އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް މެރިން އެއިޑްސް ޓު ނެވިގޭޝަންސް އެންޑް ލައިޓްހައުސް އޮތޯރިޓީސް (އައިއޭއެލްއޭ) ގައި ރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ލަފާ އަރުވާފައިވާތީ، އެކަމާ މެދު ރައްޔިތުންގެ މަޖިލީހުގެ ލަފަޔަކަށް ހުށަހެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

ރައީސް އެގޮތަށް ނިންމަވާފައިވަނީ، މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި އެކަމާ ގުޅޭގޮތުން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

އައިއޭއެލްއޭގެ މަގުސަދުތަކުގެ ތެރޭގައި މެރިޓައިމް ކޮމިއުނިޓީގެ ފައިދާއަށާއި ކަނޑުގެ ތިމާވެށީގެ ރައްކާތެރިކަމަށް، ކަނޑު އުޅަނދުފަހަރުގައި ބޭނުންކުރާ ވަސީލަތްތައް ތަރައްގީކޮށް، ސަލާމަތާއި ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ ފަދަގޮތަކަށް ކަންކަން އިންތިޒާމުކުރުން ހިމެނެއެވެ.

އެ މުއާހަދާގައި ބައިވެރިވުމުން ލިބިގެންދާނެ ފައިދާތަކުގެ ތެރޭގައި މުއާހަދާގައި ބައިވެރިވާ ގައުމުތަކުގެ މެދުގައި މެރިޓައިމް ދާއިރާއިން ގުޅުން ބަދަހިވެގެންދިއުމާއި ކަނޑުދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެ އިތުރަށް ހަރުދަނާވެގެންދިއުން ހިމެނެއެވެ.

މީގެ އިތުރުން އެއިޑްސްޓު ނެވިގޭޝަން، ހާއްސަކޮށް ފަރުބައްތިތައް ޒަމާނީ ފެންވަރަށް ގެނައުމަށާއި ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ފަރުބައްތިތައް ބެލެހެއްޓޭނެ ގޮތްތަކާއި އަދި ފަރުބައްތީގެ މައުލޫމާތު އުޅަނދުފަހަރުން ޓެކްނޮލޮޖީގެ އެހީގައި އެނގޭނެ ގޮތްތައް ފަހިވެ، އެކަންކަމުގައި ގައުމުތަކަށް އެހީތެރިކަން ލިބިގެން ދިއުންވެސް އެ މުއާހަދާގައި ބައިވެރިވުމުން ލިބިގެންދާނެ ފައިދާތަކުގެ ތެރޭގައި ހިމެނެއެވެ. އަދި އެއީ ކަނޑުގެ މާހާއުލު ހިމާޔަތްކޮށް ތިމާވެށި ރައްކާތެރިކުރުމަށް ބާރު އެޅުމަށް އެޅޭ ފިޔަވަޅަކަށް ވެސް ވެގެންދާނެއެވެ.