އއ. މާޅޮހުގެ ދެކުނުން ބަންޑުން ޖަހާލި ލޯންޗުން ގެއްލުނު ޒުވާނާ ހޯދުމަށް 87.6 އަކަ މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ގެއްލިގެން ހޯދަމުން އަންނަނީ އައްޑޫ ސިޓީ ހިތަދޫ، މިންހާ، މުހައްމަދު މިންހާޖު، 28އ އެވެ.
ފުލުހުން މިރޭ ބުނީ މިންހާޖު ހޯދުމުގެ މަސައްކަތުގެ ތެރެއިން އދ. ހަންޏާމީދޫގެ ދެކުނު ކަނޑުއޮޅިން (އދ. އަތޮޅު އިރުމަތި) ފެށިގެން އަތޮޅުގެ ހުޅަނގަށް ވާގޮތަށް 87.6 އަކަ މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ. މާދަމާ ފެރިދޫގެ ހުޅަނގު ފުއްޓަރުފަރާތުގެ ކަނޑުގެ ސަރަހައްދު، ޑައިވްކޮށްގެން ބެލުމަށް ހަމަޖެހިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ލޯންޗު ބަންޑުން ޖަހާލައިގެން އުޅޭކަމުގެ މައުލޫމާތު ލިބިފައިވަނީ މިމަހުގެ ހަތްވަނަ ދުވަހު ކަމަށާއި އެ މައުލޫމާތު ލިބުމާއެކު މެރިން ޕޮލިހުގެ ޑައިވް ޓީމެއް ހަމަ އެ ދުވަހު އއ. އަތޮޅަށް ގޮސް، މީހާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ލޯންޗުން ދަތުރުކުރި ކަމަށް ބުނާ ދެ މީހުންގެ ތެރެއިން އެކަކު، މިމަހުގެ ފަސްވަނަ ދުވަހުގެ މެންދުރު 1:00 ހާއިރުން ފެށިގެން ހަބަރެއްނުވެ ގެއްލިފައިވާ ކަމަށް އޭނާގެ އާއިލާއިން ވަނީ މިމަހުގެ ހަވަނަ ދުވަހުގެ ރޭ 8:50 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައެވެ.
އޭގެ ތެރެއިން އެކަކު މިމަހުގެ ހަތްވަނަ ދުވަހު ފެރިދޫ ފުއްޓަރާ ދިމާއިން ފެނިގެން ވަނީ ފެރިދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައެވެ. އޭނާ އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ގެނެސް ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން މިއަދު ބުންޏެވެ.
މިންހާޖު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ވެސް އަންނަނީ ކުރަމުންނެވެ. އެމްއެންޑީއެފުން މިއަދު ބުނީ ގެއްލުނު ޒުވާނާ ހޯދުމަށް އެމްއެންޑީއެފުން ކުރިއަށްގެންދާ އޮޕަރޭޝަންގައި ކަނޑާއި ވައިގެމަގުން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށާއި އެ އޮޕަރޭޝަންގައި އެމްއެންޑީއެފް ޑޯނިއާ ފްލައިޓުގައި ޖުމުލަ 750 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.
އޭގެ އިތުރުން ކަނޑުމަގުން އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ޝަހީދު އަލީއާއި، ކޯސްޓްގާޑު ފާސްޓް އިންޓަސެޕްޓާ ކުރާފްޓް "ހަކުރާ" އިން 270 އަކަނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން މައުލޫމާތުދޭ ގޮތުގައި މިންހާޖު އެންމެ ފަހުން ލައިގެން ހުރީ އަޅި ކުލައިގެ އަތް ދިގު ޓީޝާޓަކާއި ނޫ ކުލައިގެ ޖިންސެކެވެ. އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަމްބަރު 191 ނުވަތަ 3395981، 3398898 ނަންބަރަށް އަދި ވައިބާ ކުރާނަމަ 9931082 އަދި ފެކްސް ކުރާނަމަ 3391665 ނަމްބަރަށް ފެކްސްކުރުމަށް އެމްއެންޑީއެފުން އެދެއެވެ.
ލޯންޗު ބަންޑުން ޖަހާލި ހާދިސާއާ ގުޅިގެން އިތުރަށް އެއްކުރަން ޖެހޭ މައުލޫމާތު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ އިރު، އެ ހާދިސާގައި ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް ވަނީ ފާހަގަވެފައެވެ. ނަމަވެސް އެ ހާދިސާއާ ގުޅޭ ގިނަ މައުލޫމާތުތަކެއް ފުލުހުން އަދި ހިއްސާކޮށްފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު