ރާއްޖެއަށް 119 ކިލޯގެ ޑުރަގް އެތެރެކުރުމުގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތުވާ ގދ. ހޯނޑެއްދޫ/ އަލޯރާ، އަރުޝަދު ހާލިދު (26އ) ބަންދުގައި ބަހައްޓައިގެން ހައިކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް ނެރުނު އަމުރާ ހިލާފަށް ފުލުހުން އަރުޝަދު ދޫކޮށްލުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެ، އެފަދަ މައްސަލަތަކުގައި ފުލުހުން އަމަލު ކުރާ އުސޫލު ހަރުކަށިކޮށްފިއެވެ.

ފިލައިގެން އުޅެނިކޮށް އަވަށްޓެރި ސްރީ ލަންކާއިން ޑީޕޯޓުކޮށްލުމުން އަރުޝަދު ރާއްޖެއިން ހައްޔަރުކުރީ މިދިޔަ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ލަންކާއިން ޑީޕޯޓްކޮށްލުމުގެ ކުރިން އަރުޝަދު ދިރިއުޅެމުން ދިޔައީ ދުބާއީގައެވެ.

އަރުޝަދަކީ 30 ޖަނަވަރީ 2020 ގައި ފުލުހުން މާލޭގައި ހިންގި ޑުރަގް އޮޕަރޭޝަންގައި ހައްޔަރުކުރި ނުވަ މީހުންގެ ތެރެއިން އެ ނެޓްވޯކުގައި އިސްކޮށް ހުރި މީހާއެވެ. އެ އޮޕަރޭޝަންގައި ނުވަ ގެއެއް ބަލައި ފާސްކޮށް ނުވަ ކިލޯއަށްވުރެ ގިނަ ހެރޮއިން އާއި ހަތަރު ގްރާމަށްވުރެ ގިނަ ކޮކެއިން އަތުލައިގަތެވެ. އެ ތަކެތީގެ މަގުމަތީ އަގު 4.6 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފުލުހުން ބުނެއެވެ.

އެ މައްސަލާގައި އަރުޝަދު ހައްޔަރުކޮށްފައި ހުއްޓައި ކުރިމިނަލް ކޯޓުން އެ އަހަރުގެ ފެބްރުއަރީ މަހު އޭނާ ދޫކޮށްލިއެވެ. ނަމަވެސް އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ އޭނާ އަލުން ބަންދުކުރަން އަމުރުކޮށްފައެވެ. އެގޮތަށް އަމުރު ނެރުނީ 2020 މާޗް މަހުގެ ތެރޭގައެވެ.

އެ އަމުރު ނެރެފައިވަނިކޮށް މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 12 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަންތަކެއްގައި މާލޭގެ ތިން ގެއަކާއި ހުޅުމާލޭގެ ގެއަކާއި ޓެކްސީއަކާއި ޕްރައިވެޓް ކާރެއް އަދި ތިން ސައިކަލު ފާސްކޮށް 119 ކިލޯގެ މަސްތުވާތަކެތި ހޯދައިފައެވެ. ފުލުހުން އޭރު ބުނެފައިވާ ގޮތުގައި އެތަކެތި އެތެރެ ކުރުމުގައިވެސް އެންމެ އިސްކޮށް އުޅުނީ އަރުޝަދެވެ.

ނަމަވެސް ޑުރަގް އޮޕަރޭޝަން ހިންގި ދުވަހު އަރުޝަދާއި އިތުރު މީހަކު ވަނީ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައެވެ.

އަރުޝަދު ރާއްޖެ އައުމުން ހައިކޯޓުގެ އަމުރެއް ތަންފީޒުކުރުމަށް ކަމަށް ބުނެ އޭނާ ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް އެ ކޯޓުގައި ރޭ ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ކަމުގައިވާ ފަނޑިޔާރު އަލީ ނިޔާޒާއި ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު މުހައްމަދު ފައިސަލް ނިންމެވި ނިންމެވުމުގައި ވަނީ، އަރުޝަދު ބަންދުގައި ބަހައްޓައިގެން ރޭ 7:45 އަށް އެ ކޯޓަށް ހާޒިރުކުރަން ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާ ކަމަށާއި ނަމަވެސް އެ އަމުރާ ހިލާފަށް ރޭ 7:08 ގައި ފުލުހުން އަރުޝަދު ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ.

އަރުޝަދު ބަންދުން ދޫކޮށްލާފައިވާކަން އެނގުނީ އޭނާ ބަންދުން ދޫކުރި ލިޔުން އޭނާގެ ފަރާތުން ހައިކޯޓާ ހިއްސާކުރުމުންނެވެ. އެހެންވެ އަރުޝަދު ހައިކޯޓަށް ހާޒިރުކުރީ ބަންދުގައި ހުރި މީހެއްގެ ގޮތުގައި ކަމަށް ނުވާތީ އޭނާގެ ބަންދު އަމުރާމެދު ހައިކޯޓުން ގޮތެއް ނިންމޭނެ ގާނޫނީ ސަބަބެއް ނެތް ކަމަށް ތިން ފަނޑިޔާރުން ވަނީ ވިދާޅުވެފައެވެ.

ފުހުންގެ ތަރުޖަމާނު، ޗީފް ސްޕްރިޑެންޓް އޮފް ޕޮލިސް ޔޫނުސް ސޮބާހު "ވަން" އަށް މިއަދު ވިދާޅުވީ، ބަންދުގައި ބަހަށްޓައިގެން ކޯޓަށް ހާޒިރުކުރަން ޖެހޭ މީހުން ހައްޔަރުކުރުމަށް ފަހު، ކޯޓަށް ހާޒިރުވާނެކަމުގެ ޔަގީންކަން އޮތް ނަމަ އެމީހުން ބަންދުން ދޫކޮށްލާ ކަމަށާއި އެއީ އާއްމުކޮށް އަމަލުކުރާ ގޮތް ކަމަށެވެ. އަދި އަރުޝަދުގެ މައްސަލައިގައިވެސް އަމަލުކުރީ އެގޮތަށް ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މި މައްސަލަ ފެންމަތިވި ހިސާބުން މިހާރު މިވަނީ މި ފަދަ މައްސަލަތަކުގައި އަމަލު ކުރާ ގޮތް ބަދަލުކޮށްފައި. ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމުގެ އަމުރެއް ނެރެފިނަމަ، އެމީހަކު ކޯޓަށް ހާޒިރުކުރާނީ ހަމަ ފުލުހުންގެ ބަންދުގައި ބަހައްޓައިގެން" ޔޫނުސް ވިދާޅުވިއެވެ.

އަރުޝަދު ބަންދުން ދޫކޮށްލި މައްސަލައާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ، އަރުޝަދު ހައްޔަރުކުރުމަށް ހައިކޯޓުން އަމުރު ނެރުމާއެކު، އެކަމުގައި އަމަލުކުރަންވީ ގޮތުގެ އިރުޝާދު ފުލުހުންނަށް ދީފައިވާނެ ކަމަށާއި ނަމަވެސް އަރުޝަދު ބަންދުން ދޫކޮށްލުމަށް އެ އޮފީހުން އެއްވެސް އިރުޝާދެއް ދީފައިނުވާނެ ކަމަށެވެ.

އަރުޝަދު ބަންދުން ދޫކޮށްލުމާ ގުޅޭ ގޮތުން ފުލުހުން އެ އޮފީހުގެ ލަފައަކަށް އެދިފައި ނުވާ ކަމަށާއި އެކަން ހިނގާފައިވަނީ މައްސަލަ ތަހުގީގުކުރާ ފަރާތާއި ތަހުގީގުކުރި ޑިޕާޓްމަންޓަށް އެނގުމެއްނެތި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ޕީޖީން ބުންޏެވެ.

"..އެހެންކަމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ އަމުރާ ހިލާފަށް އަރުޝަދު ހާލިދު ހައްޔަރުން ދޫކުރުމަށް ނިންމި، އަދި ހައްޔަރުން ދޫކޮށްލި ލިޔުން ތައްޔާރުކުރި ފުލުސް އޮފިސަރުންގެ މައްސަލަ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް މި އޮފީހުން ވާނީ އަންގާފައި. އަދި މިކަން ޕޮލިސް ބޯޑުގެ ސަމާލުކަމަށްވެސް ވާނީ ގެނެސްފަ،" ޕީޖީ އޮފީހުން ބުންޏެވެ.

ޕީޖީން ވަނީ އަރުޝަދު ބަންދުން ދޫކޮށްލި މައްސަލަ ސްޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ނިންމައިފައެވެ.

ހައިކޯޓުން އިއްޔެ ވަނީ އަރުޝަދުގެ ޕާސްޕޯޓް ހިފެހެއްޓުމަށާއި އޭނާއަށް ރާއްޖެއިން ބޭރަށް ދަތުރުކުރެވޭނެ އިތުރު ލިޔުމެއް އޮތް ނަމަ، އެ ލިޔުމެއްވެސް ހިފެހެއްޓުމަށް އަމުރުކޮށްފައެވެ. އަދި މާލެއިން ބޭރަށް އެއްވެސް ބޭނުމެއްގައި ދާނަމަ، އެކަން ކޯޓަށް އަންގައި ލިޔުމުން ހުއްދަ ހޯދުމަށްވެސް އަމުރުކޮށްފައިވެއެވެ.