ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރަކީ ފުޓުބޯޅައެވެ. މާލެއިން ފެށިގެން އަތޮޅު ތެރޭގައިވެސް އެންމެ ބޮޑަށް ހިނގާ ކުޅިވަރަކީ ފުޓުބޯޅައެވެ. ގާނޫނީ ގޮތުން ކުޅިވަރު މަތިކޮށްފައިވާ އިދާރާތަކުގެ ތެރެއިން ފުޓުބޯޅައިގެ ބަލަދުވެރިޔަކީ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އެވެ. އެފްއޭއެމްއަކީ ފީފާގެ އެސޯޝިއޭޓެކެވެ. އަދި ރާއްޖޭގެ ގާނޫނުންވެސް ފުޓުބޯޅައާ މަތިކޮށްފައިވާ އިދާރާއެވެ. ހާލަތަށް ނަޒަރު ހިނގާލާނަމަ އިދާރީ ގޮތުން، އެފްއޭއެމް ފެންނަނީ ވަރަށްވެސް ބަލިކަށި ކޮށެވެ.

މުބާރާތްތައް ރާވައި ހިންގުމާއި ފުޓުބޯޅައިގެ ކުރިމަގެއް ބައްޓަން ކުރުންވެސް އެފްއޭއެމްގެ އަތްމައްޗަށް ދޫކޮށްފައި އޮންނަ އޮތުމުން ނަތީޖާ ފެންނަން ބޭނުންވި ނަމަވެސް، އެ ނަތީޖާ އަދިވެސް އޮތީ ދުރުގައެވެ. އެކަން ފުޓުބޯޅައަށް ލޯބިދޭ އެންމެން އެބަ ދަނެއެވެ. އެފްއޭއެމްގެ ނަޒަރުގައިވެސް އެ އިދާރާއަކަށް ނަތީޖާ ނެރެން އެންމެ އެކަށޭނެ ޕްލޭނެއްގައި މަސައްކަތް ކުރެވިފައެއް ނުވެއެވެ. ޗެލެންޖްތަކުން ގޮސް މަސްހުނި ވެގެންނެވެ. ފައިސާއާއި ދެމެހެއްޓެނިވި ޓެކްނިކަލް ޕްލޭނެއްވެސް ނެތުމުގެ ޗެލެންޖުންނެވެ.

"މި ސަރަހައްދުގައި އިންޑިއާ، ބަނގްލާދޭޝް، ސްރީލަންކާ ތަންތަނުން އިންތިހާއަށް ފުޓްބޯޅަ ކުރިއަރުވަން ހިފާފަ ތިބީ، އޭގެ ނަތީޖާ އަޅުގަނޑުމެންނަށް ދަނީ ފެންނަމުން، އޭގެން ކޮންމެ ގައުމަކުން އަޅުގަނޑުމެންގެ ޖޫނިއާ ޓީމުތައް ކޮޅަށް މިއަދު ހަތަރު ގޯލު، ފަސްގޯލު ޖަހަމުން އެބަދޭ، އެހެންކަމުން ބައިވަރު މަސައްކަތް ކުރަން އެބަހުރި، އަޅުގަނޑު ދެކޭ ގޮތުގަ ރާއްޖެއަށް އެނބުރި އާދެވޭނީ ވެސް ފަސް އަހަރު، ހަ އަހަރުފަހުން، އެއީ މިހާރު މި ގާއިމު ކުރެވޭ ވަސީލަތްތަކުން، އަލުން ކުދިން އުފެދި ރަނގަޅު ޕްރޮގްރާމްތަކެއް ހެދިގެން،" ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ ނަޒަރުގައިވެސް އެފްއޭއެމްގެ ޕާފޮމަންސް ދަށެވެ.

އޭގެ އިތުރުން ކޯޗުންގެ ނަޒަރިއްޔާތުންވެސް ފުޓުބޯޅައިގެ މިސްރާބު ރަނގަޅެއް ނޫނެވެ. ކޮންމެއަކަސް ޕްރޮޖެކްޓްތައް ފެއިލްވި ވާހަކަތައް ދެކެވި ނިމިއްޖެއެވެ. އަނެއްކާވެސް އުންމީދަކަށް އޮތީ އާ ޕްރޮޖެކްޓެއް ފެށުމެވެ. ދެން އޮތީ ފައިސާގެ ހާލަތެވެ. އެފްއޭއެމްގެ ފައިސާގެ ހާލަތު، "ކޯޅުމެއްގެ ތެރެއިން" ވިޔަސް ދަށް ވެއްޖެއެވެ. ސްޕޮންސަރުން ލަސްކަމުން ކަމެއް، ސަރުކާރުގެ ވުޒާރާއާ އެފްއޭއެމް ބީރައްޓެހި ވެގެން ކަމެއް ސާފުކޮށް ބުނަން ނޭނގުނު ނަމަވެސް، އެފްއޭއެމަށް ފައިސާގެ އަޑިގަނޑުން އަރައިގަންނަން މަޖޫރުވެއްޖެއެވެ.

މި ހަފުތާ ތެރޭގައި އެންމެ ބޮޑަށް ދެކެވުނު ވާހަކައަކީ ގައުމީ ސީނިއާ ޓީމު ކުޅުންތެރިންނަށް ސާފު ޗެމްޕިއަންޝިޕަށް ފަހު ދޭން ބުނި ބޯނަސް ފައިސާއެއް އަހަރު ވީއިރުވެސް ދީފައި ނުވާ ކަމަށެވެ. ސާފް ޗެމްޕިއަންޝިޕަށް ފަހު ޓީމަށް ހަދިޔާކުރި ފައިސާ، ދީފައިވަނީ އަމިއްލަ ވިޔަފާރިވެރިއެއް ކަމަށްވާ މުހައްމަދު މޫސާ، (އުއްޗު)އެވެ. އުއްޗު ފައިސާ އެ ދީފައިވަނީ އޭނާގެ ރިސޯޓު، ކުރެއްދޫ އައިލެންޑް ރިސޯޓާ ދެކޮޅަށް ގައުމީ ޓީމުން ކުޅުނު އެކުވެރިކަމުގެ މެޗަކަށްފަހުއެވެ. އޭނާ ދީފައި ވަނީ ޖުމުލަ 1.2 މިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން އުއްޗު އަމިއްލައަށް ހަދިޔާކުރީ 500،000 ރުފިޔާއެވެ.

އުއްޗުގެ އިތުރުން ދެން ފައިސާ ހަދިޔާކުރީ އެކިއެކި ސްޕޮންސަރުންނެވެ. އޭގެ ތެރޭގައި ސްޕޮންސަރުންގެ ގޮތުގައި ފައިސާ ހަވާލުކުރީ ދިރާގާއި އެސްޓީއޯގެ އިތުރުން ވިލާ ހޮޓެލްސް އެވެ. ގައުމީ ޓީމަށް އެ ހުރިހާ ފަރާތްތަކުން ދިން ފައިސާވެސް ބަހަން އެފްއޭއެމުން ނިންމާފައިވީ ނަމަވެސް، މިއަދާ ހަމައަށް ކުޅުންތެރިންނަށް އެ ފައިސާ ދީފައެއް ނުވެއެވެ.

އެފްއޭއެމްގެ ޖަވާބަކަށްވީ ފައިސާ ލިބެން ޖެހޭ އެއް ފަރާތުން ފައިސާ ނުދީ އޮތީ ކަމަށެވެ. އޭގެ ފަހުން ސްރީ ލަންކާގައި ކުޅުނު ފޯނޭޝަންސް ކަޕްގެ ނަތީޖާތައް ދަށްވުންވެސް އެއީ ފައިސާ ނުބަހައި އޮތް އަނެއް ސަބަބު ކަމަށް އެފްއޭއެއެމުން ބުނެއެވެ. ކޮންމެއަކަސް އެ ފައިސާ ނުގެއްލޭ ކަމަށް އެފްއޭއެމުން ބުނެފިއެވެ. އެހެން ނަމަވެސް ކުޅުންތެރިންނަށް ވެފައި އޮތް އެވައުދު ފުއްދަން މިހާރު މިއޮތީ މާ ބޮޑަށް ވެސް ލަސްވެފައެވެ. ކުޅުންތެރީން އެވާހަކަ ދައްކަން ފަށައިފި އެވެ.

އެއީ ފައިސާގެ ހާލަތު ގޯސްކަން ދައްކުވައިދިން ކުޑަކަމެވެ. މިދިޔަ ދެއަހަރެއްހައި ދުވަސްތެރޭގައި އެތައް ކޯޗުންނެއްވެސް މުސާރައިގެ މައްސަލަތަކެއް ފީފާއިން އެފްއޭއެމްއާ ދެކޮޅަށް ކާމިޔާބު ކޮށްފިއެވެ. ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަމުގައި މިދިޔަ އަހަރު ހުރި ނެދަލެންޑްސްގެ މާޓިން ކޫޕްމަންގެ އިތުރުން އޭނާގެ އެސިސްޓެންޓް ރެނޭ ހިޑިންކާއި އަންހެން ޓީމުގެ ކޯޗުކަމުގައި ކުރިން ހުރި ޑެވޮން ބަބާވެސް ވަނީ ފީފާއިން މައްސަލަ ކާމިޔާބު ކޮށްފައެވެ. އެ ކޯޗުންނަށް ބަދަލުގެ ގޮތުގައި އެފްއޭއެމަށް ބޮޑެތި އަދަދުތަކެއް ދޭން ޖެހެއެވެ. ރެނޭއަށް އެކަނިވެސް 187،375 ޑޮލަރު (2.9 މިލިއަން ރުފިޔާ) ދޭން ފީފާގެ ޓްރައިބިއުނަލުން އެފްއޭއެމަށް ވަނީ އަންގައިފައެވެ.

އޭގެ އިތުރުން އެންމެފަހުން ގައުމީ ސީނިއާ ޓީމުގެ އެސިސްޓެންޓް ކޯޗުކަމުގައި ހުރި ސިމާއޯ ކޮސްޓާ ޓީމުން ދަމުންވެސް ބުނީ މުސާރަ ނުދީ އޮތް ކަމަށެވެ.

ކޮންމެއަކަސް މުސާރަ ދިނުމުގައި އެތައް މައްސަލަތަކެއް އެފްއޭއެމަށް އެބައޮތެވެ. ދެން އޮތީ ފުޓުބޯޅަ މޫސުމަށް ޓީމުތަކަށް ދޭ ހިންގުމުގެ ފައިސާއެވެ. ކޮންމެހެން ދޭން ޖެހޭ އެއްޗެއް ނޫން ނަމަވެސް، ކްލަބުތައް މިވަގުތު މެނޭޖުކުރަނީ އެ ފައިސާއިން ކަމަށްވީ އިރު، ދޭން ބުނި ޕޭމަންޓް ލަސްވެ، ކްލަބުތަކުގެ ކުޅުންތެރިން ތިބީ މުސާރަ ނުލިބިއެެވެ. ބިދޭސީ ބައެއް ކުޅުންތެރިން ކްލަބުތައް ގޮވައިގެން ފީފާއަށް ގޮސް މައްސަލަ ކާމިޔާބުވެސް ކޮށްފިއެވެ.

ރެފްރީންގެ އެލަވަންސްތަކާއި އެހެނިގެން ޕޭމަންޓްތައްވެސް އެފްއޭއެމްގެ ފަރާތުން ލަސްވެއްޖެއެވެ. ސިވިލް ކޯޓުން ކުރި ހުކުމަކާއެކު އޭޑީކޭ ކޮމްޕެނީއަށް 150000 އަށްވުރެ ގިނަ ފައިސާވެސް އެފްއޭއެމުން ވަނީ ދައްކަން ޖެހިފައެވެ.

ރާއްޖޭގައި ހުރި އެންމެ ބޮޑު ކުޅިވަރު އިދާރާ، އެފްއޭއެމްއަށް ފައިސާ މެނޭޖުކުރެވިގެން ނޫނީ މި މައްސަލަތަކަށް ހައްލު ހޯދޭނެ ގޮތެއް ފެންނާކަށް ނެތެވެ. އެފްއޭއެމުން ބުނެފައި ވަނީ އެ އިދާރާއަށްވެސް ލިބެން ޖެހޭ ޕޭމަންޓްތަކާއެކު ހައްލު ހޯދަން މަސައްކަތް ކުރާ ކަމަށާއި، ފައިސާގެ ކަންކަމަށް ހައްލު ހޯދަން ދެމަސްދުވަސް ނަގާނެ ކަމަށެވެ.

"އެފްއޭއެމަށް ލިބެން ޖެހޭ ފައިސާ ނުލިބި ލަސްވާތީ ހާލަތު ގޯސްވެފަ އޮތީ. ޔޫތު މިނިސްޓްރީން ދޭން ޖެހޭ ފައިސާތަކެއްވެސް ނުލިބި އެބަހުރި. މިނިސްޓްރީން އެހެން އަހަރުތަކުގަ ޓީމުތަކުގެ ދަތުރުތަކަށްވެސް އެހީވޭ. ސާފް 17 އަހަރުން ދަށުގެ މުބާރާތަށް ދިޔަ ޓީމާއި، އޭއެފްސީ 17 އަހަރުން ދަށް ދިޔަ ޓީމާ، ސާފް 19 އަހަރުން ދަށުގެ މުބާރާތަށް ދިޔަ ޓީމާ، އަންހެން ޓީމުގެ އިތުރުން ފްރެންޑްލީ ކުޅެން ދިޔަ ފިރިހެން ސީނިއާ ޓީމުގެ ހުރިހާ ހަރަދެއްވެސް މިފަހަރު މި ކުރީ އެފްއޭއެމުން. އެއާ ޓްރެވެލްއަށްވެސް މިނިސްޓްރީން ސަޕޯޓެއް ނުލިބޭ،" އެފްއޭއެމް ގެ ޖެނެރަލް ސެކްރެޓަރީ ޖަވާޒު "ވަން" އަށް ވިދާޅުވިއެވެ.

ޖަވާޒުގެ ނަޒަރުގައި މިނިސްޓްރީގެ ސަޕޯޓު ނެތުން އެއީ ފައިސާގެ ހާލަތު ގޯސްވި މައިގަނޑު އެއް ސަބަބެވެ.

"ކޮންމެ ޓީމެއްގެ ޓިކެޓަކީވެސް ހަތް ލައްކައެއްހާ ރުފިޔާ. އެފްއޭއެމުން ޓީމުތައް މުބާރާތްތަކަށް ފޮނުވައިގެން މެނޭޖު މިކުރަނީ. އެހެންވީމަ ހަމަޖެހިލަން ވަގުތު ނަގާނެ. ދެމަހެއްހާ ދުވަސްތެރޭގައި ފައިސާގެ ކަންކަން ރަނގަޅުވާނެ،" ޖަވާޒު ވިދާޅުވިއެވެ.

  • މިނިސްޓްރީ އާއި އެފްއޭއެމް، އަނެއްކާވެސް ހިނގަނީ ދެ ޓްރެކަކުން

މީގެ ކުރިންވެސް އެފްއޭއެމްއާއި ޔޫތު މިނިސްޓްރީގެ ކޯޅުން ބޮޑުވިއެވެ. ޔޫތު މިނިސްޓްރީން ވަނީ އޭރު އެފްއޭއެމަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. އޭގެ ތެރޭގައި އެފްއޭއެމް ހައުސްގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމްގެ އޮފީހެއް ހިންގި ކަމުގެ ތުހުމަތުތަކެއްވެސް ވެސް ފެންމަތިވެގެން ދިޔައެވެ.

ހަމަ އެބީދައިން އެފްއޭއެމްގެ ރިޔާސަތަށް ބަދަލު ގެންނަން ޖެހޭ ކަމަށް މަޖިލީހުގެ ތެރޭގައިވެސް ވާހަކަ ދެކެވި، މިނިސްޓަރު މަހުލޫފާ ތަފާތު ދުވަސްތަކެއް މަތިން ސުވާލުވެސް ކުރިމަތިވެފައިވެއެވެ. ހާއްސަކޮށް ފުޓުބޯޅަ ދާއިރާގެ ބޭފުޅެއް ކަމަށްވާ، މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްވެސް ވަނީ ބައްސާމަށް ވަރަށް ގިނަ ބަހުގެ ހަމަލާ ދެއްވައިފައެވެ. އެކަންކަން އެހެން ދަނިކޮށް، ފުޓުބޯޅައަށް ތިންވަނަ ފަރާތެއް ވަންނަ ކަމަށް ފީފާއިން ބަލަން އުޅެނިކޮށް، އެފަހަރު މައްސަލަ ހިހޫވީއެވެ. އެކަމަކު މިނިސްޓްރީން އެފްއޭއެމް އެހެލި ސަބަބެއްވެސް އޮންނަން ވާނެއެވެ.

މިނިސްޓަރު މަހުލޫފް އެންމެފަހުން މަޖިލީހުގައި ވިދާޅުވީ "ސަރުކާރުން އެފްއޭއެމަށް ދޭން ޖެހޭ އެހީތެރިކަމާއި އެއްބާރުލުން ދޭނީ ސަރުކާރުން ބޭނުންވާ ގޮތަށް ޕްރޮގްރާމްތައް ހިންގައި،" "ބަސް އަހާނަމަ،" ކަމަށެވެ. މަހުލޫފް އެހެން ވިދާޅުވީ، ޓީމުތަކުގެ ފުޓުބޯޅަ ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލައާބެހޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި، ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރާ ސުވާލު ކުރައްވަމުން މެންބަރު އިލިޔާސް ވިދާޅުވީ، ރާއްޖޭގެ ފުޓުބޯޅައާ ގުޅޭ ދާއިރާގައި ވަރަށްބޮޑެތި މައްސަލަތައް އެބަހުރި ކަމަށެވެ. އޭގެ ތެރެއިން، ކުލަބުތަކުގެ ފުޓުބޯޅަ ކުޅުންތެރިންނަށް މުސާރަ ނުދޭއިރު، އެވާހަ ދައްކާ ފަރާތްތައް ސަސްޕެންޑް ކުރަމުންދާ ކަމަށާއި، ބޭރު ގުޅުންތެރިންނަށް މުސާރަ ނުދީގެން އެމީހުން ބަނޑޫހައިހޫނުކަމުގެ ހަޅުތާލު ކުރާ ކަމަށާއި، ރެފްރީންނަށް މުސާރަ ނުދީގެން އާބިޓްރޭޝަންތަކުން ދައުލަތުގެ މައްޗަށް ހުކުމް ކުރަމުންދާއިރު، އެކަން ހައްލު ކުރުމަށް މިނިސްޓަރުގެ ހައިސިއްޔަތުން ކުރައްވާ ކަންކަމަކީ ކޮބައިތޯ، މެންބަރު ސުވާލު ކުރެއްވިއެވެ.

އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މަހުލޫފު ވިދާޅުވީ، ފުޓްބޯޅައިގެ މައްސައިގައި އިންތިހާއަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް އެކަމަށް ހައްލު ގެނައުމުގައި އެފްއޭއެމް ޖަވާބުދާރީ ކުރުވުމުގެ މުހިއްމުކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. އެކަން ކުރެވޭނީ ކުލަބްތަކުގެ އެއްބާރުލުން ލިބިގެން ކަންވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. އެއީވެސް އެކަން އޮތް ގޮތެވެ. ކްލަބުތައް ފިޔަވައި އިތުރު ފަރާތަކަށް އެފްއޭއެމް ޖަވާބުދާރީ ކުރެވޭނެ ގާނޫނީ ހައިސިއްޔަތެއް، އުސޫލަކު ނެތެވެ. މިނިސްޓްރީގެ ދައުރު އެސޯސިއޭޝަނަށް ވެއްދޭކަށް ނެތެވެ.

"ސަރުކާރުން އެފްއޭއެމަށް ދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން ދޭނީ އަޅުގަނޑުމެންގެ ވެސް ބަސްއަހައި، އަޅުގަނޑުމެން ބޭނުންވާގޮތަށް އޭގައި ޕްރޮގްރާމްތައް ކުރިއަށްގެންދެވޭކަމަށް ވާނަމަ. މިފަހުން ރާއްޖޭން ބޭރަށް ޓީމުތައް ދިޔައިރުވެސް، އަޅުގަނޑަށް ވަރަށްބޮޑަށް އަމާޒުވެ ފާޑުކިޔުން އައި، މިސާލަކަށް މި ފަހުންވެސް ސައުދީ އަރަބިއްޔާއިން ރާއްޖެ ކޮޅަށް 11 ގޯލު ޖެހި، އަޅުގަނޑެއް ނުފޮނުވަން އެޓީމެއް، އަޅުގަނޑު އެޓީމުގެ ޓިކެޓެއްވެސް ހަމައެއް ނުޖައްސަން، އަޅުގަނޑުމެން މިހާރު ވަރަށް ސާފުކޮށް ނިންމާފަ އޮންނާނެ، ރާއްޖޭން ބޭރަށް އެއްވެސް ކުޅިވަރަކުން ޓީމެއް ދާން ޖެހޭނީ ރަނގަޅަށް ތައްޔާރުވެސް ވެގެން، އެހެން ނޫނިއްޔާ އެހަރަދު ކުރުމުގެ ބަދަލުގަ މާ ރަނގަޅު ކޮންމެވެސް ރަށަކަށް ކަމެއް ކޮށްދޭން އެ އެފައިސާ ހަރަދުކުރުންވެސް، ރާއްޖޭން ބޭރަށް ފުޓުބޯޅަ ޓީމެއް ދާއިރު ގިނަފަހަރު ހަ ލައްކަ، ހަތްލައްކަ ރުފިޔާ ޓިކެޓަށް ހަރަދުވާނެ،" މަހުލޫފް މަޖިލީހުގައި ވިދާޅުވިއެވެ.

ރަސްމީކޮށްވެސް އެފްއޭއެމް އާއި ޔޫތު މިނިސްޓްރީ އޮތީ އެއް ގަލެއްގައެއް ނޫންކަން އަނެއްކާވެސް ސާފެވެ. ދެން އޮތީ ތިންވަނަ ފަރާތެއްގެ ނުފޫޒެއް ނުހޯދައި، އެފްއޭއެމްގެ ހާލަތު ރަނގަޅު ކުރުމެވެ. އެއީ އުނދަގޫ އަދި ގޮންޖެހުން ބޮޑު މަސައްކަތެއްކަންވެސް ސާފެވެ. ކްލަބުތަކަށް އެފްއޭއެމްގެ އެހީތެރިކަން ބޮޑުވެ، އެ ކްލަބުތައްވެސް އެފްއޭއެމްގެ ފައިސާއަށް ބަރޯސާވާން ޖެހިފައިވާ ހާލަތެއްގައި އެފްއޭއެމްގެ ކަންކަމަށް އަޑު އުފުލާނެ ބަޔަކުވެސް ތިބޭން ޖެހެ އެވެ. ހައްލު ހޯދަން ޖެހެނީ ފުޓުބޯޅައިގެ ކުރިމަގަށްޓަކައެވެ. އެހެން ނަމަވެސް ހޯދަން އޮތީ އުނދަގޫ ހައްލެކެވެ. އެފްއޭއެމް ހަރުދަނާ ވާން ޖެހެއެވެ.