ދުނިޔޭގެ ފެންވަރުގެ ޓޫރިޒަމް އިންޑަސްޓްރީއެއް ތައާރަފުކުރީ ދިވެހިން ކަމަށާއި ރާއްޖޭގެ ރިސޯޓުތަކުގެ އިސް މަގާމުތަކުގައި ތިބި ބޭރުގެ ފަރާތްތަކާ ވާދަކޮށް އެ ވަޒީފާތައް ދިވެހިންނަށް ހޯދޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ކޮރްސްރޯޑުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖެ ވާދަކުރަން ޖެހިފައިވަނީ ދުނިޔޭގެ އެންމެ މަތީ ފަންތީގެ ޓޫރިޒަމާ ކަމަށާއި އޭގެ ތެރޭގައި އެންމެ ބޮޑެތި ހޮޓަލް ޗެއިންތައް ވެސް ހިމެނޭ ކަމަށެވެ. އަދި ވިދާޅުވީ އެ ލެވެލްގައި ވާދަކުރާއިރު، ބޭނުންވަނީ ވަޒީފާއަށް އެންމެ ކޮލިފައިޑް މީހުން ކަމަށާއި އެފަދަ މީހުން ހަމައެކަނި ރާއްޖެއިން ލިބެން ނެތް ކަމަށެވެ.
ރައީސް ވިދާޅުވީ ބޭރުގެ ކޮލިފައިޑް ފަރާތްތަކަށް ރިސޯޓުތަކުގެ އިސް މަގާމުތައް ހޯދުމުގެ ފުރުސަތު ޓޫރިޒަމް މިނިސްޓްރީން ހުޅުވާލާފައި އޮންނަންވާނެ ކަމަށެވެ. އަދި ދިވެހިންނަށް ވެސް ބޭނުންވާ ދޮރުތައް ހުޅުވައިދީ، ބޭރުގެ ފަރާތްތަކާ ވާދަކޮށް، ވަޒީފާ ޔަގީން ކުރުމުގެ ފުރުސަތު މިހާރު އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ.
"ހަމައެއާއެކީ ދިވެހިންނަށް ހުޅުވިފައިވާ ދޮރު ފުޅާ، ފަސޭހަމިނަށް ކޮންމެ ރޮގަކުން ތައުލީމު ހާސިލުކޮށް ތަމްރީނު ހޯދާ އެފަދަ މީހުންނާ ވާދަކޮށް މަގާމުގެ ކުރިއެރުން ހޯދުމުގެ ފުރުސަތު މިއަދު ދިވެހިންނަށް އެބައޮތް. އަޅުގަނޑުމެން މިތިބީ ދުނިޔޭގެ ފެންވަރުގެ ޓޫރިޒަމް އިންޑަސްޓްރީއެއް ތައާރަފުކޮށް. މިކަންކުރީ ދިވެހިން، އެހެން ކަމަށްވާނަމަ މިތަނުގެ މަސައްކަތް ކުރާނެ މީހުންވެސް އަޅުގަނޑުމެންނަށް އުފެއްދޭނެ، ދިވެހިން އުފެއްދޭނެ. އެހެންނަމަވެސް އެ ވާދަކުރުމުގެ ފުރުސަތު ބޭރު ފަރާތްތަކާ އެކީ އެ އޮންނަން ޖެހޭނެ،" ރައީސް ވިދާޅުވިއެވެ.
ޓޫރިޒަމް މަސައްކަތް ފެށިއިރު ރާއްޖޭގައި އެކަމަށް ބޭނުންވާ ތަމްރީނު ލިބިފައިވާ މީހުންނާއި ވަސީލަތް ނެތް ކަމަށާއި އަދި އެފަދަ ހާލަތެއްގައި ފަށައިގަތް ޓޫރިޒަމް، މިއަދު ދުނިޔޭގެ އެއްވަނަ ޓޫރިޒަމް ޑެސްޓިޝޭޝަންގެ ގޮތުގައި ވެފައި މިވަނީ ދިވެހިން ކުރި ބުރަ މަސައްކަތުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި އެކަން ހާސިލުވީ ޓޫރިޒަމްގެ ބާނީންގެ ނުގުޑާ އަޒުމާއި ހިތްވަރުންގެ ސަބަބުންނެވެ. އަދި މިރޭ ފާހަގަކުރަނީ އެ ބޭފުޅުން ކުރެއްވި ބުރަ މަސައްކަތް ކަމަށް ރައީސް ވިދާޅުވިއެވެ.
ދުނިޔޭގެ އެއްވަނަ ޑެސްޓިނޭޝަނަށް ޝަރަފުވެރި މަގާމު ލިބުމުން، އެ މަގާމު އަލުން ދަމަހައްޓަން ކުރަން ޖެހިފައިވާ މަސައްކަތް ބުރަވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖެއިން މި މަގާމު ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ މެހުމާންދާރީ އަދާކުރުން ކަމަށެވެ. އަދި ގުދުރަތީ ރީތިކަމާއި ގޮނޑުދޮށާއި މޫދާއި ފަރުތައް ދެމެހެއްޓެނެވި ގޮތަކަށް ހިމާޔަތްކުރެވެން ޖެހޭ ކަމަށެވެ. އަދި ރާއްޖޭގެ ބްރޭންޑެއްގެ ގޮތުގައި ބެލިވިފައިވާ "ވަން އައިލެންޑް ވަން ރިސޯޓް ކޮންސެޕްޓް ދަމަހައްޓަން ޖެހޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު