މިދިޔަ އޮގަސްޓު މަހު ރާއްޖެ އެތެރެކުރި 2.98 ކިލޯގެ މަސްތުވާތަކެއްޗަކީ ބޭނުންކުރަން އެތެރެކުރި ތަކެތިކަމަށް އެތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހާ ބުނެފިއެވެ.

މިދިޔަ އޮގަސްޓު މަހު ޕޯސްޓު މެދުވެރިކޮށް އައި ފޮށިގަނޑެއްގެ ތެރޭގައި އޮތް ފުޓް މަސާޖާއެއްގެ ތެރެއިން ދެ ރަބަރު ޕެކެޓު ފެނިފައިވުމުން އެތަކެތި ތަހުލީލުކުރުމުން މަސްތުވާތަކެއްޗަށް ވަނީ ޕޮޒިޓިވްވެފައެވެ. އެތަކެތީގެ ބަރުދަނުގައި 2.98 ކިލޯގްރާމް ހުއްޓެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ކ. ކާށިދޫ، ރަތްތަނޑިމާގެ އިސްމާއީލް ނަސްވާހް (26)އެވެ. ފުލުހުން ނަސްވާހް ހައްޔަރުކޮށްފައިވަނީ ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއްގައެވެ.

ފުލުހުން އޭނާގެ މައްޗަށް ކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ، އެތަކެތީގެ ވިޔަފާރިކުރުމުގެ ކުށުގެ ތުހުމަތެވެ.

އެ މައްސަލައިގެ ތަހުގީގަށް އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރަން މިއަދު ކޯޓަށް ހާޒިރުކުރުމުން ބުނީ މަސްތުވާތަކެތި އެތެރެކުރިކަމަށް އިއުތިރާފުވާ ކަމަށެވެ. ނަމަވެސް އެއީ އޭނާ ވިޔަފާރިކުރަން އެތެރެކުރި ތަކެތި ނޫން ކަމަށާއި އެއީ ބޭނުންކުރަން އެތެރެކުރި ތަކެތި ކަމަށެވެ. އިތުރަށް އެއްވެސް ވާހަކައެއް ނަސްވާހް ދައްކާފައެއް ނުވެއެވެ.

މަސްތުވާތެކެތީގެ ވިޔަފާރިކުރިކަމުގެ ކުށުގެ ތުހުމަތަށް ނަސްވާހަށް އިންކާރުކުރި ނަމަވެސް އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ގާޒީ ސޮފްވަތު ހަބީބު ވަނީ އަމުރުކޮށްފައެވެ.

ގާޒީ ސޮފްވަތު ހަބީބު ވިދާޅުވީ، އެ މަސްތުވާތަކެތި އެތެރެކުރީ ބޭނުންކުރަން ކަމަށް ނަސްވާހު ބުނި ކަމުގައިވިޔަސް އެކަން ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ. އޭނާ އެތެރެކުރިކަމަށް އިއުތިރާފުވި މަސްތުވާތަކެތީގެ ބަރުދަނުގައި 2.98 ކިލޯ ހުރި ކަމަށާއި އެ އަދަދަކީ މަސްތުވާތެކެތި ޓްރެފިކްކުރިކަމުގެ ކުށުގެ މިންގަނޑަށް ފެތޭ އަދަދެއް ކަމަށް ގާޒީ ސޮފްވަތު ވިދާޅުވިއެވެ. އަދި ކޮންޓްރޯލް ޑެލިވަރީގެ އޮޕަރޭޝަންގެ ތެރެއިން ނަސްވާހް ފިލަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އެހެންކަމުން އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލަމަތާއި ރައްކާތެރިކަމަށް ހުރަސް އެޅިދާނެތީ ޝަރީއަތް ނިމެންދެން ބަންދުކުރަން ގާޒީ ސޮފްވަތު ވަނީ އަމުރުކޮށްފައެވެ. އެގޮތަށް އަމުރުކުރީ ސީނަށް ދިޔަ ފުލުހުންގެ ހެކިބަހަށާއި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށްކުރިކަމަށް އެކަށީގެންވާ ހެކި ގަރީނާ ފުލުހުން ހުށަހަޅާފައިވާތީއެވެ.