ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފަށައިފިއެވެ.
އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން މިރޭ ބުނީ، ޖޭއެސްސީ އެކުލެވިގެންވާގޮތް މުރާޖައާކޮށް ދިވެހިރާއްޖޭގެ ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށްޓަކައި އެކުލަވާލަންޖެހޭ ގާނޫނުތަކުގެ މަސައްކަތް އެ އޮފީހުން ފަށާފައިވާ ކަމަށެވެ.
"ޖޭއެސްސީއަކީ ދެފުށް ފެންނަ، ސިޔާސީ ނުފޫޒުން މިނިވަންވެފައިވާ މުއައްސަސާއެއްކަން ކަށަވަރުކުރުމަށްޓަކައި، ކަމާގުޅޭ ބައިނަލްއަގުވާމީ ހަމަތަކާއި އުސޫލުތަކަށް ރިއާޔަތްކޮށް، އެ ކޮމިޝަން އެކުލެވިގެންވާ ގޮތް އިސްލާހުކުރުމަށްޓަކައި ގާނޫނުއަސާސީގެ 158 ވަނަ މާއްދާއަށް ގެންނަންޖެހޭ އިސްލާހުތައް އެކުލެވޭ ބިލު އެކުލަވާލައި، ހިނގަމުންމިދާ ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ތެރޭގައި ހުށަހެޅުމަށް ވަނީ ގަސްދުކޮށްފައި،" އޭޖީ އޮފީހުން ބުންޏެވެ.
ޖޭއެސްސީގެ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ހުށަހަޅާ ބިލު އެކުލަވާލުމަށް ސުޕްރީމް ކޯޓު، ހައި ކޯޓު، ދަށު މަރުހަލާގެ ކޯޓުތައް އަދި ޖޭއެސްސީ އާއި އެނޫންވެސް ކަމާބެހޭ ފަރާތްތަކާ އެކު އަންނަ ހަފުތާގައި ބައްދަލުވުންތައް ބާއްވާނެ ކަމަށް އޭޖީ އޮފީހުން ބުންޏެވެ.
ސަރުކާރުން ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ހުށަހަޅަން ނިންމާފައިވަނީ ކޮން ގޮތަކަށްއް ކަމެއް ހާމައެއް ނުކުރެއެވެ.
ޖޭއެސްސީ އެކުލެވިގެންވާގޮތް މުރާޖައާކޮށް އިސްލާހު ކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ.
ޖޭއެސްސީ އެކުލެވިފައިވާ ގޮތް ބަދަލުކުރަން އެންމެ ބޮޑަށް ވަކާލާތު ކުރެއްވީ ރައްޔިތުން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އެ މަނިކުފާނަކީ ރައްޔިތުން މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގައި އިންނަވާ މެމްބަރެކެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވަނީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރަން ޖެހޭ ކަމަށް އެކިފަހަރު މަތިން ވިދާޅުވެފައެވެ.
ސަރުކާރުގެ ފަރާތުން ޖޭއެސްސީން އެކުލެވިފައިވާގޮތް ބަދަލުކުރުމުގެ ވައުދު ނުފުއްދާތީ އެކޮމިޝަން އެކުލެވިފައިވާ ގޮތް ބަދަލުކުރުމަށް ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވަނީ ތިން ފަހަރެއްގެ މަތިން މަޖިލީހަށް ހުށަހަޅައިފައެވެ. ނަަމަވެސް އެމްޑީޕީ މެމްބަރުން ވަނީ ކޮންމެ ފަހަރަކު އެ މައްސަލަ ބޭރުކޮށްލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު