ޑިފެންސިވްލީ ކުޑަކޮށް މަސައްކަތް ކޮށްލައިފިނަމަ، ލިވަޕޫލްގެ އެލެކްސެންޑްރާ-އާނޯލްޑަކީ ދުނިޔޭގައި ހުރި އެންމެ މޮޅު ރައިޓް ބެކް ކަމަށް އިނގިރޭސި ފުޓުބޯޅަ ލެޖެންޑް، ގެރީ ނެވިލް ބުނެފިއެވެ.

އިނގިރޭސި ގައުމީ ޓީމުގެ ޑިފެންޑަރު، އުމުރުން 23 އަހަރުގެ އާނޯލްޑަށް ދާދިފަހުން ވަނީ ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައެވެ. ލިވަޕޫލާއެކުވެސް އިންގްލެންޑާއެކުވެސް އާނޯލްޑް މި ސީޒަނުގައި ފޯމު ދަށްކޮށް ފެންނަ އިރު، އޭނާގެ ފަރާތުން އެންމެ ބޮޑަށް ގޯސްތައް ފެންނަނީ ޑިފެންސް ކުރުމުގައެވެ. އެޓޭކް ކުރުމުގައި ރަނގަޅަށް ބައިވެރިވާ ޑިފެންޑަރެެއްގެ ގޮތުގައި އާނޯލްޑް ފާހަގަވެފައިވާ ނަމަވެސް، ޑިފެންސިވްލީ އޭނާގެ ފަރާތުން ގިނަ ގޯސްތަކެއް މިހާތަނަށް ފާހަގަވެފައިވެއެވެ.

"އާނޯލްޑްގެ ފަރާތުން ފެންނަ ހުނަރު، މި ގައުމުގެ އެއްވެސް ޑިފެންޑަރެއްގެ ފަރާތަކުން އަދި ފެނިފައެއް ނުވޭ. ބޭސިކް ޑިފެންސިވް ކަންކަން އެކަނި އާނޯލްޑް ރަނގަޅުކުރަން ޖެހެނީ. އެކަމުގައި ކޮންސިސްޓެންސީއެއް ހޯދިއްޖެނަމަ އާނޯލްޑް ވެގެންދާނީ އިންގްލެންޑް ދުއް އެންމެ މޮޅު ސައިޑު ބެކަށް. އަދި ދުނިޔޭގައިވެސް ހުރި އެންމެ މޮޅު ރައިޓް ބެކަށް. މި ދައްކަނީ ކަފޫ ކަހަލަ ކުޅުންތެރިއެއްގެ ވާހަކަ،" މެންޗެސްޓާ ޔުނައިޓެޑަށް ގިނަ މެޗުތަކެއް ކުޅުނު ގެރީ ނެވިލް ބުނެންޏެވެ.

އެންމެފަހުން އިންގްލެންޑުން ކުޅުނު ނޭޝަންސް ލީގު މެޗުތަކަށް އާނޯލްޑް ސްކޮޑަށް ނެގި ނަމަވެސް، ކުޅުނު ދެމެޗުގެ ތެރެއިން ފަހު މެޗަށް އޭނާ ވަނީ ސްކޮޑުން ބޭރު ކޮށްލައިފައެވެ. އިންގްލެންޑްގެ ކޯޗު ގެރެތު ސައުތުގޭޓްގެ އެ ނިންމުމާއެކު އާނޯލްޑަށް އިތުރު މާޔޫސްކަމެއް ކުރިމަތިވެފައިވާ އިރު، ކުރިއަށް އޮތް ވޯލްޑް ކަޕަށް އިންގްލެންޑް ސްކޮޑުން ފުރުސަތު ހޯދުން ވެގެންދާނީ ޗެލެންޖަކަށެވެ.