ޚަބަރު

އެޗްޑީސީގެ ނަމުގައި ފައިސާ ހޯދި މީހުންގެ ތެރޭ އެމްޕީއެލްގެ މުވައްޒަފެއް، މައްސަލަ އެމްޕީއެލްއިން ވެސް ބަލަނީ

ރިފާ ހަލީލު

ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ ނަމުގައި ގުޅައިގެ މަކަރާ ހީލަތުން ފައިސާ ހޯދި މައްސަލައިގައި ފުލުހުން އާންމުކުރި ފޮޓޯތަކުން ފެންނަ އެކަކަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މުވައްޒަފެއް ކަމަށް އެކުންފުނިން ބުނެފިއެވެ.

އެޗްޑީސީގެ ނަމުގައި ގުޅައިގެން، އޮޅުވާލައިގެން މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވާ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަން ފުލުހުން އިއުލާންކުރީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ.

ފުލުހުން އާންމުކުރި ފޮޓޯއިން ފެންނަ އެކަކު ލައިގެން ހުރީ އެމްޕީއެލްގެ ޔުނިފޯމެކެވެ.

މިކަމާ ގުޅިގެން "ވަން" އިން ސުވާލު ދެންނެވުމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ މިއަދު ވިދާޅުވީ ފުލުހުން އާންމުކުރި ފޮޓޯއިން ފެންނަނީ އެކުންފުނީގެ މުވައްޒަފެއްކަން ފާހަގަވެފައިވާ ކަމަށެވެ.

ޝާހިދު ވިދާޅުވީ އެކަން ފުލުހުންނަށްވެސް އަންގާފައިވާ ކަމަށެވެ. އަދި މިއީ ތަހުގީގު ކުރަމުން އަންނަ މައްސަލައެއް ކަމަށް ފުލުހުން ބުނެފައިވާ ކަމަށާއި މި މައްސަލަ ތަހުގީގުކޮށް ނިމުމުން އެ މުވައްޒަފާމެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

އެމްޕީއެލްގެ މީޑިއާ އޮފިޝަލު "ވަން" އަށް މިއަދު ވިދާޅުވީ މި މައްސަލަ މިހާރު އެ ކުންފުނީގެ ޑިސިޕްލިނަރީ ކޮމެޓީންވެސް ބަލަމުން އަންނަ ކަމަށެވެ.

ފުލުހުން ވަނީ މި ދެމީހުން ފެންނަ ވީޑިއޯއެއްވެސް އާންމުކޮށްފައެވެ.

މި މައްސަލަ އާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ މި މައްސަލައިގައި ހިމެނޭ އެކަކު ދެނެގަނެވިފައިވާ ކަމަށެވެ. ނަމަވެސް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް އޮފިސަރު ވިދާޅުވިއެވެ. އަދި މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.