ޚަބަރު

ރާއްޖޭގެ ޓޫރިޒަމްގެ ރަން ޒަމާން ކުރިއަށް އޮތް ދުވަސްތަކުގައި ފެނިގެންދާނެ: އެމްޔޫ މަނިކު

މުހައްމަދު އިޝާން

ރާއްޖޭގެ ދެކޮޅުގައި އަޅާ ރީޖަނަލް އެއާޕޯޓުތަކުގެ ސަބަބުން ރާއްޖޭން ޓޫރިޒަމް ރަން ޒަމާން ކުރިއަށް އޮތް ދުވަސްވަރު ފެނިގެންދާނެ ކަމަށް ރާއްޖެއަށް ޓޫރިޒަމް ތައާރަފުކުރެއްވި ބާނީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޔުނިވާސަލް އެންޓްޕަރައިސަސްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ވިދާޅުވެއްޖެއެވެ.

ރަން ޔޫބީލް ގާލާ އިވްނިން ފާހަގަކުރުމަށް ރާއްޖޭގެ ފުރަތަމަ ރިސޯޓް، ކުރުނބާ މޯލްޑިވްސްގައި ޓޫރިޒަމްގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި އެމްޔޫ މަނިކު ވިދާޅުވީ ރާއްޖޭގެ އުތުރާއި ދެކުނުގައި ސަރުކާރުން ތަރައްގީކުރާ ބައިނަލްއަގުވާމީ އެއާޕޯޓްތަކުގެ އޮޕަރޭޝަން ފެށުމާއެކު ޓޫރިޒަމް ދާއިރާ މިހާރަށްވުރެ ކުރިއަރައިގެންދާނެ ކަމަށެވެ. އެއިރުން ފަތުރުވެރިކަމަށް ރަން ދުވަސްވަރެއް އަންނާނެ ކަމަށް އެމްޔޫ މަނިކު ވިދާޅުވިއެވެ.

"ރާއްޖޭގައި ދެ ހަބު އެ އުފެދެނީ. އައްޑޫ އަތޮޅުގައި އެއް އެއާޕޯޓު ދެން ހަނިމާދޫގައި. ހަނިމާދޫ ވެގެންދާނީ ނޯތުގެ ހަބަކަށް. މީގެ ކުރިން ނޯތުގައި ވަރަށް ދަށްކޮށް އޮތީ ފަތުރުވެރިކަން. ނަމަވެސް ދެން ސަރުކާރުން 8،000 ބެޑު އެޅުއްވީމައި މުޅިތަން އެއްކޮށް ދިރޭނެ،" އެމްޔޫ މަނިކު ވިދާޅުވިއެވެ.

މި ސަރުކާރުގެ ޓޫރިޒަމް އިންޑަސްޓްރީ ކުރިއަރުވަން ކުރާ މަސައްކަތް ފާހަގަކުރައްވައި އެމްޔޫ މަނިކު ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ޝުކުރު އަދާކުރައްވައިފައެވެ. އެމްޔޫ މަނިކު ވިދާޅުވީ ސަރުކާރުން ޓޫރިޒަމް ކުރިއެރުވުމަށް ކުރާ މަސައްކަތް، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް ދެމުންގެންދާ އަހަމިއްޔަތުން އެކަނި ވެސް ސާފުވެގެންދާ ކަމަށެވެ.

އެމްޔޫ މަނިކު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް 50 އަހަރު ފުރުނުއިރު، އެ އިންޑަސްޓްރީ އޮތީ ދުނިޔޭގެ އެއް ވަނައިގައި ކަމަށެވެ. އަދި ވިދާޅުވީ އެ ކުރިއެރުމަކީ ދަތިތަކާއި ކުރެއްވި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.

"ކުޑަކުޑަ ގައުމެއް ކުއްލިއަކަށް މި ދުވަސްކޮޅުގެ ތެރޭގައި މި ޕޮޒިޝަނަށް އައުމަކީ އެއީ ވަރަށް ބޮޑު އެޗީވްމަންޓެއް،" އެމްޔޫ މަނިކު ވިދާޅުވިއެވެ.

ޓޫރިޒަމް އިންޑަސްޓްރީ ދެން ކުރިއަށް ގެންދާވީ ގޮތަކާމެދު އަލަށް އެ ދާއިރާއާ ހަވާލުވާ ޒުވާނު ވަރަށް ބޮޑަށް ވިސްނަންޖެހޭނެ ކަމަށް އެމްޔޫ މަނިކު ވިދާޅުވިއެވެ.

ރިސޯޓު އޯނަރުންގެ ހައިސިއްޔަތުން އެކަމަށް ގާބިލް ޒުވާނުން އުފެއްދުމަކީ އޭނާގެ ވާޖިބެއް ކަމަށާއި އެ ޒިންމާ ފުރިހަމައަށް އަދާކޮށްފައިވާނެ ކަމަށެވެ. އަދި ޓޫރިޒަމް ދާއިރާ އިތުރަށް ކުރިއަށް ގެންދިއުމުގެ ޒިމްނާ އޮތީ ޒުވާނުން އަތްމަތީގައި ކަމަށް އެމްޔޫ މަނިކު ވިދާޅުވިއެވެ.