ޔޫރަޕްގެ ގިނަ ކްލަބުތަކަކުން ލޯ އަޅަމުންދާ ފްރާންސްގެ ޒުވާން ތަރި ކްރިސްޓޮފާ އެންކުންކޫގެ މެޑިކަލް ޗެލްސީން ފުރިހަމަކޮށްފިއެވެ.

އިތުބާރު ނޫހެއް ކަމަށްވާ ބިލްޑުން ބުނެފައި ވަނީ މީގެ ދެ ހަފުތާ ދުވަސް ކުރިން ޖަރުމަނުގައި ޗެލްސީގެ މެޑިކަލް ސްޓާފުން ތިބެގެން އެންކުންކޫގެ މެޑިކަލް ފުރިހަމަ ކޮށްފައިވާ ކަމަށެވެ. އުމުރުން 24 އަހަރުގެ އެންކުންކޫ މިވަގުތު ކުޅެމުން ދަނީ އާރްބީ ލެއިޕްޒިގަށެވެ.

އެކަމާ ގުޅޭގޮތުން މަޝްހޫރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ބުނެފައިވަނީ މެޑިކަލް ފުރިހަމަ ކުރިކަން ޔަގީންވާ ކަމަށާއި، މިހާރު ކުރިއަށްދަނީ އޭނާގެ ޓްރާންސްފާ ފީގެ މަސައްކަތް ކަމަށެވެ.

ބެލެވޭ ގޮތުގައި ޗެލްސީން އެންކުންކޫ ގެންދަން ތައްޔާރުވަނީ އަންނަ ސީޒަނުގައެވެ. އެއީ އޭނާގެ "ބައި އައުޓް ކްލޯސް" އެކްޓިވޭޓް ކޮށްގެންނެވެ. އެންކުންކޫ ލެއިޕްޒިގާއެކު ހަދާފައިވާ އެއްބަސްވުމުގައިވާ ގޮތުން އޭނާގެ ރިލީސް ފީއަކީ 52 މިލިއަން ޕައުންޑެވެ. އެހެންކަމުން "ބައި އައުޓް ކްލޯސް" އެކްޓިވޭޓްކޮށް، ޗެލްސީއަށް މާކެޓުގެ އަގަށްވުރެ ކުޑަކޮށް އެންކުންކޫ ގެންދެވުމުގެ ފުރުސަތު އެބައޮތެވެ.

ޖަރުމަނު ބުންޑަސްލީގާގެ މިދިޔަ ސީޒަނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި އެންކުންކޫ ވަނީ މިދިޔަ ސީޒަނުގައި ބަޔާނަށް ކުޅުނު 52 މެޗުން 35 ގޯލު ޖަހައިދީފައެވެ. ބަޔާންގެ ކުރިން ޕީއެސްޖީގައިވެސް ކާމިޔާބީތަކެއް ހޯދި އެންކުންކޫއަކީ މިހާރު ފްރާންސް ގައުމީ ޓީމުގެވެސް މުހިއްމު ކުޅުންތެރިއެކެވެ.

ޗެލްސީން ވަނީ މިދިޔަ ޓްރާންސްފާ ސީޒަނަށްވެސް ބޮޑެތި ހަރަދުތަކެއް ކޮށްފައެވެ. އެގޮތުން 200 މިލިއަނަށްވުރެ ބޮޑު ހަރަދެއް ޓްރާންސްފާތަކަށްވެސް ކޮށްފައެވެ. އެހެން ނަމަވެސް އެ ޓްރާންސްފާތަކުގެ އެންމެ އެކަށޭނެ ފައިދާ ޓީމުން ނުފެންނަ ކަމަށްބުނެ ގިނަ ބަޔަކު ވަނީ ވެރިޔާ ޓޮޑް ބޯލީއަށް ފާޑު ކިޔައިފައެވެ. ބޮލީއަށް ފާޑުކިޔުން އަމާޒުވީ، ކްލަބު ގަނެ އޭނާ ޓްރާންސްފާތަކާ ހަވާލުވެފައިވާތީއެވެ.

ބޯލީ ވަނީ ޗެލްސީގެ ޗެއާމަންކަމާ ހަވާލުވެ، ބަދަލުތަކެއް ގެނައި ގެނައުމުގައި އެ ކްލަބުގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުގައި ހުރި، ޕީޓާ ޗެކް އެ މަގާމުން ދުރުކޮށްފައެވެ. އޭގެ ފަހުން މި ޓްރާންސްފާ ސީޒަނުގައި ސީދާ ބޯލީ ކްލަބުތަކާ މަޝްވަރާކުރި އިރު، ޗެލްސީގެ ޓްރާންސްފާތަކަށް ވަނީ ބައެއް ފާޑުކިޔުންތައް އަމާޒުވެފައެވެ.

އެހެން ނަމަވެސް އެންކުންކޫގެ ޓްރާންސްފާ ކުރިއާލައި ނިންމާލެވިއްޖެ ނަމަ، އެ ޓްރާންސްފާ ވެގެންދާނީ ސަޕޯޓަރުންގެ ހިތްހަމަޖެހުމަކަށް ކަމަށް ގިނަ ބަޔަކު ދެކެއެވެ.