އިނގިރޭސި ޕްރިމިއާ ލީގު

ނުވަ ގޯލުގެ ޑާބީއެއް، ފޮެޑެން އާއި ހާލަންޑް ހެޓްރިކް ހަދައި ޔުނައިޓެޑް ލަދުގަންނަވާލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެންޗެސްޓާ ޑާބީގައި މެންޗެސްޓާ ސިޓީން ބޮޑު ތަފާތަކުން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފިއެވެ.

ސިޓީގެ އެތިހާދު ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ޔުނެޓެޑްގެ މައްޗަށް ސިޓީން ކުރި ހޯދީ 6-3 ގެ ނަތީޖާއަކުންނެވެ. ޖުމުލަ ނުވަ ގޯލު ފެނިގެންދިޔަ ޑާބީގައި ވިދާލީ ސިޓީގެ ފިލް ފޮޑެން އާއި އާލިން ބްރައުޓް ހާލަންޑެވެ. ދެކުޅުންތެރިންވެސް މިރޭގެ މެޗުގައި ހެޓްރިކް ފުރިހަމަ ކޮށްފައިވާ އިރު، މިރޭގެ ހެޓްރަކަކީ ހާލަންޑް މި ސީޒަނުގައި ފުރިހަމަ ކުރި ތިންވަނަ ހެޓްރިކެވެ.

މިހާތަނަށް ސީޒަނުގައި ކުޅުނު 10 މެޗުން ހާލަންޑް 17 ގޯލު ޖަހައިފައިވާ އިރު، އޭނާ ވަނީ ސިޓީއާ އެކު އެންމެފަހުން ކުޅުނު ހޯމް ތިން މެޗުގައިވެސް ހެޓްރިކް ހަދައިފައެވެ. އެއީ ޕްރިމިއާ ލީގުގެ ދިގު ތާރީހުގައިވެސް ރެކޯޑެކެވެ. ހާލަންޑް ނޫން އެއްވެސް ކުޅުންތެރިޔަކު ޕްރިމިއާ ލީގުގައި ޖެހިޖެހިގެން ތިން ހޯމް މެޗެއްގައި ހެޓްރިކް ފުރިހަމަ ކޮށްފައެއް ނުވެއެވެ. އޭގެ އިތުރުން ހާލަންޑަކީ އެންމެ އަށް މެޗުން ޕްރިމިއާ ލީގުގެ ތިން ހެޓްރިކް ފުރިހަމަ ކުރި ކުޅުންތެރިޔާވެސް މެއެވެ.

މީގެ ކުރިން އެންމެވަހަށް ޕްރިމިއާ ލީގުގައި ތިން ހެޓްރިކެއް ހަދާފައި އޮތީ މައިކަލް އޮވެންއެވެ. އެއީވެސް 48 މެޗުންނެވެ.

މިރޭގެ ޑާބީއަށް ލޯތައް އަމާޒުވެފައި އޮތީ ދެޓީމުވެސް ރަނގަޅު ފޯމެއްގައި އޮވެ ނުކުންނަން ތައްޔާރުވި ޑާބީއަކަށްވީމައެވެ. ޔުނައިޓެޑުންވެސް މިރޭގެ ޑާބީއަށް ނުކުތީ އެންމެފަހުން ކުޅުނު ހަތަރު މެޗުންވެސް މޮޅުވެފައި އޮވެގެންނެވެ. ސިޓީން އަދި މި ސީޒަނުގައި ބަލިވެފައިނުވާ އިރު، ބެލެވިފައި އޮތީ މިރޭގެ ޑާބީ ވާދަވެރިވާނެ ކަމަށެވެ.

ހީކުރި ގޮތާ ހިލާފަށް ޑާބީގައި ޔުނައިޓެޑަށް ސިޓީއާ ވާދައެއް ނުކޮށްލެވުނެވެ. ފުރަތަމަ ކޮޅުން ފެށިގެން ސިޓީން ޑޮމިނޭޓްކޮށް ހަމަލާތައް އުފައްދައި، ހާފު ނިންމާލީވެސް 4-0 ގެ ލީޑެއްގައެވެ. އަރިމަތިން ބެނާޑޯ ސިލްވާ ކަނޑާލި ބޯޅައިން ފޮޑެން ޖެހި ފުރަތަމަ ގޯލުން ސިޓީ ލީޑު ނެގި އިރު، ކޯނަރަކުން ހާލަންޑް ބޮލުން ޖެހި ގޯލުން ސިޓީން ދެވަނަ ގޯލެއް ޖަހައި ލީޑު ފުޅާވެސް ކުރިއެވެ.

ޔުނައިޓެޑް ކޮޅަށް ދެ ގޯލު ސިޓީން ޖެހުމާ އެކު ސިޓީއަށް މެޗުގެ ކޮންޓްރޯލް ހޯދުނެވެ. ޔުނައިޓެޑުން ފުރަތަމަ ހާފުގައި އިތުރަށް ކުރިއަށް ނުޖެހި މަޑުޖެހިފައި ތިބި ވަގުތު ސިޓީން އަނެއްކާވެސް ފުލުފުލުގައި ދެ ގޯލު ޖެހިއެވެ. ކެވިން ޑިބްރޭނާގެ ބޯޅަކުން ހާލަންޑް އޭނާގެ ދެވަނަ ގޯލު ޖަހައި ތިންވަނަ ގޯލު ފުރިހަމަ ކުރި އިރު، ހާލަންޑް ހުރަސްކުރި ބޯޅައަކުން ސިޓީއަށް ނަތީޖާ 4-0 އަކަށް ބަދަލުކޮށްލައިދިނީ ފޮޑެންއެވެ.

ދެވަނަ ހާފު ފެށިގެން ކުޑައިރުކޮޅެއް ތެރޭގައި ޔުނައިޓެޑްގެ އެންތޮނީ ޖެހި ގޯލުން އެޓީމަށް ކުޑަ އުންމީދެއް ލިބުނު ނަމަވެސް އޭގެ 10 މިނެޓް ފަހުން ހާލަންޑް އޭނާގެ ހެޓްރިކް ފުރިހަމަ ކުރިއެވެ. އަދި އޭގެ އަށް ވަރަކަށް މިނެޓް ފަހުން ފޮޑެން އޭނާގެ ހެޓްރިކް ފުރިހަމަކޮށް ޑާބީގައި ބޮޑު ލީޑެއް ނެގިއެވެ.

ޔުނައިޓެޑަށް ކިރިޔާވެސް ހިތްވަރަކަށްވީ މެޗުގެ ފަހު ވަގުތަށް ކުޅެން ނުކުމެ، އެންތޮނީ މާޝިއަލް ޖެހި ދެ ގޯލާއެކު ނަތީޖާގެ ފަރަގު ކުޑަވުމެވެ.

މެޗުން މޮޅުވެ ސިޓީ ލީގު ތާވަލުގެ ދެވަނައިގައި އޮތީ ކުޅުނު އަށް މެޗުން 20 ޕޮއިންޓާއެކުގައެވެ. މެޗުން ބަލިވެ ޔުނައިޓެޑް އޮތީ ތާވަލުގެ ހަވަނައިގައެވެ. އެއީ ހަތް މެޗުން 12 ޕޮއިންޓާ އެކުގައެވެ.