ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދު ފުއްދާފައިނުވާތީ އާއި މަސްވެރިންގެ ހައްގުތައް ހިމާޔަތްކުރުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރިއަށްގެންދިޔަ މުޒާހަރާއިން ބައެއް ބައިވެރީން ހައްޔަރުކޮށްފިއެވެ.
ޕީޕީއެމް/ޕީއެންސީގެ ތަރުޖަމާނު ހީނާ ވަލީދު "ވަން" އަށް މިރޭ ވިދާޅުވީ މުޒާހަރާ ތެރެއިން ދިހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދިވެސް އެމީހުން ތިބީ ފުލުހުންގެ ބަންދުގައި ކަމަށާއި ހައްޔަރުގައި ތިބި މީހުންނަށް ޕީޕީއެމް/ޕީއެންސީގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.
"އެބޭފުޅުން ހައްޔަރުކުރުމާއެކު އަޅުގަނޑުމެންގެ ގާނޫނީ ވަކީލުން ވަނީ އެހީތެރިކަން ފޯރުކޮށްދޭން ފަށާފައި،" ހީނާ ވިދާޅުވިއެވެ.
ޕީޕީއެމުން މިއަދު ބޭއްވި "ލޭނާރު" މުޒާހަރާ ފަށާފައިވަނީ މަސް މާރުކޭޓް ސަރަހައްދުންނެވެ. އެތަނުން މުޒާހަރާގެ ބައިވެރިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ކައިރިއަށް އެއްވުމުން ފުލުހުން ވަނީ އެތަނުން ބައިވެރިން ފޮނުވާލައިފައެވެ. މުޒާހަރާގެ ބައިވެރިން އެމްއެމްއޭއާ އަރައި ހަމަނުވަނީސް ފުލުހުން ވަނީ އެ ސަރަހައްދު ބަންދުކޮށްފައެވެ.
މުޒާހަރާގައި މައިގަނޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ މަސްވެރިން ބާނާ މަސް ނުކިރި އުކާލަން ޖެހުމާއި މަސްކިރޭނެ ގޮތެއް ނެތުމާއި އައިސްޕްލާންޓުތައް އެކަށީގެންވާ މިންވަރަށް ރާއްޖޭގައި ނެތުމެވެ.
މުޒާހަރާގައި ޕީޕީއެމްގެ ނައިބު ރައީސް، ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް، ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މަޖިލިސް މެމްބަރު ގައްސާން މައުމޫން، މާވަށު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ސައީދު، ފަރެސްމާތޮޑާ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ލަތީފުގެ އިތުރުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ބައިވެރިވެވަޑައިގެންނެވިއެވެ.