މިދިޔަ މަހުގެ 19 ވަނަ ދުވަހު ގެއްލިގެން އާއިލާއަށް ރިޕޯޓުކޮށްގެން ފުލުހުން ހޯދަމުންދިޔަ މުހައްމަދު އަޒްހާން، 27އ. ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު އިއްޔެ ހަވީރު ހުޅުމާލެ ފޭސް އެކަކުން ވަނީ ފެނިފައެވެ. އެ ހަށިގަނޑު ފެނިފައިވަނީ އޭނާ ގެއްލުނު ކަމަށް ބެލެވޭ ރެޑްބުލް ޕާކުން، މަގު ހުރަސްކޮށް ހުޅަނގަށް އޮތް ގަސްތަކުގެ ތެރެއިންނެވެ.
އަޒްހާން ހޯދުމުގެ މަސައްކަތާ ގުޅޭ މައުލޫމާތުތައް މިދިޔަ މަހު އެކި ދުވަސްމަތިން ފުލުހުން ވަނީ ފޯރުކޮށްދީފައެވެ. އެގޮތުން މިދިޔަ މަހުގެ 25 ވަނަ ދުވަހު ފުލުހުން ދިން މައުލޫމާތުގައިވާ ގޮތުން އެންމެ ފަހުން އޭނާ ފެނުނީ ހުދު ކާރަކަށް އަރަނިކޮށެވެ. ސީސީޓީވީ ފުޓޭޖަށް ބަލައިގެން އޭރު ފުލުހުން ކުރި މަސައްކަތުން، ޓެކްސީ ބޯޑު ޖަހާފައިވާ ކާރަކަށް އަޒްހާން އަރާތަން ފެންނަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ހިޔާ ފުލެޓު 13 ވަނަ ޓަވަރު ކައިރިންނެވެ.
އެއަށްފަހު ދެން ފުލުހުން މައުލޫމާތު ފޯރުކޮށްދިނީ އޭގެ އެއް ދުވަސް ފަހުން, މިދިޔަ މަހުގެ 26 ގައެވެ. އާންމުންގެ އެހީތެރިކަމަށް އެދި ފުލުހުން އެދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި އާންމު ރައްޔިތެއްގެ ފަރާތުން އަޒްހާން އެންމެ ފަހުން ފެނިފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ސަރަހައްދުގެ ސީސީޓީވީ ފޫޓޭޖު ބެލިބެލުމުން، ހުޅުމާލެ ފޭސް އެކެއްގައި އޭނާ ހުރި ގެސްޓް ހައުސް އިން ކާރެއްގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓުގެ 13 ވަނަ ޓަވަރަށް އެރުމަށްފަހު, އެތަނުން ފަތިހު 4:53 ހާއިރު އެޓަވަރު ކައިރިން ހުދު ކުލައިގެ ޓެކްސީއަކަށް އަރައިގެން އޭނާ ހުރި ގެސްޓް ހައުސް ސަރަހައްދަށް އަނބުރާ ދިޔައެވެ.
"އަދި އެ ދެ ކާރުގެ ޑްރައިވަރުން މިހާރު ދެނެގަނެވިފައިވާ އިރު، އެންމެ ފަހުން އަޒުހާން ފެނިފައިވާ ސަރަހައްދުވެސް ވަނީ ދެނެގަނެވިފަ. އެގޮތުން އަޒުހާން އެންމެ ފަހުން ފެނިފައިވާ ކަމަށް މިހާރު އެނގިފައިވާ ސަރަހައްދަކީ ފޭސް އެކެއްގެ ރެޑްބުލް ދަނޑު ސަރަހައްދު،" ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.
އެއަށްފަހު އަޒްހާން ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ފުލުހުންނަށް ފެނުނު ކަމުގެ މައުލޫމާތު މީޑިއާތަކަށް ދީފައިވަނީ ރޭގެ ވަގުތެއްގައެވެ. ފުލުހުން މާބޮޑު ތަފްސީލެއް ދީފައި ނުވި ނަމަވެސް, އެ ހަށިގަނޑު ފެނުނު ސަރަހައްދުގައި ފުލުހުން ވަނީ ނޫސްވެރިންނަށް ކޮންމެވެސް ވަރަކަށް އިތުރު މައުލޫމާތުތަކެއް ދީފައެވެ.
ފުލުހުން ބޭނުންވާ ބައެއް މައުލޫމާތު ދިން ނަމަވެސް، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދީފައިވަނީ ފަސް މިނެޓަށެވެ. ފުލުހުންގެ ފަރާތުން ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމްސް ޔުނިޓުގެ ހެޑް, ސުޕްރިންޓެންޑެންޓް ހަސަން ސައީދު ދެއްވި ފަސް މިނެޓުގެ ނޫސްވެރިންގެ ބައްދަލުވުމުން ޖަވާބު ނުލިބޭ އެތައް ސުވާލެއް ހުއްޓެވެ. ގިނަ ސުވާލުތަކެއް ހުއްޓައި, ނޫސްވެރިންގެ ބައްދަލުވުން ނިންމައިލުމުން ގިނަ ނޫސްވެރިންގެ ޝަކުވާތައްވެސް ހުއްޓެވެ. ނޫސްވެރީން އަންނަނީ އެ ޝަކުވާތައް ޕޮލިސް މީޑިއާ ގުރޫޕުގައިވެސް ލިޔަމުންނެވެ.
އަޒްހާން ކަމަށް ބެލެވޭ މީހާގެ ހަށިގަނޑު ފުލުހުންނަށް ފެނިފައި މިވަނީ, އަޒްހާން ގެއްލުނުތާ 15 ދުވަސް ފަހުންނެވެ. ހަށިގަނޑު ފެނުނީ ވެސް އަޒްހާން އެންމެ ފަހުން ފެނުނު ކަމަށް ބުނާ ސަރަހައްދާ މާ ދުރު ނޫން ހިސާބަކުން ކަމަށްވުމުން އާންމުންގެ ގިނަ ސުވާލުތަކެއް އެބަ ހުއްޓެވެ. އޭނާ ހޯދަން ކުރިން އެ ސަރަހައްދު ބަލާފައިވޭތޯ އެއީ އެންމެ ބޮޑު ސުވާލެކެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަސަން ސައީދު ވިދާޅުވެފައިވާ ގޮތުގައި އެ ސަރަހައްދު ކުރިން ވެސް ފުލުހުން ވަނީ ބަލައިފައެވެ. އެ ސަރަހައްދު ސާޗްކޮށް, ފުލުހުންނަށް ހަށިގަނޑު ފެނިފައި ނުވަނީ އޭރު ފުލުހުން ބަލާފައިވަނީ ހަށިގަނޑު ފެނުނު ބިމުގެ ކުރިމަތީގައި އޮންނަ ބިން ކަމަށްވާތީއެވެ. ފުލުހުންނަށް ހޯދިފައިވަނީ ނިރޮޅު މަގުގެ އެއްފަޅިއެވެ.
ފުލުހުންނަށް އަޒްހާން އެންމެ ފަހުން ފެނިފައިވަނީ ހަށިގަނޑު ފެނުނު ސަރަހައްދާ ތަންކޮޅެއް ދުރުގައި ހުންނަ ސީސީޓީވީ ކެމެރާއަކުންނެވެ. އަދި ފުލުހުން ހަށިގަނޑު ފެނުނު ސަރަހައްދު އިއްޔެ ސާޗް ކުރަން ފެށީ ލިބުނު އިތުރު މައުލޫމާތަކާ ގުޅިގެން ކަމަށް ފުލުހުން ބުނެއެވެ.
ހުޅުމާލެއިން މީހަކު ގެއްލިގެން ހޯދުމަށް ފުލުހުންނަށް ޗެލެންޖިން، އުނދަގޫ ކަމެއް އެބައޮތެވެ. އެއީ މިހާރު ގިނަ ބަޔަކު ދިރިއުޅެމުން އަންނަ އަދި ކުރިއަށް އޮތް ތަނުގައި ވެސް ގިނަ ބަޔަކު އާބާދުވާން އޮތް ހުޅުމާލޭގައި ސީސީޓީވީ ކެމެރާތައް މަދުވުމެވެ. މި ރިޕޯޓުގެ ބޭނުމަށް "ވަން" ގެ ނޫސްވެރީން ވަނީ ހުޅުމާލޭގެ މައި ބައެއް މަގުތަކުގައި ސީސީޓީވީގެ ހާލަތު ހުރި ގޮތް ބަލައިފަ އެވެ. އެއީ މިފަދަ ބޮޑު ހާދިސާއެއް ހިނގާ ހާލަތުގައި ކަމާ ގުޅުން ހުންނަ މީހުން މި ފަދަ ބޮޑެތި މަގުތަކުން ކޮންމެވެސް އެއް އިރަކު ދަތުރުކުރުމުގެ ފުރުސަތު ބޮޑުކޮށް އޮންނާނެތީ އެވެ. ވަކީން ހާއްސަކޮށް ހުޅުމާލޭ ފޭސް އެކެއް އަދި ދޭއްގައި އޮންނަ މައި ދެތިން މަގު ސީސީޓީވީން ކަވަރުވެފައި ހުރި މިންވަރު "ވަން"ގެ ނިއުސް ޓީމުން ދިރާސާކުރިއެވެ.
ހަށިގަނޑު ފެނުނު ސަރަހައްދު ހިމެނޭ ނިރޮޅު މަގަކީ ގިނަ ބަޔަކު ހުޅުމާލެއިން މާލެއަށް ދަތުރުކުރުމަށް ބުރިޖަށް ދާން އޮންނަ މަގު ކަމުގައިވިޔަސް, އެ މަގުގައި ވެސް ހުންނަނީ، ހަތަރު ޕަބްލިކް ސީސީޓީވީ ކެމެރާއެވެ.
ނިރޮޅު މަގުގެ އިތުރުން ހުޅުމާލޭގެ އެހެން މަގުތަކުގައި ވެސް ސީސީޓީވީ ކެމެރާތައް މަދެވެ. ބައެއް މަގުތަކުގައި ޕަބްލިކް އެންމެ ސީސީޓީވީ ކެމެރާއެއް ވެސް ނުހުރެއެވެ. ގިނަ މީހުން އެކި ކަންކަމުގައި ދާ ފޭސް އެކެއްގެ ބީޗް ސައިޑް, ދިއްގާ މަގާއި ހިރުނދު މަގު އަދި ކާނި މަގުގައި ވެސް ޕަބްލިކް އެންމެ ސީސީޓީވީ ކެމެރާއެއް ވެސް ނެތެވެ. އެ ސަރަހައްދުތަކުގައި ގިނައީ ގެސްޓްހައުސްތަކާއި ރެސްޓޯރެންޓްތަކުގެ ކެމެރާތަކެވެ. އާންމުކޮށް އެ ކެމެރާތައް ހުންނަނީ އެތަނެއްގެ ދޮރު ކުރިމަތި ފެންނަ ގޮތަށެވެ. އެހެންކަމުން ގިނައިން އެ ކެމެރާތަކަށް ފެންނާނީ އެތަނެއްގެ ދޮރުމަތިން ދާ މީހުން އެކަންޏެވެ.
"މިސިން ޕާސަން ކޭސްގައި އަޅުގަނޑުމެންނަށް މިހާތަނަށް ފާހަގަވެފައެއް ނެތް އެއްވެސް އިތުރު ބަޔަކާއި ނޫނީ މީހަކާ ގުޅުމެއް އޮތް ކަމަކަށް. އެކަމަކު އަޅުގަނޑުމެން މިހާރު ފަށައިގެން މިދަނީ ހޮމިސައިޑް އިންވެސްޓިގޭޝަނެއް. ހޮމިސައިޑް އިންވެސްޓިގޭޝަން ކުރިއަށްދާވަރަކުން އަޅުގަނޑުމެން ހިއްސާކުރާނަން," ނޫސްވެރިންގެ ބައްދަލުވުމުގައި ހަސަން ސައީދު ވިދާޅުވިއެވެ.
ބަޔަކު ނުވަތަ މީހަކު އަޒްހާން މަރާލީ ކަމަށް ތުހުމަތުކޮށް, ފުލުހުން އެ މައްސަލަ މިހާރު ބަލަން ފަށާފައިވަނީ ކީއްވެތޯ ވެސް, އެއީ އުފެދޭ ސުވާލެކެވެ. ފުލުހުންނަށް ޝައްކު އުފެދެނީ ކޮން ކަމަކާ ގުޅިގެން, ކޮން މައުލޫމާތެއް ލިބިގެން ކަމެއް ފުލުހުން ސާފުކޮށްދީފައެއް ނުވެއެވެ.
ހަސަން ސައީދު ވިދާޅުވެފައިވާ ގޮތުގައި ތުހުމަތުކުރެވޭ އެއްވެސް މީހަކު މިހާތަނަކަށް ނެތެވެ. ހަށިގަނޑު ފެނުނު ސަރަހައްދުގައި ހަށިގަނޑު ވަޅުލަން މަސައްކަތްކޮށްފައިވާ ކަމުގެ ނިޝާނެއް ހުރިކަން ވެސް ފާހަގަކުރެވިފައެއް ނުވެއެވެ.
އަޒްހާން ގެއްލުމުގެ ކުރިން ގެސްޓްހައުސަކަށް ދިޔަކަން އެނގެއެވެ. އެ ގެސްޓްހައުސަށް ދިޔައީ ލޯބިވެރިޔާއާއެކު ކަމުގެ މައުލޫމާތު ވެސް ލިބެއެވެ. ނަމަވެސް ގެސްޓްހައުސް އިން އަޒްހާން ޗެކްއައުޓްވުމުގެ ތިން ގަޑިއިރެއްހާއިރު ކުރިން އޭނާގެ ލޯބިވެރިޔާ ޗެކްއައުޓްވިކަން އެނގިފައިވެއެވެ.
ހުޅުމާލޭގައި ދިރިއުޅޭ، އަދި އާންމުކޮށް މާލެއަށް ދަތުރުކުރާ ބައެއް މީހުންނާ "ވަން" ގެ ނޫސްވެރީން ސުވާލުކުރުމުން، އެމީހުން ބުނާގޮތުގައި އެ ސަރަހައްދުން މިދިޔަ ހުކުރު ދުވަހުން ފެށިގެން ކުނި ވަހެއް ދުވައެވެ. އެ ސަރަހައްދުގެ އިތުރުން ރީތިގަސް މަގުން ވެސް ވަރަށް ބޮޑަށް ކުނިވަސް ދުވައެވެ. އެވާހަކަތައް ގަބޫލުކުރަންވެސް ފަސޭހައެވެ. ސަބަބަކީ، މި ދުވަސްވަރަކީ ހުޅަނގުން ބާރަށް ވައިޖެހޭ ދުވަސް ވަރަކަށް ވެފައި، ނިރޮޅުމަގުން މާލެއަށް ދަތުރުކުރާ މީހުންނަށް މި ކުނިވަސް ގަދަޔަށް ދުވުމުގެ ފުރުސަތު އޮންނާނެތީއެވެ. އެއީ ހަށިގަނޑު ފެނިފައިވަނީ އެ މަގުގެ ހުޅަނގު ފަރާތުގައި ހުރި ގަސްތަކުގެ ތެރެއިންނެވެ. އެހެން ކަމުން މާލެޔަށް ދަތުރުކުރާ މީހުންނަށް އެތަން ވާނީ ވައިމަތި ފަރާތަށެވެ. ވައިދަށަށް ގަދަޔަށް ވަސް ހުންނާނެއެވެ.
ހަސަން ސައީދު ވިދާޅުވި ގޮތުގައި ފުލުހުން އެ ސަރަހައްދު ސާޗް ކުރީ ކޮންމެހެން ކުނި ވަހެއް ދުވައިގެންނެއް ނޫނެވެ. އަދި ކުނިވަހެއް ދުވާކަމުގެ ރިޕޯޓެއް އާންމުންގެ މީހަކުވެސް ކޮށްފައިނުވާ ކަމަށް ވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ކޮންމެހެން ކުނިވަސް އައިޑެންޓިފައި ކުރެވިގެންނެއް ނޫން އަޅުގަނޑުމެންނަށް މި ތަން އައިޑެންޓިފައިވީ. އަޅުގަނޑުމެންނަށް އައިޑެންޓިފައިވީ އަޅުގަނޑުމެންނަށް ލިބުނު ސީސީޓީވީ ކެމެރާތަކުން މި ހިސާބުން ގެއްލިފައި އަދި ފެންނަން ޖެހޭ އެހެން ހިސާބަކުން ނުފެނުނީމަ, އަޅުގަނޑުމެންނަށް ބޮޑަށް ގަބޫލުކުރެވުނީ މިއީ ސާޗްކުރަން ވަރަށް މުހިންމު ތަނެއްގެ ގޮތުގަ," އޭނާ ވިދާޅުވިއެވެ.
އަޒްހާން ކަމަށް ބެލެވޭ މީހާގެ ހަށިގަނޑުގައި އަނިޔާތަކެއް ހުރިތޯ ކަށަވަރުކުރެވެން އޮތީ ޕޯސްޓްމޯޓަމެއް ހަދައިގެންނެވެ. ކުނިވެ, ވަރަށް ބޮޑަށް ހަލާކުވެފައި އޮތުމުން އަނިޔާގެ ތަފްސީލު ދެނެގަންނަން ވަނީ އުނދަގޫވެފައެވެ. އެހެންކަމުން ފުލުހުން ވަނީ ޕޯސްޓްމޯޓަމެއް ހަދަން ނިންމައި, އެކަން އަޒްހާންގެ އާއިލާއަށް އަންގައިފައެވެ.
މި މައްސަލައިގައި އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކަކާއިއެކު ގިނަ ސުވާލުތަކެއް ހުރުމުން, ގިނަ ބައެއްގެ އެދުމަކީ ވީހާވެސް އަވަހަކަށް ޖަވާބުތަކެއް ލިބުމެވެ. ފުރިހަމަ ތަހުގީގެއް ހިންގުމަށެވެ. ފުލުހުންގެ ސާޗްގައި މައްސަލައެއް އުޅޭ ނަމަ, އެކަމެއް ވެސް ބަލައިދިނުމަށެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް