މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ އިންޓާނަލް އޮޑިޓް ޑިޕާޓްމެންޓްގެ ހެޑް (މެނޭޖަރު އިންޓާނަލް އޮޑިޓް)ގެ މަގާމު އަދާކުރަމުންދިޔަ ލ.ގަން މުކުރިމަގު ނޫވިލާގެ މޫސާ ނަސީމް ވަޒީފާއިން ވަކި ކުރީ ގޯސްކޮށް ކަމަށް ކަނޑައަޅައި އޭނާއަށް އަލުން އެމަގާމު ދޭން ސިވިލް ކޯޓުން އަމުރު ކޮށްފިއެވެ.

މި މައްސަލައަކީ، އެކެއް އޮގަސްޓް 2010 އިން ފެށިގެން އެމްޑަބްލިއުއެސްސީގެ އެސިސްޓެންޓް މެނޭޖަރު އެކައުންޓްސް ގެ ވަޒީފާއަދާކުރަމުންދަނިކޮށް، ލިބުނު ޕްރިމޯޝަނަކުން އެ ކުންފުނީގެ އިންޓާނަލް އޮޑިޓް ޑިޕާޓްމަންޓްގެ ހެޑްގެ މަގާމު ކަމަށްވާ މެނޭޖަރު އިންޓާނަލް އޮޑިޓްގެ މަގާމަށް، އެކެއް ޖެނުއަރީ 2016 ގައި ނަސީމު އައްޔަންކޮށް އެ ވަޒީފާ އަދާކުރަމުންދަނިކޮށް ހަޔެއް ނޮވެމްބަރު 2019 ގައި އޭނާ ވަޒީފާއިން ވަކި ކުރި މައްސަލައެވެ.

އޭނާ ވަޒީފާއިން ވަކި ކުރީ، އޭނާގެ މައްޗަށް ކުރަމުން އައި އިތުބާރާއި ޔަގީންކަން ގެއްލިފައިވާ ކަމަށާއި އޭނާ ވަޒީފާއިން ވަކިކުރަންޖެހޭކަމަށްބުނެ، ކުންފުނީގެ އޮޑިޓް އެންޑް ރެމިއުނެރޭޝަން ކޮމިޓީން، އެ ކުންފުނީގެ ބޯޑަށް ހުށަހެޅި ރިޕޯޓަކާ ގުޅިގެންނެވެ. އެ ރިޕޯޓާ ގުޅިގެން 2 ނޮވެމްބަރު 2019 ގައި ބޭއްވި ބޯޑު ބައްދަލުވުމުގައި އޭނާ ވަޒީފާއިން ވަކިކުރަން ނިންމިއެވެ. ނަމަވެސް ކޮމިޓީ ރިޕޯޓުގައިވެސް އަދި ބޯޑުން ނިންމި ނިންމުމުގައިވެސް އޭނާގެ މައްޗަށް އޮތް އިތުބާރާއި ޔަގީންކަން ގެއްލިފައިވަނީ ކޮން ސަބަބަކާހުރެކަމެއް ބަޔާންކޮށްފައެއް ނުވެއެވެ.

ވަޒީފާއިން ވަކިކުރި މައްސަލަ މޫސާ ނަސީމް ފުރަތަމަ ހުށަހެޅީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށެވެ. ނަމަވެސް އެއީ ޓްރައިބިއުނަލުން ކުރިއަށް ގެންދެވޭނެ މައްސަލައެއްނޫން ކަމަށް އެފަރާތުން ނިންމިއެވެ. ދެން އެ މައްސަލަ މޫސާ ނަސީމު ހުށަހެޅީ، ސިވިލް ކޯޓަށެވެ. އޭރު ރައްޔިތުންގެ މަޖިލީހުން ވަޒީފާއާބެހޭ ގާނޫނަށް ގެނައި އިސްލާހަކާ ގުޅިގެން، އެ މައްސަލަ ސިވިލްކޯޓަށް ބަލައިގަނެ ކުރިއަށް ގެންދިއުމަށް ކުރިން އެ ކޯޓަށް ލިބިފައި އޮތް އިހުތިސާސް ގެއްލިފައިވާތީ އެ ކޯޓުންވެސް އެ މައްސަލަ ބެލެން ނެތްކަމަށް ނިންމިއެވެ.

މޫސާ ނަސީމް ދެން އެ މައްސަލަ ހުށަހެޅީ ހައިކޯޓަށެވެ. ހައިކޯޓުން ހުކުމް ކުރީ އެ މައްސަލަ ބެލުމުގެ އިހުތިސާސް ނެތްކަމަށް ސިވިލްކޯޓުން ކުރި ހުކުމް ބާތިލްކޮށް އެ މައްސަލަ ސިވިލްކޯޓުން އަލުން ބެލުމަށެވެ.

އޭނާ ވަޒީފާއިން ވަކިކުރީ ގޯސްކޮށްކަމަށް ކަނޑައަޅައި، އޭނާ އަދާކުރަމުންދިޔަ މަގާމު އަލުން ދޭން ސިވިލްކޯޓުން އިއްޔެ އަމުރުކުރީ، ހައިކޯޓުން އެ މައްސަލަ ސިވިލް ކޯޓަށް ތަހުވީލް ކުރުމުން ދެވަނަ ފަހަރަށް އެ މައްސަލަ އެކޯޓުން ބެލުމަށްފަހުގައެވެ.

ސިވިލް ކޯޓުގެ ހުކުމްގައި ވަނީ، އޭނާ ވަޒީފާއިން ވަކިކުރީ، ދެ ފަރާތުގެ ދެމެދުގައި ވެފއިވާ އެއްބަސްވުމާއި މުވައްޒަފުންގެ އަތްމަތީ ފޮތުގައި ބަޔާންކުރާ އުސޫލާ ހިލާފަށް ކަމަށެވެ. އެހެންކަމުން އެ ކުންފުނީގައި އޭނާ އަދާކުރަމުންދަިޔަ ވަޒީފާ އިއްޔެއިން ފެށީގެން ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި އިއާދަކޮށްދިނުމަށާއި، އޭނާއަކީ ވަޒީފާއިން ވެކިވެފައިވާ މީހެއްކަމަށް ނުބެލުމަށެވެ. އޭނާ ވަޒީފާއިން ވަކިކޮށްފައިވާ މުއްދަތުގައި އެހެންތަނެއްގައި ވަޒިފާ އަދާކޮށްފައިވާތީ އެ ކުންފުނިން އޭނާއަށް ލިބެމުންދިޔަ މުސާރަ އުނި ކުރުމަށްފަހު، އޭނާ ވަޒިފާއިން ވަކިކުރި ތާރީހުން ފެށިގެން އެއް އަހަރު ދުވަހުގެ މުއްދަތުގެ މުސާރަ އާއި އިނާޔަތްތައް ދިނުމަށްވެސް އެމްޑަބްއެސްސީއަށް ކޯޓުން ވަނީ އަންގައިފައެވެ.