ޔޫއެފާ ޗެމްޕިއަންސް ލީގު

އިންޓަ ކައިރިން ބާސާއަށް ލިބުނީ ޕޮއިންޓެއް، ހާލަތަށް ފިނިކަމެއް ނުލިބުނު

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސީގައި މިރޭ ބާސެލޯނާއިން ކުޅުނު މެޗުގައި އިންޓަ މިލާނާ އެއްވަރުވެ، އެޓީމަށް ގަދަ 16ގެ ފުރުސަތަށް އަދިވެސް ބުރަކޮށް މަސައްކަތް ކުރަން ޖެހިއްޖެއެވެ.

މިރޭ އަމިއްލަ ދަނޑުގައި ބާސާއިން އިންޓަ ކައިރިން އެއްވަރުވީ 3-3 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ހަތަރު މެޗުން ބާސާއަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. އިންޓައަށް ހަތަރު މެޗުން ހަތް ޕޮއިންޓް ލިބިފައިވާ އިރު، ބާސާ އޮތީ ތިންވަނައިގައެވެ. އިންޓަ އޮތީ ދެވަނައިގައެވެ. އެ ގްރޫޕުގެ އެއްވަނަ މަގާމުގައި އޮތް ބަޔާން ހަތަރު މެޗުވެސް ކާމިޔާބުކޮށްފައިވާ އިރު، މިރޭގެ މެޗުގައި ވިކްޓޯރިއާ ޕްލެޒެން އަތުން މޮޅުވީ 4-2 ގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗަށް ނުކުތް އިރު، ބާސާއަށް އޮތީ ޕޮއިންޓެއް މަޖުބޫރުވެފައެވެ. މިރޭ ބަލިވި ނަމަ ބާސާ އަނެއްކާވެސް ޔޫރޮޕާ ކުޅެން ޖެހޭ ހާލަތުގައި އޮތް އިރު، މޮޅުވެގެން އަމިއްލަ ބާރުގައި ގަދަ 16 އަށް ދެވޭނެ ފުރުސަތުވެސް އޮތެވެ. އެހެންނަމަވެސް މިހާރު އޮތް ގޮތުން ބާސާއަށް ޖެހީ އިންޓަ ބަލިވޭތޯ ބަލަން ތިބޭށެވެ. ކޮންމެ ޓީމަކަށްވެސް ބާކީ ދެމެޗު އޮތް އިރު، ބާސާއާއި އިންޓައަށްވެސް ދެން އޮތީ ބަޔާންއާއި ވިކްޓޯރިއާ ޕްލެޒެންއާ ދެކޮޅަށް ކުޅޭ މެޗުތަކެވެ. ބަޔާނުން ވަނީ މިރޭގެ މޮޅާއެކު ގަދަ 16 ޔަގީން ކޮށްފައެވެ.

މިރޭގެ މެޗަށް ނުކުތް އިރު ބާސާއަށް އޮތް އެންމެ ބޮޑު މާޔޫސްކަމަކީ އެޓީމުގެ މުހިއްމު ގިނަ ކުޅުންތެރިންތަކެއް އަނިޔާގައި ތިބުމެވެ. ޖޫލްސް ކޫންޑޭއާއި ރޮނާލްޑް އަރައޫހޯގެ އިތުރުން މެމްފިސް ޑިޕޭއާއި ހެކްޓާ ބެލަރިން އަދި އަންދްރޭއާސް ކްރިސްޓިއަންސްވެސް މިވަގުތު ހުރީ އަނިޔާގައެވެ. އާ ގިނަ ކުޅުންތެރިންތަކަކާއެކު ސީޒަނަށް ނުކުތް ބާސާއަށް އެ ކުޅުންތެރިންގެ ތެރެއިން މަދު ކުޅުންތެރިންތަކެއް ބޭނުން ކުރެވުނު އިރު، މިފަހަރުވެސް ޔޫރޮޕާ ލީގަށް ދާން ޖެހިދާނެ ކަމަށް މިރޭ އޮތީ މާ ކުރިންވެސް ޕްރެޝަރުގައެވެ.

މެޗުގެ ކުރިން ޒަވީ ބުނެފައިވަނީ އިންޓައާ ދެކޮޅަށް ނުކުންނާނީ ފައިނަލެއްގެ ގޮތުގައި ދެކިގެން ކަމަށާއި، އެ ރޫހު ޓީމުން ފެންނަން ބޭނުންވި ކަމަށެވެ. ޓީމުން އެކި ހާލަތްތަކުގައި އެ ރޫހު ފެނުނު ނަމަވެސް އަނެއްކޮޅުން އިންޓަ ފެނުނީ ލިބޭ ފުރުސަތުތަކުގައި ބޭނުން ކުރަމުން ދިޔަތަނެވެ. މެޗު އެއްވަރުކޮށް ދިޔަ އިރު، ސަޕޯޓަރުން ނޭވާ ހިފަހައްޓާލަން ޖެހޭ އެތައް ވަގުތުތަކެއް ދިޔައެވެ. ހާއްސަކޮށް ފަހު 10 ވަރަކަށް މިނެޓުގައި ފެނުނީ ޗެމްޕިއަންސް ލީގު މެޗެއްގެ ފުރިހަމަ ކަމެވެ.

ބާސާއިން ފުރަތަމަ ކޮޅުގައި ބޯޅަ ހިފަހައްޓައިގެން ކުޅެ، ފުރަތަމަ ހާފުގައި ލީޑު ނެގިއެވެ. އަރިމަތިން ޕެޑްރީ ނަގައިދިން ހުރަހަށް އަރައި ޑެމްބޭލޭ ޖެހި ގޯލުން އޭނާ ވަރަށް ބޮޑަށް އުފާފާޅުކުރިއެވެ. ފުރަތަމަ ހާފުގައި ބާސާއިން ލީޑުގައި ނިންމާލި ނަމަވެސް ދެވަނަ ހާފަށް ނުކުމެ މާ ގިނައިރެއް ނުވެ އިންޓައިން ނަތީޖާ ހަމަހަމަ ކުރިއެވެ.

އެލެސާންޑްރޯ ބަސްޓޯނީ ކުރިއަށް އެއްލި ބޯޅައަކަށް މަސައްކަތްކޮށް އިންޓައަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މެޗުގައި މޮޅަށް ކުޅުނު އިޓަލީގެ ނިކޮލޮ ބަރޭލާއެވެ. އެ ގޯލާއެކު އިންޓައިން ހިތްވަރު ހޯދައި، 63 ވަނަ މިނެޓުގައި އިތުރު ގޯލެއް ޖެހިއެވެ. އެ ގޯލު ޖެހީ ލައުޓާރޯ މާޓިނޭޒެވެ. މާޓިނޭޒް ގޯލު ޖެހީ ހަކާން ޗަލަނޮގްލޫ މަތިމަތިން ދިން ބޯޅައެއް މޭގައި ޖައްސައި ކޮންޓްރޯލުކޮށް، ގޯލުގެ ތިރީ ކަނަށް ބޯޅަ ވައްދާލައިގެންނެވެ.

ދެން މެޗުގައި ފެނުނު ތިން ގޯލުވެސް ފެނުނީ ފަހު 10 މިނެޓުގެ ތެރޭގައެވެ. ފޯރިގަދަކޮށް ފެނުނު ވަގުތު ކޮޅުގައި ބާސާއަށް ދެފަހަރަށްވެސް އެއްވަރުކޮށްދިނީ ހަމަ ރޮބާޓް ލެވަންޑޯސްކީއެވެ. އިންޓައިން ތިންވަނަ ގޯލު ޖެހީ ރޮބިން ގޮސެންސެވެ. އެ ގޯލަކީ މާޓިނޭޒްގެ އެސިސްޓަކުން ޖެހި ގޯލެކެވެ.