިގައި ތުހުމަތުކުރެވޭ މީހަކުވެސް އަދި ނެތެވެ.