ކުޅުންތެރިއެއްގެ ކެރިއަރު ނިންމައި، ކޯޗިންގެ ދާއިރާއަށް ނުކުންނަން ނުވިސްނާ ކަމަށް އާޖެންޓީނާގެ ކެޕްޓަން، ފުޓުބޯޅަ ލެޖެންޑް ލިއޮނަލް މެސީ ބުނެފިއެވެ.

އާޖެންޓީނާގެ ނޫސްވެރިއެއް ކަމަށްވާ ސެބަސްޓިއަން ވިނޯލޯއަށް ދިން ހާއްސަ އިންޓަވިއުއެއްގައި މެސީ ވަނީ އޭނާގެ ކެރިއަރުގެ ގިނަ ކަންތައްތަކަކަށް ވާހަކަ ދައްކައިފައެވެ. މެސީ ދިން އިންޓަވިއުގައި އޭނާގެ މުސްތަގުބަލާ ގުޅެ ގޮތުން ވާހަކަ ދައްކާފައިވާ އިރު، ކުރިއަށް އޮތް ވޯލްޑް ކަޕާ ގުޅޭ ގޮތުންވެސް މެސީ ވާހަކަ ދެއްކިއެވެ.

އެ އިންޓަވިއުގައި މެސީ ވަނީ ކުރިއަށް އޮތް ވޯލްޑް ކަޕަކީ އޭނާގެ އެންމެ ފަހު ވޯލްޑް ކަޕްކަންވެސް ޔަގީން ކޮށްދީފައެވެ. 2006 ވަނަ އަހަރު ޖަރުމަނުގައި ބޭއްވި ވޯލްޑް ކަޕަށްފަހު އާޖެންޓީނާއާ އެކު ހުރިހާ ވޯލްޑް ކަޕެއް ކުޅެމުން އަންނަ މެސީ ބުނެފައި ވަނީ ގަތަރު ވޯލްޑް ކަޕަށްފަހު ދެން ހަތަރު އަހަރު ފަހުން އޮންނަ ވޯލްޑް ކަޕްގައި ނުކުޅޭނެ ކަމަށެވެ. އެހެންނަމަވެސް ގައުމީ ޓީމާއެކު ކުރިއަށްދާނީ ކިހާ މުއްދަތަކަށްކަން އަދި ނިންމަން ނޭނގޭ ކަމަށްވެސް މެސީ ބުންޏެވެ.

އޭގެ އިތުރުން އުމުރުން 33 އަހަރުގެ މެސީ ބުނީ ކެރިއަރުގެ ނިމުމަށް އަދި ނުވިސްނާ ނަމަވެސް ކޮންމެވެސް ވަރަކަށް އެކަމަށްވެސް ތައްޔާރީތަކެއް ވަމުންދާ ކަމަށެވެ. އެގޮތުން ކޯޗިންނަށް ނުނިކުންނާނެ ކަމަށް މެސީ ވަނީ ބުނެފައެވެ.

"އަހަރެން ކޯޗުކަން ކުރުމަށް ނުވިސްނަން. އެކަމަކު ޒިދާންވެސް މިހެން ބުނި. އެކަމަކު އެ މަންޒަރު ބަދަލުވެސްވި. ޒިދާން ކޯޗަކަށްވެ ޗެމްޕިއަންސް ލީގު ތިން ފަހަރުވެސް ކާމިޔަބުކޮށްފި. އަހަރެން ޝައުގުވެރިކަން ހުރޭ ސްޕޯޓިން ޑިރެކްޓަރު މަގާމަށް. ޓީމުތައް ބިނާކުރުމަށް. ކޯޗުންނަށް އެހީތެރިކަން ފޯރުކޮށްދީ ހިންގަން އުޅުމަށް. އެކަމަކު އެކަހަލަ އެއްވެސް ކަމަކަށް ޔަގީންކަމެއް ނުދެން،" މެސީ ބުންޏެވެ.

މެސީ ވަނީ އޭނާގެ ކެރިއަރުގެ އުސްއަލިތަކަށްވެސް އިންޓަވިއުގައި ވާހަކަ ދައްކައިފައެވެ. މެސީ ބުނެފައި ވަނީ ތާރީހުގައި އެންމެ މޮޅު ކުޅުންތެރިޔާއަށްވުމަށް އެއްވެސް އިރަކު ހާއްސަ ސަމާލުކަމެއް ނުދޭ ކަމަށާއި އެކަން ގަބޫލުވެސް ނުކުރާ ކަމަށެވެ. މެސީ ބުނެފައި އޭނާއަކީވެސް "އާދައިގެ ފުޓުބޯޅަ" ކުޅުންތެރިއެއް ކަމަށާއި ރިޓަޔާވާ އިރު ބޭނުންވަނީ "ރަނގަޅު މީހެއްގެ ގޮތުގައި،" މީހުން ބަލައިގަންނާނެ ކުޅުންތެރިއަކަށްވުން ކަމަށެވެ.

އިންޓަވިއުގައި އިތުރަށް މެސީ ވަނީ އާއިލީ ކަންކަމުގެ މައްޗަށްވެސް ވާހަކަ ދައްކައިފައެވެ. އަދި ކުރިއަށް އޮތް ވޯލްޑް ކަޕް އާޖެންޓީނާއަށް ހާއްސަވާނެ ކަމަށް މެސީ ބުނި އިރު، އޭނާ ވަނީ 2018 އާ ހިލާފަށް މިހާރު ޓީމު ވަރަށް ބޮޑަށް އެކުވެފައިވާ ކަމަށް ބުނެފައެވެ.

ކެރިއަރުގައި ހަތް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ މެސީއަކީ ތާރީހުގައި ފެނުނު އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ. އޭނާ ކްލަބު ލެވެލްގައި ބާސާއާ އެކު ހުރިހާ ކާމިޔާބީއެއް ހޯދައި، އާޖެންޓީނާއާ އެކު ކޮޕާ އެމެރިކާވެސް ކާމިޔާބު ކޮށްފައިވެއެވެ. މެސީއަށް ކެރިއަރުގައި މަދުވާ ހަމައެކަނި ތަށްޓަކީ ވޯލްޑް ކަޕްގެ ތަށްޓެވެ. 2014 ވަނަ އަހަރު ވޯލްޑް ކަޕް ފައިނަލަށް މެސީ އާއި އާޖެންޓީނާ ދިޔަ ނަމަވެސް، އެ ފައިނަލްގައި ބަލިވީ ޖަރުމަނު އަތުންނެވެ.