ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ ޕީއެސްޖީ ދޫކޮށްލަން ބޭނުންވާ ކަމަށް މީޑިއާތަކުގައި ހަބަރު ތިލަވެފައިވުމާއެކު، އެކަމަށް ތިއަރީ އޮންރީ ވަރަށް ބޮޑަށް ފާޑު ކިޔައިފިއެވެ.

ފްރާންސް ގައުމީ ޓީމާއި، ބާސެލޯނާ އަދި އާސެނަލްއަށްވެސް މޮޅަށް ކުޅެ، 2003 ވަނަ އަހަރު ބެލޮންޑިއޯގެ ރަނަރަޕްގެ މަގާމު ހޯދި އޮންރީ، އެމްބާޕޭއަށް ފާޑު ކިޔާފައި މި ވަނީ އާ އެއްބަސްވުމުގައި ސޮއިކުރިތާ ހަތަރު ވަރަކަށް މަސް ފަހުން، އަނެއްކާވެސް ޕީއެސްޖީ ދޫކޮށްލަން ބޭނުންވާ ކަމަށް ބުނެފައިވާތީއެވެ.

ސްޕެއިނާއި ފްރާންސްގެ މީޑިއާތަކުން އިއްޔެ ބުނެފައިވަނީ ޕީއެސްޖީ އާއި އެމްބާޕޭއާ ދެމެދު މައްސަލަ ގޯސްވެފައިވާ ކަމަށާއި، މިހާރު އޮތް ހާލަތު ބަދަލުނުވެއްޖެ ނަމަ ކުރިއަށް އޮތް ޖެނުއަރީ މަހުވެސް ކްލަބު ދޫކޮށްލަން އެމްބާޕޭ ބޭނުންވާ ކަމަށެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި އެމްބާޕޭ ނުތަނަވަސްވެފައިވަނީ ޕީއެސްޖީގެ ކޯޗުގެ އިތުރުން ހިންގުމުގައި ތިބި ބައެއް ފަރާތްތަކާއެވެ.

ޕީއެސްޖީން އެންމެފަހުން ލީގުގައި ރެއިމްސްއާ ދެކޮޅަށް ކުޅުނު މެޗަށްފަހު އެމްބާޕޭ ވަނީ ކޯޗަށް އަމާޒުކޮށް އިންސްޓާގްރާމް ސްޓޯރީއެއްވެސް ޕޯސްޓް ކޮށްފައެވެ. އެކަމާ ގުޅިގެން ކްރިސްޓޯފް ގަލްޓިއާ މީޑިއާއަށް ބުނީ އެމްބާޕޭ ނުރުހުންވީ ޖަޒުބާތުގައި ޖެހިގެން ކަމަށާއި، އެކަމުގައި އެކުގައި ވާހަކަދައްކާފައިވާ ކަމަށެވެ. އެހެންނަމަވެސް ކޯޗު ގަލްޓިއާވެސް ވަނީ އެމްބާޕޭ މެނޭޖުމަންޓާ ނުރުހުންވާ ސަބަބަށް ވާހަކަދައްކައިފައެވެ.

ޕީއެސްޖީގައި މިހާރު ކުޅޭ ސިސްޓަމުން އެމްބާޕޭ ވަރަށް ބޮޑަށް ސެންޓަ ފޯވަޑަކަށް ބޭނުންކުރަން ޖެހޭތީ މިދިޔަ ޓްރާންސްފާ ސީޒަނުގައި އިތުރު ފޯވަޑެއް ގެންދަން ކޯޗާއި ސްޕޯޓިން ޑިރެކްޓަރު ކެމްޕޯސް މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވުމުން އެމްބާޕޭ ވަނީ ނުރުހިފައި ކަމަށް ގެލްޓިއާ ބުންޏެވެ.

މިދިޔަ ޓްރާންސްފާ ސީޒަނުގައި ރެއާލްއަށް ދިޔުމަށް ހުރިހާ ކަމެއް ނިންމުމަށްފަހު އަލުން ޕީއެސްޖީގައި މަޑުކޮށް އެއްބަސްވުމުގައި ސޮއިކުރި އެމްބާޕޭ، އެ އެއްބަސްވުމަކަށް ފަސްމަސްވެސް ނުވަނީސް ކްލަބާ މެދު ހިތްހަމަނުޖެހުމުން އެކަމަށް އެންމެ ބޮޑަށް ފާޑުކީ އެކަކީ އޮންރީ އެވެ.

"އެމީހަކަށް އެންމެ އެކަށޭނެ ނުވާ މަގާމެއްގައި ކުޅެން ޖެހުމަކީ ހިތްހަމަ ނުޖެހޭނެ ކަމެއް. އެއީ ކޮންމެ ކުޅުންތެރިޔަކަށްވެސް ދިމާވެދާނެ ކަމެއް. އެކަމަކު އެކަމަށްވުރެ ބޮޑުކަމެއް އަބަދުވެސް އޮންނަން ޖެހޭނެ، އެއީ ކްލަބު. ކުޅުންތެރިޔަކަށްވުރެ ކްލަބު ބޮޑުވާނެ. ދެން ސުވާލު އުފެދެނީ ޕީއެސްޖީން ވިސްނައިދިނީ އެމްބާޕޭއަކީ ކްލަބަށްވުރެ ބޮޑު ކުޅުންތެރިއެއްގެ ގޮތުގައިތޯ. އެހެންވެސް ވެދާނެ،" އޮންރީ ބުންޏެވެ.

އޮންރީ ވަނީ އޭނާގެ ކެރިއަރުގެ ތަޖުރިބާއަށް ބިނާކޮށްވެސް އެމްބާޕޭއަށް ފާޑު ކިޔައިފައެވެ.

"އަހަރެންގެ އަމިއްލަ ކެރިއަރުގެ ވާހަކައެއް ކިޔައިދޭނަން. ބާސާއަށް ކުޅުނުއިރު އަރިމައްޗަށް ކުޅޭކަށް ހިތްހަމައެއް ނުޖެހޭ. އެކަމަކު ޓީމަށް އެކަން ކޮށްދޭން ޖެހުނު. އަހަންނަށްވުރެ މަދުން ގޯލު ޖަހާފަ ތިބި މީހުން ލައްވާވެސް ސެންޓަ ފޯވަޑަށް ކުޅުވި. އަހަރެންވީ ގުރުބާނީ އެކަކަށްވެސް ފާހަގައެއް ނުވާނެ. އެއީ ހުރިހާ ކަމެއް ނިމޭއިރު އޮންނާނީ އެންމެ ކަމެއް. އެއީ ކޯޗު ކުރަން ބުނާ ކަންކަން ކުރުން. އަދި ޓީމަށް އެންމެ ފައިދާވާނެ ކަންކަން ދަނޑުމަތީގަ ކުރުން. ޓީމު ބަލިވިޔަސް މޮޅުވިޔަސް އެކަންކަން ދަންނަންވާނެ،" އޮންރީ ބުންޏެވެ.

ކްލަބު ކެރިއަރުގައި ކުޅުނު 800 އަށްވުރެ ގިނަ މެޗުން އޮންރީ ވަނީ 366 ގޯލު ޖަހައިފައެވެ. އޭގެ އިތުރުން ގައުމީ ޓީމަށްވެސް އޭނާ ވަނީ 51 ގޯލު ޖަހައިފައެވެ. އުމުރުން އެންމެ 23 އަހަރުގެ އެމްބާޕޭއަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާއެވެ. ފްރާންސާއެކު ވޯލްޑް ކަޕްވެސް ކާމިޔާބުކޮށްފައިވާ އެމްބާޕޭ ވަނީ މިހާތަނަށް ޕީއެސްޖީއަށް ކުޅުނު 125 މެޗުން 115 ގޯލު ޖަހައިފައެވެ. މިސީޒަނުގައި ކުޅުނު 10 މެޗުން އެމްބާޕޭ ވަނީ ނުވަ ގޯލު ޖަހައިފައެވެ.