އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ގާނޫނީ ވަކީލު ނާޒިމް ސައްތާރަށް ކުރިމިނަލް ކޯޓުން އިއްވާފައިވާ ތިން މަހާއި 26 ދުވަހަށް ގޭ ބަންދު ހުކުމް ޕްރެސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އިސްތިއުނާފުކޮށްފިއެވެ.
ނާޒިމަށް ދިން އަދަބު ކުޑަވެގެން ޕީޖީ އޮފީހުން އެ މައްސަލަ ހައި ކޯޓަށް ހުށަހަޅާފައިވަނީ މިއަދުއެވެ. އެ މައްސަލަ ބަލައިގަތުމާ މެދު ހައި ކޯޓުގެ ރަޖިސްޓްރާ އަދި ގޮތެއް ނިންމައިފައެއް ނުވެއެވެ.
ބަންގުލަދޭޝްގެ އެމްޑީ އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ނާޒިމް ވަނީ ކުށަށް އިއުތިރާފުވެ، އެކަމަށް މައާފަށް އެދިފައެވެ. އެ މައްސަލައިގައި ނާޒިމަށް ހުކުމް ކޮށްފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ.
ނާޒިމްގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާގެ އަސާސީ އަދަބަކީ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް ކުރިމިނަލް ކޯޓުން ނާޒިމަށް އިއްވީ، އެއް މަހާއި 28 ދުވަހުގެ ޖަލު ހުކުމެކެވެ. އެ ހުކުމް ވަނީ ނާޒިމްގެ އެދުމުގެ މަތީން، ތިން މަހާއި 26 ދުވަހުގެ ގޭ ބަންދުގެ އަދަބަކަށް ބަދަލުކޮށްދީފައެވެ. އެއީ ނާޒިމް ތައުބާވެ މައާފަށް އެދުމުން ކަމަށް ހުކުމުގައި ބުނެފައިވެއެވެ.
ނާޒިމް، އާންމުންގެ ކިބައިން މައާފަށް އެދިފައިވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވާ އަދަބު ކަނޑައެޅުމުގެ މަރުހަލާ ބާކީ އޮއްވައެވެ.
ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިދިޔަ މަހުގެ 25 ވަނަ ދުވަހުގެ ރޭ "ވަން"އަށް ވިދާޅުވެފައިވަނީ، ނާޒިމަށް ކުރި ހުކުމުގެ އަދަބުގެ ބައި އިސްތިއުނާފުކުރުމަށް ދިރާސާކުރައްވަމުން ގެންދަވާ ކަމަށެވެ.
"އަޅުގަނޑުމެން ދެކޭ ގޮތުގައި މިއީ ވަކި މީހެއްގެ މައްސަލައެއް ނޫން. މިއީ އެ މައްސަލައިގެ ހުކުމް ކަނޑައެޅި ގޮތުގެ މައްސަލައެއް،" ޝަމީމް ވިދާޅުވިއެވެ.
މިދިޔަ މަހުގެ 24 ވަނަ ދުވަހު ޝަމީމު އޭނާގެ ބްލޮގުގައި ލިޔުއްވި މަޒުމޫނެއްގައި ވިދާޅުވެފައިވަނީ، ކުށެއްގެ ތުހުމަތުގައި ދައުވާކުރުމުގެ ކުރިން އެ ކުށެއްގެ ތުހުމަތުވާ ފަރާތުން އާންމުންގެ ކިބައިން މައާފަށް އެދިއްޖެނަމަ ދެ ދަރަޖައިގެ ލުޔެއް ލިބޭނެ ކަމަށް ގާނޫނުލްއުގޫބާތުގައި ބަޔާންކޮށްފައިވާ ކަމަށެވެ. ދައުވާކުރި ފަހުން މައާފަށް އެދިއްޖެނަމަ، އެއް ދަރަޖައިގެ ލުޔެއް ލިބޭނެ ކަމަށް ޝަމީމު ވިދާޅުވެފައިވެއެވެ.
"ކުށްވެރިޔާ ކުށާ މެދު ދެރަވާކަން އާންމުންގެ ތެރޭގައި ފާޅުކުރުމުން، އަދަބުގެ ދަރަޖަ ދަށްވާނެ ވާހަކަ. ދައުވާކުރުމުގެ ކުރިންނަމަ، ދެ ދަރަޖަ، ދައުވާ ކުރި ފަހުންނަމަ، އެއް ދަރަޖަ. ކުށް ސާބިތުވާކަމަށް ކަނޑައެޅި ނަމަވެސް، އަދަބު ދިނުމުގައި އިސްވެދެންނެވި އުސޫލާ ހިލާފު ނަމަ، އެ ނުކުތާ ވަކިން އިސްތިއުނާފު ކުރަންޖެހޭ." ޝަމީމް ވިދާޅުވެފައިވެއެވެ.
ޝަމީމު ވިދާޅުވެފައިވަނީ ކުށް ސާބިތުވާ ކަމަށް ނިންމާފައިވާ މައްސަލަތަކާއި އަދަބު ދިން ގޮތާ މެދު ހިތްހަމަ ނުޖެހިގެން މައްސަލައެއް އިސްތިއުނާފު ކުރުމަކީ ޕްރޮސެކިއުޓަރުން އަލަށް ކުރާ ކަމެއް ނޫން ކަމަށެވެ.