މިއަހަރު ނޮވެންބަރު މަހު ގަތަރުގައި ފަށަން ތައްޔާރުވެފައިވާ ވޯލްޑް ކަޕަކީ އޭނާ ކުޅޭނެ އެންމެ ފަހު ވޯލްޑް ކަޕް ކަމުގެ ޔަގީންކަން އާޖެންޓީނާގެ ސުޕަ ސްޓާރު ލިއޮނަލް މެސީ ދީފިއެވެ.

އާޖެންޓީނާގެ ނޫސްވެރިއެއް ކަމަށްވާ ސެބަސްޓިއަން ވިނޯލޯއަށް ދިން ހާއްސަ އިންޓަވިއުއެއްގައި މެސީ ބުނީ ކުރިއަށް އޮތީ އޭނާގެ ފަހު ވޯލްޑް ކަޕްކަން ޔަގީން ކަމަށެވެ. އެހެން ނަމަވެސް އެއީ ބައިނަލްއަގުވާމީ ފަހު މުބާރާތްކަން ބުނަން އަދި ނޭނގޭ ކަމަށެވެ.

"ޔަގީނުންވެސް މިއީ އަހަރެންގެ ފަހު ވޯލްޑް ކަޕް. އެއީ މާކުރިންވެސް ނިންމާފައި އޮތް ނިންމުމެއް. އަހަރެން މި އަންނަނީ ވޯލްޑް ކަޕަށް ދުވަސް ވެސް ގުނަމުން. އަހަރެން ކޮންމެވެސް ވަރަކަށް ނާވަސްވެސްވޭ މިއީ ފަހު ވޯލްޑް ކަޕަށް ވާތީ،" އުމުރުން 33 އަހަރުގެ މެސީ ބުންޏެވެ.

މެސީގެ ކެޕްޓަން ކަމުގެ ދަށުން އާޖެންޓީނާ ވޯލްޑް ކަޕަށް ފުރިހަމައަށް ތައްޔާރުވަމުންދާ އިރު، ކޮޕާ އެމެރިކާގެ އެންމެފަހުގެ ޗެމްޕިއަން އާޖެންޓީނާ މިވަގުތު އޮތީ ވަރަށް ފޯމުގައެވެ. އާޖެންޓީނާ އެންމެފަހުން މެޗަކުން ބަލިވީ 2019 ވަނަ އަހަރުއެވެ. އެންމެފަހުން ކުޅުނު 35 މެޗުންވެސް އާޖެންޓީނާ ބަލިވެފައި ނުވާ އިރު، ވޯލްޑް ކަޕްގެ ރެކޯޑު ރަނގަޅުކޮށް، އިޓަލީ އަތުގައި އޮތް ރެކޯޑު މުގުރާލުމުގެ ފުރުސަތުވެސް އެބައޮތެވެ.

ގިނަ ނޫސްތަކުން އާޖެންޓީނާއަކީ މިފަހަރުގެ ވޯލްޑް ކަޕްގެ ފެވަރިޓެއްގެ ގޮތުގައި ސިފަކުރި ނަމަވެސް މެސީ ވަނީ އެގޮތަށް ނުވިސްނާ ކަމަށް ބުނެފައެވެ.

"އާޖެންޓީނާގެ ނަން އަބަދުވެސް ފޭވަރިޓުންގެ ތެރޭގައި ގުނާނެ. އެކަމަކު، އަހަރެން މިހުރީ އެގޮތަށް ވިސްނުން ބަހައްޓައިގެން ނޫން. ވޯލްޑް ކަޕްގެ ކޮންމެ މެޗެއް ވެސް އުނދަގޫވާނެ. ވޯލްޑް ކަޕްގައި އާންމު ގޮތެއްގައި ކާމިޔާބު ހޯދަނީ ފޭވަރިޓުންގެ ގޮތުގައި ބެލެވޭ ޓީމެއް ނޫން،" މެސީ ބުންޏެވެ.

މިހާތަނަށް ރެކޯޑު ހަތް ފަހަރު ބެލޮންޑިއާ ހޯދާފައިވާ މެސީ ވަނީ މީގެ ކުރިން ވޯލްޑް ކަޕް ފައިނަލުގައި އާޖެންޓީނާއާ އެކު ކުޅެފައެވެ. އެއީ 2014 ވަނަ އަހަރުއެވެ. އެ ފައިނަލުގައި 1-0 އިން އާޖެންޓީނާ ބަލިވީ ޖަރުމަނު އަތުންނެވެ. ބައިނަލްއަގުވާމީ ކާމިޔާބީތައް މަދުވުމުން މެސީއަށް ކުރިން ގިނަ ފާޑު ކިޔުންތައް އަމާޒުވެފައި އޮތް ނަމަވެސް، 2019 ވަނަ އަހަރުގެ ކޮޕަ އެމެރިކާ ކާމިޔާބުކުރުމުން އެ ފާޑުކިޔުންތައް ވަނީ ކޮންމެވެސް ވަރަކަށް މަޑު ޖެހިފައެވެ. އޭގެ އިތުރުން މެސީ ވަނީ މިއަހަރު ކުޅުނު ފައިނަލިސީމާގެ ތަށިވެސް އާޖެންޓީނާއާ އެކު ހޯދައިފައެވެ.

މެސީ އެންމެ ފުރަތަމަ ވޯލްޑް ކަޕެއްގައި ކުޅުނީ 2006 ވަނަ އަހަރު ޖަރުމަނުގައި ބޭއްވި މުބާރާތުގައެވެ. އޭގެ ފަހުން، 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި ބޭއްވި ވޯލްޑް ކަޕާއި 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕްގެ އިތުރުން 2018 ވަނަ އަހަރު ރަޝިއާގައި ކުރިއަށްދިޔަ ވޯލްޑް ކަޕްގައި މެސީ ކުޅުނެވެ.

މެސީގެ ކެރިއަރުގައި މިހާރު މަދުވަނީވެސް ވޯލްޑް ކަޕް ޓްރޮފީ އެކަންޏެވެ.