ކަރަންޓްގެ ހިދުމަތަށް އަގު ނެގުމުގައި އަތޮޅުތެރެ އާއި މާލެ ސަރަހައްދު އެއްހަމަ ކޮށްފިނަމަ، ސްޓެލްކޯއަށް އަހަރަކު 35 މިލިޔަން ރުފިޔާ އަދި ފެނަކަ ކޯޕަރޭޝަންއަށް އަހަރަކު 41.2 މިލިޔަން ރުފިޔާ ގެއްލުންވާނެ ކަމަށް އެ ކުންފުނިތަކުން ބުނެފިއެވެ.

ކަރަންޓަށް ބިލުކުރުމުގައި އަތޮޅުތެރެ އާއި މާލެ ސަރަހައްދުގައި ގެންގުޅޭ ތަފާތުކުރުން ނައްތާލުމަށް ގޮވާލައި ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ވަނީ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފައެވެ.

އެ ގަރާރު އިތުރަށް ދިރާސާ ކުރުމަށް މަޖިލިސް ތަޅުމުން ވަނީ އެސްއޯއީ ކޮމިޓީއަށް ފޮނުވައިފައެވެ.

އެކަމާ ގުޅިގެން ސްޓެލްކޯ އާއި ފެނަކައިގެ އިސްބޭފުޅުން އެސްއޯއީ ކޮމިޓީއަށް ހާޒިރުކޮށް، އެކަމާބެހޭ މައުލޫމާތު ވަނީ އޮޅުން ފިލުވައިފައެވެ.

އެކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވީ، އެ ކުންފުނިން މާލޭ ސަރަހައްދުގެ އިތުރުން އަތޮޅުތަކުގެ 31 ރަށަކަށް ކަރަންޓްގެ ހިދުމަތް ދެމުން އަންނަ ކަމަށެވެ. އަދި އެ ހިދުމަތް ދިނުމުގައި މާލޭގެ ބިޒްނަސް ކެޓަގަރީ އާއި އަތޮޅު ތަކުގެ ބިޒްނަސް ކެޓަގަރީއާ ތަފާތުތަކެއް ހުންނަ ކަމަށްވެސް ވިދާޅުވިއެވެ.

"މިއަހަރު ތެރޭގައި ދިރާސާތަކެއް ވެސް ހަދާފައިވާނެ. އެ ދިރާއިން ދައްކާ ގޮތުގައި މަލޭ އާއި އަތޮޅުތަކުގެ ތެރެއިން އަޅުގަނޑުމެން ހިދުމަތްދޭ ރަށްތަކާ އެއްވަރުކޮށްފިނަމަ، 35 މިލިޔަން ގެއްލުންވެގެންދާނެ،" ޝަރީފް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ކަރަންޓުގެ ހިދުމަތަށް ސްޓެލްކޯއިން ކަނޑައަޅާފައިވާ އަގަކީ ސީދާ ސްޓެލްކޯއަށް ބަދަލު ގެނެވޭގޮތަށް އޮންނަ ނިޒާމަކުން ކަނޑައަޅާފައިވާ އަގެއް ނޫން ކަމަށެވެ. އެ އަގަކީ އެސްއޯއީތަކާއި ހިދުމަތްދޭ ފަރާތްތަކާ މަޝްވަރާކޮށްގެން ކަނޑައަޅާ ޓެރިފް ރޭޓެއް ކަމަށްވެސް ވިދާޅުވިއެވެ.

ކަރަންޓްގެ ހިދުމަތް ތަރައްގީ ކުރުމަށާއި އިތުރު އިންވެސްޓްމެންޓްތައް ކުރަނީ އަތޮޅުތަކުން ކަރަންޓްގެ ހިދުމަތްދޭ 10 ރަށް ފިޔަވައި ދެން ހުރި ރައްތަކާއި މާލެއަށް ދޭ ހިދުމަތުން ލިބޭ ފައިދާއިން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފެނަކައިގެ އެސިސްޓެންޓް ޑިރެކްޓަރު އަހުމަދު އަލީފް ވިދާޅުވީ، ފެނަކައިން ކަރަންޓްގެ ހިދުމަތް ފޯރުކޮށްދޭ 155 ރަށުގެ ތެރެއިން ކޮމާޝަލް ރޭޓްތަކާއި ގްރޭޓާ މާލޭ ސަރަހައްދުގައި ބިލްކުރާ ރޭޓްތައް އެއްހަމަ ކޮށްފިނަމަ، ފެނަކައަށް އަހަރަކު 41.2 މިލިޔަން ރުފިޔާ ގެއްލުންވާނެ ކަމަށެވެ. ސްޓެލްކޯއެކޭ އެއްގޮތަށް ޓެރިފްރޭޓްތަކަށް ބަދަލު ގެނައުމުގެ ބާރު ފެނަކައަށް ނޯންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.