ބާސެލޯނާއިން އިންޓަ މިލާނާ ދެކޮޅަށް ރޭ ކުޅުނު ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖު މެޗުގައި ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗަކީ ގްރޫޕް ސީގައި ބާސާ ބަލިވި ދެވަނަ މެޗެވެ. މީގެ ކުރިން އެ ގްރޫޕުގައި ބާސާ ބަލިވެފައި އޮތީ ބަޔާން މިއުނިކް އަތުންނެވެ. ބަޔާންއިން މިވަގުތު ގްރޫޕްގެ އެއްވަނައިގައި މަގާމު ދަމަހައްޓަމުން އަންނަނީ ކުޅުނު ތިން މެޗުންވެސް މޮޅުވެ، ނުވަ ޕޮއިންޓާ އެކުގައެވެ. ބަޔާންއިން ރޭ ކުޅުނު މެޗުގައި ވިކްޓޯރިއާ ޕްލެޒެން ބަލިކުރީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މިވަގުތު ގްރޫޕްގެ ދެވަނައިގައި އިންޓަ އޮތީ ތިން މެޗުން ހަ ޕޮއިންޓާއެކުގައެވެ. ބާސާ ތިންވަނައިގައި އޮތީ ތިން މެޗުން އެއް މޮޅު ހޯދައިގެން ތިން ޕޮއިންޓާއެކުގައެވެ. ގްރޫޕް ސީގައި ބާސާއަށް ބާކީ ދެން އޮތީ ތިން މެޗެކެވެ. އެ ތިން މެޗުންވެސް މޮޅުވާން ބާސާއަށް އޮތީ މަޖުބޫރީ ހާލަތެކެވެ.
ރޭގެ މެޗުގައި އިންޓައިން ގޯލު ޖެހީ ފުރަތަމަ ހާފުގައެވެ. ހަކާން ޗަޅަނޯޅޫ ގޯލު ޖެހުމުން ދެވަނަ ހާފަށް ނުކުމެ ބާސާއިން ބުރަކޮށް މަސައްކަތް ކުރިއެވެ. އެ މަސައްކަތުގައި ބާސާގެ ޕެޑްރީ ފޮނުވާލި ބޯޅައެއް ގޯލަށް ވަން ނަމަވެސް، ވީއޭއާރު ބަލައި ރެފްރީ ނިންމީ އެ ގޯލަށް ބާސާއިން ކުރި މަސައްކަތުގައި އަންސޫ ފަޓީ އަތުގައި ބޯޅަ ޖެހުނު ކަމަށެވެ. އޭގެ ފަހުން އިންޓަގެ ޕެނަލްޓީ އޭރިއާ ތެރެއިން ޑިފެންޑަރު ޑެންޒިލް ޑަމްފްރީސް އަތުގައި ބޯޅަ ޖެހުނު ނަމަވެސް، ވީއޭއާރް ބަލައި ރެފްރީ ޕެނަލްޓީ ދީފައެއް ނުވެއެވެ.
"ރެފްރީން ޖެހޭނެ އޭނާ ނިންމާ ނިންމުންތަކަށްވެސް ޖަވާބުދާރީވާން. އެއީ ހެދުނު ގޯސްތައްވެސް ކިޔައިދިނުމަކީ އިންސާނީ ވަންތަކަން ފެންނާނެ ކަމެއް. އެއީ ކުރަން ޖެހޭ ކަމެއް. އަހަރެން މިހުރީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައި. ރޭގެ މެޗުން ބާސާއަށް ލިބުނީ ނާއިންސާފު،" މެޗުގެ ރެފްރީގެ ނިންމުންތަކަށް ފާޑު ކިޔަމުން ބާސާގެ ކޯޗު ޒަވީ ހެނާންޑޭޒް ބުންޏެވެ.
ބާސާއަށް އޮތް ގަދަ 16ގެ ފުރުސަތާ ގުޅިގެން ޒަވީ ބުނީ، ދެން އޮތީ ތިން ފައިނަލް ކަމަށާއި، އެ ތިން މެޗުންވެސް މޮޅުވާން މަޖުބޫރު ކަމަށެވެ.
ބާސެލޯނާ
ބާސެލޯނާ
ބާސެލޯނާ
ބާސެލޯނާ